އާޒިމް ވިދާޅުވި ގޮތުގައި، މަޖިލިސް ރައީސް ކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން އުޅެނީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިލައްވަން ޖެހުނު ބޮޑު ނާކާމިޔާބީ އަށް ފަހު އެމަނިކުފާނުގެ "ހިތަށް ތަސައްލީއެއް ގެނެސްދިނުމަށްޓަކައި" އެވެ.
ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
26 އޮކްޓޯބަރ 2023 - 23:05
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އުޅެގެން އެމްޑީޕީން އަނެއްކާވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސް އިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ "ކުޅޭކުޅޭ މައްސަލައަކަށް" އެމްޑީޕީން ހަދައިފި ކަމަށެވެ. އެމްޑީޕީން ބޭނުންހާ ގޮތެއް ހަދަން އެ ޕާޓީން ފުރުސަތު ދީގެން ބަލަން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބޭއްވޭނެ ކަމާ މެދު ސުވާލު އުފައްދާފައި ވަނިކޮށް، އަންނަ އާދިއްތަ ދުވަހަށް ޖަލްސާ ތާވަލުކޮށް، އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ. މަޖިލީހުގެ އިދާރާއިން އާންމުކުރި އާދިއްތަ ދުވަހުގެ އެޖެންޑާގައި އޮތީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުން އެކަންޏެވެ.
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވެފައިވާއިރު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިގެން އަނެއްކާވެސް އެ ޕާޓީ "ބޮޑުތަނުން ބަލިވާނެ" ކަމަށް އާޒިމް ވިދާޅުވި އެވެ.
އަނެއްކާވެސް އެމްޑީޕީ ތި ދަނީ ބަލިވާންށޭ، ބޮޑުތަނުން ބަލިވާންށޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގައި ތިބެގެން، މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާފައި އޮތް ހުށަހެޅުން ބަލައިގަނެގެން ވަކިކުރެވޭނެ އެއްވެސް ގޮތެއް، އެ ފުރުސަތެއް ނުދޭނަމޭ: އާޒިމް
"އަނެއްކާވެސް އެމްޑީޕީ ތި ދަނީ ބަލިވާންށޭ، ބޮޑުތަނުން ބަލިވާންށޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގައި ތިބެގެން، މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާފައި އޮތް ހުށަހެޅުން ބަލައިގަނެގެން ވަކިކުރެވޭނެ އެއްވެސް ގޮތެއް، އެ ފުރުސަތެއް ނުދޭނަމޭ،" އޭނާ ވިދާޅުވި އެވެ.
"ޑިމޮކްރެޓްސް އިން އެ ފުރުސަތު ނުދޭނަން."
އާޒިމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ ވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި "ފުނޑުފުނޑުވެފަ" އެވެ. ދައުލަތުގެ ހުރިހާ ބާރެއް ލިބިގެން ވެސް އެ ޕާޓީއަށް އެއްވެސް ނަތީޖާއެއް ނުނެރެވި ރައްޔިތުންގެ ކުރިމަތީގައި ފެއިލްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނާގާބިލު ކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ނަޝީދު ވަކިކުރަން ވެސް އުޅެނީ، ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިލައްވަން ޖެހުނު ބޮޑު ނާކާމިޔާބީ އަށް ފަހު އެމަނިކުފާނުގެ "ހިތަށް ތަސައްލީއެއް ގެނެސްދިނުމަށްޓަކައި" ކަމަށް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ކުރީގެ ކޮލީގުން، އެމްޑީޕީގެ މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ ރިޔާސީ އިންތިހާބަކުން ބަލިވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހޭ ސަބަބެއް ނޫނޭ. އެހެން ކަމަށް ވަންޏާ މި ކަހަލަ ވާދަވެރި އިންތިހާބުތަކުގައި ރައީސް ވާދަނުކުރައްވާ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ވަނީ ނަޝީދު ވަކިކުރުމުގެ މައްސަލަ ނުނިންމާހާ ހިނދަކު މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ދެން ނުކުރާނެ ކަމަށް ވެސް ބުނެފަ އެވެ. އަދި ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ބަލައިނުގަންނާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ކުރިން ވެސް ނަޝީދު ވަކިކުރަން އެމްޑީޕީން މަސައްކަތް ކުރި އެވެ. ނަމަވެސް، އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް އެ މައްސަލަ އަނބުރާ ގެންދިޔައީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑުހަސަނު
28 October 2023
މަޖުލިސްގެ ނިޒާމް އޮންނަ ގޮތަށް ޑިކްޓޭޓަރު ޕާޓީން ވެސް ޢަމަލުކުރަން ވެެއްޖެދޯ. ޑިމޮކްރެޓްސްއޭ ކިޔައިގެން ތިއުޅެނީ ހާދަހާ އައްޗިކޮންނޭ. މެޖޯރިޓީ އޮތް މީހުން ބޭނުންވެގެން ރައީސްކަން ދީފައި ހުރީ. އެމީހުން އިތުބާރު ގެއްލުނީމަ ރައީސްކަން އަތުލުން އެއީ އޭގެޒާތުގައި ވެސް ކަން ހިނގާނެގޮތް. އެކަން ކުރަން އުޅޭތީ މަޖުލިސް ހިސާރުކޮށްގެން ތިބުމަކީ ތިމާމެންގެ ގޮތްކުޑަކަން. ޑިމޮކްރަސީއަށް ކުފޫހަމަނުވާކަން. ހަޖަމުގެ މައްސަލަތަކެއް ހުންނަކަން.
މާހިރު
28 October 2023
އެމް.ޑީ.ޕީ ބަލިވިޔަސް ގަދަވިޔަސް މަޖިލިސް ރައީސްކަމުން އަންނި ވަކިކުރަންޖެހޭ. ޑިމޮކްރެޓުންނަކީ ލާދީނީ ފިކުރުގެ ބޭފުޅުންކަން އެންމެނަށްވެސް އެނގޭ. އަންނި އަކީ އެފިކުރުގެ ލީޑަރު. ހުޅަނަގުގައި އޮންނަފަދަ މުސްލިމުންނަށް ހައްގު ނޯންނަ ޑިމޮކްރަސީއެއް ރާއްޖެއަކަށް ބޭނުމެއްނޫން.
ައަބްލޯ ރީފު
28 October 2023
ވާނެބާ މިފަހަރު މިތިބީބަލަން ވާގޮތެއް
ފަރީދާގެ ސޮރު
28 October 2023
ކަލޯ ކަލޯވެސް ނުހޮވޭނެ ދެނެއް.
ޑދދފފފ
28 October 2023
ޢާޒިމޫ ހަޑިނަހާވަ ކަލެޭންމެންވެސް ޑިމޮކްރެޓިކް އުސޫލަށް ތަބާވެ މެޖޯރިޓީއަށް އިހުތިރާމް ކޮށްބަލަ.. ހިތުން ޑިމޮކްރެޓސްއޯ??
ސައްޙާފް
28 October 2023
އެމްޑީޕީ ބަލި ކީއްުރަން، ފުނޑިގެން ނަމަވެސް ނަޝީދު ސިޔާސީ ޕްލެޓްފޯމުން ބޭރުކުރންޖެހޭ. އެއީ ޤައުމަށް އެއްމެ ހެޔޮ މަންފާކުރާނެގޮތަކީ.
ޒުވާންރައީސް
28 October 2023
މީނާއަކީ ފޮނި އަނގަ ފޮނި ކިބުރުވެރި އަސްލު ގާނޫނީ އެއްވެސް ކަމެއް ހިނގާ ގޮތް ނޭގޭ އެފްއޭއެމް ގަ ހުރީ އިރު މުއްސަނދިވި ބޭކަލެއް
ޖުހާނާ
27 October 2023
އާޒިމޫ. "ބަލިވާންށޭ" މިއީ ދިވެހިބަހެއް ނޫން. ދިވެހިބަހުގައި ބުނާނީ "ބަލިވާށޭ" މިހެން. "އެމްޑީޕީ ތި ދަނީ ބަލިވާންށޭ" އޭ ނޫން ބުނާނީ. "އެމްޑީޕީ ތި ދަނީ ބަލިވާށޭ" ބުނާނީ. ތިމާއަކީ މާމޮޅު މީހަކަށް ހެދިގެން އުޅޭއިރު، ދިވެހިބަހުން ރަނގަޅަށް ވާހަކަދައްކަން ވެސް ނޭނގޭ މީހެއް ތިޔައީ.
ކޮޅި
27 October 2023
ގޮށްމުށުގެބާރުންގަދަ' ދައްކައިގެން' މަގާމުގަހުރުމަކީ' ޑިމޮކްރެޓިކުހަމަތޯ- ދަނޑިމޮރިކްސްއަކީމިއީދޯ
ކަނބިލި
27 October 2023
ޑިމޮކްރަޓުން ހާދަ ޚުދުމުޚުތާރުހެން ހީވޭ. ބަލަ ޕްރޮސީޖަރ ކުރިޔަށް ނުގެންދެވިގެން އުޅެނީ ސައިޒުވާނެތީ ދޯ. ތިޔަ ބުނާ ނަޝީދަކީ މިހާރު ކުޑަކުޑަ މީހެއް. ރައްޔިތުންގެ މާބޮޑު ތާއީދެއް އޮތް މީހެއް ނޫން. ހަޖަމުކުރޭ. މުގާބޭ ހެދިގެން ތިޔަ އުޅެންޏާ ހައްތާވެސް ހުޅުބުދާނީ.