ޚަބަރު / ހައި ކޯޓް

ދައުލަތުން އެދެނީ މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން؛ ކޯޓުން ބުނަނީ ކުރެވޭނެ ކަމެއް ނޫނޭ

މަދަނީ ގޮތުން ބައްޕަ ސާބިތުކުރަން ދައުލަތުން ވަނީ ކޯޓަށް ހުށަހަޅާފައި

ރާއްޖޭން ބޭރުގައި ދިވެހި ފިރިހެނަކު އިންޑޮނީޝިއާ އަންހެނަކާ ކައިވެނިކުރިތާ ހަތަރު މަސް ފަހުން އަންހެން މީހާއަށް ލިބުނު ދަރިއެއްގެ ބައްޕަ މަދަނީ މިންގަނޑުން ސާބިތުކުރަން ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅުމުން އެ ބާވަތުގެ މައްސަލަ އެ ކޯޓުން ނުބެލޭނެ ކަމަށް ރެޖިސްްޓްރާ ނިންމަވައި ކޯޓުން ނިންމި ނިންމުމަށް އެ ހައި ކޯޓުން ވެސް އިއްޔެ ތާއީދުކޮށްފި އެވެ.

މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ހުށަހެޅީ ކުއްޖާ އުފަންވިތާ ދުވަސްކޮޅެއް ފަހުން ކުއްޖާގެ މަންމަ ޕާސްޕޯޓް އާކުރަން ކަމަށް ބުނެ އޭނާގެ ގައުމަށް ދިޔަ ގޮތަށް އެނބުރި ނައުމުން ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ގެންދަން ޖެހުނު ހިސާބުންނެވެ. އެހެން ދިމާވީ ފިރިހެން މީހާގެ މަންމަ އެ ކުއްޖާ ބެލެެހެއްޓުމުގެ ހުރިހާ ކަމެއް ކުރަމުން ގޮސް، ކުއްޖާއަށް ފަސް އަހަރުވީ ފަހުން ދެން ކުއްޖާ ބެލެން ނެތް ކަމަށް ޖެންޑާ މިނިސްޓްރީއަށް އެންގުމުންނެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ނޮވެމްބަރު 28، 2012 ގައި ކުއްޖާ ގެންދިޔައީ ފިރިހެން މީހާގެ އާއިލާގެ އެއްވެސް މީހަކާ ޝަރުއީ އަދި ގާނޫނީ ގޮތުން ވެސް މި ކުއްޖާއާ ގުޅުމެއް ހުރި ކުއްޖަކަށް ނުވާތީ އެއިން މީހަކާ ކުއްޖާ ހަވާލުކުރެވޭނެ ގާނޫނީ ހަމައެއް ނެތުމުންނެވެ.

ފުރަތަމަ ހުށަހެޅީ ކުއްޖާއަށް ރައްޔިތުކަން ދޭން

މި މައްސަލާގައި ދައުލަތުން އެންމެ ފުރަތަމަ ދިޔައީ ސިވިލް ކޯޓަށެވެ. އެއީ ކުއްޖާ އަކީ ދިވެހި ރައްޔިތެއް ކަމަށް ކަނޑައަޅައި ގާނޫނުއަސާސީން ދިވެއްސަކަށް ލިބިދޭ ހުރިހާ ހައްގެއް އެ ކުއްޖާއަށް ހޯދައިދިނުމަށެވެ. އެކަމަކު އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދަނިކޮށް ކުއްޖާގެ ނަސަބު ސާބިތުކުރަން ދައުލަތުން އެހެން މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެހެންވެ ސިވިލް ކޯޓުން ނިންމީ ނަސަބު ސާބިތުކުރުމުގެ ބައި ނިމިގެން ނޫނީ ދިވެހި ރައްޔިތުކަމާ މެދު ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ. ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނުބެލޭނެ ކަމަށް ނިންމީ ނަސަބު ސާބިތުކުރުމުގެ މައްސަލަ ހުށަހަޅަންޖެހޭ ފޯމުން ހުށަހަޅާފައި ނުވާތީ އާއި އެފަދަ މައްސަލައެއް ހުށަހަޅާއިރު ފުރިހަމާވާންޖެހޭނެ ކަމަށް އާއިލާއާ ބެހޭ ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަ ނުވާތީ އަދި މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރުމަކީ ފެމިލީ ކޯޓުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތުގެ މައްސަލައަކަށް ނުވާތީ އެވެ.

އެހެންވެ ފެމިލީ ކޯޓުގެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.

ޖެހުނު މައްސަލަ

މި މައްސަލައިގައި ހިމެނޭ ދެ މީހުން ކައިވެނިކުރީ އޭޕްރީލް 19، 2007 ގައި ސްރީ ލަންކާގަ އެވެ. އެކަމަކު ކައިވެނިކުރިތާ ހަތަރު މަސް ތެރޭ ސެޕްޓެމްބަރު 9، 2007 ގައި އަންހެން މީހާ އައިޖީއެމްއެޗްގައި ވިހެއީ އެވެ. ކޯޓަށް ހުށަހެޅި ކުއްޖާގެ ފޫޅުމާ ފޯމުގައި ކުއްޖާގެ މަންމަގެ ގޮތުގައި އޮތީ އިންޑޮނީޝިއާ މީހާގެ ނަމެވެ. ބައްޕަގެ ނަން ލިޔަންޖެހޭ ތަނުގައި ރޮނގުބުރިއެއް ދަމާފައި އޮއްވައި އެތަނުގައި، ދިވެހި ފިރިހެން މީހާގެ ނަން ލިޔެފައިވާ ކަމަށާއި ސޮއެއް ވެސް އޮތް ކަމަށް ހުކުމުގައިވެ އެވެ. ފޯމު ފުރަން މައުލޫމާތު ދިނީ ކުއްޖާގެ ބައްޕަ ކަމަށް އޭގައި އޮތަސް، މައުލޫމާތު ދިން މީހާގެ ސޮއެއް ފޯމަކު ނެތެވެ.

ރާއްޖޭގައި ކަނޑައަޅާފައިވާ ހަމަތަކަކީ އިސްލާމީ ޝަރީއަތުގެ މަސްދަރުތަކުގެ ތެރެއިން އުފަންކުރެވިފައިވާ ދިވެހިންގެ އަގީދާ އާއި އާދަކާދައާ ގުޅިފައިވާ ކަންތައްތައް

ހައި ކޯޓުން ބުނީ މި ދެ މީހުން ސައްހަ ކައިވެންޏެއް ކުރި ކަމަށް ބެލި ނަމަވެސް ކުއްޖާ އުފަންވެފައިވަނީ ކައިވެނިކުރި ކަމަށް ބުނާ ތާރީހުން ފެށިގެން ހަތަރު މަހާއި 20 ދުވަސް ފަހުން ކަމަށެވެ. އެކަމަކު ވިހޭއިރު ބަނޑަށް 37 ހަފްތާ ކަމަށް ޖަހާފައިވެ އެވެ. އަދި ނުވަ މަސް ކަމަށް ލިޔެފައި އެތަން ކަނޑާލާފައި ވެސް އެ ފޯމުގައި އޮތް ކަމަށް ހުކުމުގައިވެ އެވެ.

އިސްލާމީ ޝަރީއަތުގައި އަދި އާއިލާއާ ބެހޭ ގާނޫނުގައި އަދި ގަވައިދުތަކުގައި ވެސް އިނދެގެން ހުރި ފިރިމީހާއަށް ދަރިލައްވާ ނުވަތަ އެއީ އޭނާގެ ދަރިއެއް ކަމަށް ބަލަންޖެހޭ އެންމެ ކުރު މުއްދަތަކީ ކައިވެނިކުރި ތާރީހުން ފެށިގެން ހިޖުރީ ގޮތުން ހަ މަސް ދުވަހެވެ. އަދި ވަރިކުރި ތާރީހުން ފެށިގެން ހިޖުރީ ގޮތުން އެއް އަހަރެވެ. އެހެންވެ މި މައްސަލައިގައި، ކުއްޖާ އަކީ ފިރިހެން މީހާގެ ދަރިއެއް ކަމަށް ޝަރުއީ ގޮތުން ކަނޑަނޭޅެނީ އެވެ.

މި ދެ މީހުން ސްރީ ލަންކާގައި ކުރި ކައިވެނި ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮތީ ކުއްޖާ އުފަންވި ފަހުންނެވެ.

"ހައިރާންވާންޖެހޭ، ދެކޮޅު ނުޖެހޭ ކަމެއް"

ފަނޑިޔާރު މުހައްމަދު ސަލީމްގެ ރައުޔުއަށް ތާއީދުކުރައްވައި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވެފައިވަނީ ދަރިލެއްވުމާއި ނަސަބު ސާބިތުކުރުން ފަދަ ކަންކަމުގައި ރާއްޖޭގައި އަމަލުކުރާ މައިގަނޑު ހަމައަކީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ހަމަ ކަމަށެވެ. ކައިވެނިމަތީގައި ލިބޭ ދަރިއަކު ނުވަތަ އެ ދެ މީހުން ކައިވެނިކުރުމުގެ ކުރިން ލިބިފައިވާ ދަރިއަކު ލެޖިޓިމޭޓް ކުރުމަށް އެހެން ބައެއް ޖޫރިސްޑިކްޝަންތަކުގައި ހުންނަ ގާނޫނުތަކާ ހިލާފަށް "ރާއްޖޭގައި ކަނޑައަޅާފައިވާ ހަމަތަކަކީ އިސްލާމީ ޝަރީއަތުގެ މަސްދަރުތަކުގެ ތެރެއިން އުފަންކުރެވިފައިވާ ދިވެހިންގެ އަގީދާ އާއި އާދަކާދައާ ގުޅިފައިވާ ކަންތައްތައް" ކަމަށް ހުކުމުގައިވެ އެވެ.

އިނދެގެން ހުރި މީހާއަށް ދަރި ލެއްވުމަކީ އާންމު އުސޫލުން އިސްލާމީ ޝަރީއަތުގައި ވެސް އޮތް ގޮތް ކަމަށާއި އެކަމަކު އިސްލާމީ ޝަރީއަތުގައި ކައިވެނިމަތީގައި ދަރިލައްވާ އެންމެ ކުރު މުއްދަތަކީ ވެސް ހިޖުރީ ގޮތުން ހަ މަސް ކަމަށާއި އަދަބު ލިބޭނީ ޒިނޭކުރި މީހާއަށް ކަމަށާއި ދަރީގެ ނަސަބު ޒާނީއަށް ނިސްބަތް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނާއި ގަވައިދުގެ ދަށުން އެ ކުއްޖާގެ ބަފަޔަކީ ކާކުކަން ކަނޑައެޅެން ނެތް ހާލަތުގައި ވަކި ފިރިހެނަކީ އެ ކުއްޖާގެ ބަފައި ކަމަށް ކަނޑައަޅައި ނިސްބަތްކޮށްފި ނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނީ އެ ފިރިހެނާގެ މައްޗަށް ގަޒުފަކަށެވެ

ހައި ކޯޓުން ބުނީ އަންހެން މީހާގެ ފިރިމީހާ އެ ކުއްޖާ އަކީ އޭނާގެ ދަރިއެއް ނޫން ކަމަށް ނުވަތަ ނަސަބު ނަފީކުރުމަށް އެއްވެސް ކަމެއް ކޮށްފައި އޮތްކަން އެނގެން ނެތް ކަމަށެވެ. އެކަމަކު އެ މީހާއަށް ކުއްޖާގެ ނަސަބު ނުލައްވާނެކަން ދައުލަތަށް ވެސް ގަބޫލުކުރެވި އެ ސުވާލު އޮއްވައި "އެހެން ދޮރަކުން ވަދެގެން" އެއީ އެ ފިރިހެން މީހާގެ ދަރިއެއް ކަމަށް ކަނޑައަޅަން އުޅެނީ ދައުލަތުން ކަމަށް ހައި ކޯޓުން ބުންޏެވެ.

"މިއީ ހައިރާންވާންޖެހޭ ފަދަ ދެކޮޅު ދިމާނުވާ ކަމެކެވެ." ފަނޑިޔާރު ނިޔާޒް ވިދާޅުވެފައިވެ އެވެ.

ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުން، ދައުލަތުގެ ދައުވާގައި ވެސް އެ ކުއްޖާ އަކީ ބައްޕަ ކަމަށް ބުނެ ފޯމުގައި ޖަހާފައިވާ މީހާއަށް ޝަރުއީ ގޮތުން ބައްޕަ ކަމުގައި ބެލެވޭނެ މީހެއް ނޫނެވެ. ދިވެއްސަކަށް އުފަން ކުއްޖަކަށް ނޫނީ ދިވެހި ރައްޔިތުން ދެވެން ނެތުމުން އެ ކުއްޖާއަށް ދިވެހި ރައްޔިތުކަން ދެވެން ނެތި ކުއްޖާ އަށް އުފަންދުވަހުގެ ސެޓްފިކެޓެއް އަދި އައިޑީ ކާޑެެއް ވެސް ހެދިފައި ނުވާކަން ވަނީ ބަޔާންކޮށްފަ އެވެ. އަދި ކުއްޖާ އަށް ދިވެހި ރައްޔިތުކަން ދެވެން ނެތް އިރު އަދި ކުއްޖާގެ މަންމަ ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވެ އިންޑޮނީޝިއާގެ ރައްޔިތުކަން ވެސް ކުއްޖާއަށް ނުލިބި އޮތުމުން ކުއްޖާގެ މަސްލަހަތުގައި އޮތް ގާނޫނީ ހައްލަކީ ކުއްޖާއަށް ދިވެހި ރައްޔިތުކަން ދިނުން ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ހައި ކޯޓު: މަދަނީ ގޮތުން ބައްޕަ ކަނޑަނޭޅޭނެ ކަމަށް ހައި ކޯޓުން ވަނީ ބުނެފައި. --- ފޮޓޯ/މިހާރު

އެކަމަކު ހައި ކޯޓުން ބުނީ އެ ކުއްޖާ އަކީ ވަކި ފިރިހެނެއްގެ ދަރިއެއް ކަމަށް ކަނޑައަޅަން ދައުލަތުން ކުރާ ކަމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނާއި ގަވައިދުގެ ދަށުން އެ ކުއްޖާގެ ބަފަޔަކީ ކާކުކަން ކަނޑައެޅެން ނެތް ހާލަތުގައި ވަކި ފިރިހެނަކީ އެ ކުއްޖާގެ ބަފައި ކަމަށް ކަނޑައަޅައި ނިސްބަތްކޮށްފި ނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނީ އެ ފިރިހެނާގެ މައްޗަށް ގަޒުފަކަށެވެ." ހުކުމުގައިވެ އެވެ.

ނަސަބު ސާބިތުކުރާނެ ގޮތް އާއިލާއާ ބެހޭ ގާނޫނާއި އޭގެ ދަށުން ހުރި ގަވައިދުތަކުގައި ބަޔާންކޮށް އެކަމުގެ ދޮރު ހުޅުވިފައި ވަނިކޮށް، ނަސަބާ މެދު އަސްލު ސުވާލުކުރަންޖެހޭ ފަރާތުން ސުވާލު ނުކުރަނީސް، ދައުލަތުން ބޭނުންވާ ވަކި ނަތީޖާއެއް ހާސިލްކުރަން، ދައުލަތުން ވަލުދޮރާއްޓާ ދިމާލަށް ހިނގުމަކީ އަހުރެންނަށް ގަބޫލުކުރެވޭ ކަމެއް ނޫން" ކަމަށް މި ހުކުމުގައި ފަނޑިޔާރު މުހައްމު ނިޔާޒްގެ ރައުޔުގައިވެ އެވެ.

އޭނާ ވިދާޅުވެފައިވަނީ ދައުލަތުން ވިޔަސް، ހައްގު ހޯދައިދިނުމަަށް ކުރާ މަސައްކަތަކީ ޖަޒުބާތީ ގޮތުން ކުރާ ކަމަކަށްވުރެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.

އުޅެނީ "ޝަރުއީ ބައްޕަ" އަދި "ގާނޫނީ ބައްޕަ" ތައާރަފްކުރަން

ފަނޑިޔާރު ވިދާޅުވީ މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރުމަކީ ރާއްޖޭގައި އަމަލުކުރާ އާއިލާއާ ބެހޭ ގާނޫނާއި ގަވައިދާއި އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މަފްހޫމެއް ކަމަށް ބުރަ ނުވެވޭ ކަމަށެވެ.

"ވީމާ، 'ޝަރުއީ ބައްޕަ' އަދި 'ގާނޫނީ ބައްޕަ' ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއަށް ތައާރަފްކުރުމަށް ދައުލަތުން މި ކުރާ މަސައްކަތަކީ، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމާއި ޝަރުއީ ހަމަތައް ނުދަންނަ، އަދި ދިވެހިންގެ އަގީދާ އާއި އާދަކާދައާ ދުރު ބީރައްޓެހި މަފްހޫމްތަކެއްކަމުގައި ނޫނީ އަހުރެންނަކަށް ނުފެނެއެވެ." ފަނޑިޔާރު ނިޔާޒް ވިދާޅުވެފައިވެ އެވެ.

ފަނޑިޔާރު ވިދާޅުވީ މިކަމުގެ ސަބަބުން ނޭދެވޭ އެތައް ނަތީޖާއެއް ކުރިމަތިވެދާނެ ކަމަށެވެ.

މި ކުއްޖާ އަކީ އިންޑޮނީޝިއާ މީހެއްގެ ދަރިއެއްކަން ސާބިތުވާއިރު އެ ކުއްޖާއަށް އިންޑޮނީޝިއާގެ ރައްޔިތުކަން ހޯދައިދޭން ދައުލަތުން އެކަށީގެންވާ މަސައްކަތްކޮށްފައި ނެތްކަން ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. ދިވެއްސަކަށް އުފަން ކޮންމެ ކުއްޖަކަށް ދިވެހި ރައްޔިތުކަން ލިބެންޖެހޭނެ ކަމަށާއި އެކަމަކު އެކަން ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނީ ނިޒާމުގައި އެކަން ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ބުނެ ހައި ކޯޓުގެ ހުކުމުގައި ވަނީ ފޫޅުމާ ފޯމުގައި ކުއްޖާ ނިސްބަތްވާ ކަމަށް ބުނާ ފިރިހެން މީހާއަށް ކުޑަމިނުން ދައުވާ ރައްދު ވެސް ކޮށްފައި ނެތް ކަމަށެވެ.

ދިވެއްސަކަށް އުފަން ކޮންމެ ކުއްޖަކަށް ދިވެހި ރައްޔިތުކަން ދޭންޖެހޭނެ ކަމަށް ބަލައިގެން އެކަން ކުރާ ނަމަ އެ ކުއްޖާ އަކީ ނަސަބާ މެދު ސުވާލު އުފެދޭ ހާލަތުގައި ހުރި ކުއްޖެއް ނަމަ ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ މަތިން ކުއްޖާގެ ނަސަބު ސާބިތުކުރަންޖެހޭނެ ކަމަށް ހައި ކޯޓުން ވެސް ބުންޏެވެ.

މި މައްސަލައިގައި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ ރައުޔު ތަފާތެވެ. އެ ރައުޔުގައި ވަނީ ފެމިލީ ކޯޓުގެ ރެޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށް ފެމިލީ ކޯޓުން ނިންމި ނިންމުން ބާތިލްކޮށް، އެއީ އެ ކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށެވެ.

61 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 61%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަންގުު

28 October 2023

ތިޔަ ކުއްޖާއަށް ހަމްދަރުދީވަމެވެ. ތިޔަކުއްޖާ ދިވެހި ފިރިހެނާއަށް ލައްވައެއް ނުލައެވެ. ލައްވާނުލާ ކުއްޖަކަށް ދިވެހި ރައްޔިތެއްކަންދީދިނަމަ މިރާއްޖޭގައި މިތިބަ ބިދޭސީންގެ ތެރެއިން އެއްވެސް ގައުމެއް ސާބިތުނުވާ މީހުންނަށްވެސް ދިވެހިރައްޔިތުކަން ދޭން ޖެހޭނެއޭ އެމީހުން ބުނާނެއެވެ.

The name is already taken The name is available. Register?

ހައުލީ

28 October 2023

ކުއްޖާގެ ބަޔޮލޮޖިކަލް ބަފަޔަކީ ކާކުކަން އެގިގަތުމަކީ ކުއްޖާގެ ހައްގެއް.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

28 October 2023

މާތްﷲ ދެނެވޮޑިގެންވާނީ ކާކުގެ މަނިން ކަން ތިޔަ މައުސޫމު ޔަތީމު ކުށްޖާ އުފަން ވެގެން އުޅެނީ. ކޮންމެ އަކަސް އެކުއްޖާއާއި ހަވާލުވާނެ މަންމަ އެއް ވެސް އަދި ބައްޕަ އެއް ވެސް ނެތް. ދައުލަތުން ކުރަން ޖެހޭ ކަމަކީ ތިޔަ ކުއްޖާއަށް ދިވެހި ރައްޔިތު ކަން ދޭންވީ އަދި އޭގެ ފަހުން އެކުއްޖާ އެޑޮޕްޓް ކުރަން ބޭނުންވާ މީހަކަށް އެކުއްޖާ ދޭންވީ. މާތްﷲ ފުރާނަ އެޅުއްވި ކޮންމެ މަޚްލޫގަކަށް މިންވަރު ކުރެވިގެންވާ ރަހްމަތްތަކެއްވޭ.

The name is already taken The name is available. Register?

ހަމޭން

29 October 2023

އެކުއްޖާގެ މަންމަ އެބަ އިނގޭ، ދެން އަތްފުނާ އަޅައިގެންވެސް އެއާއިލާ ހޯދަންވީ. އެއީ ކުރެވޭނެ ކަމެއް. ރައްޔިތުކަން ދޭން ގޮތްގޮތަށް ބަދަލު ގެނައުމަކީ ކުޅޭކުޅޭ ކަމަކަށް ވެގެން ނުވާނެ.

The name is already taken The name is available. Register?

ކިނާރީ

28 October 2023

ތިއީއިންޑޮނޭޝިއާރ ގެ އަންހެނެއްގެ ދަރިއެއް . އެއީކަށަވަރު ކަމެއް . ބަފައި ކަށަވަރު ކުރަން އިދެގެން 4 މަސް ވީ ފިރިމީހާގެ ޑީއެންއޭނެގީމަ ބަފައި ކަން ކަށަވަރު ނުވީމަ ރާއްޖެ ގެ ރައްޔިތުކަން ނުދިނީމަ ތިކަން ނިމުނީ ކޮންހާބޭކާރު ހާސަރެއް ދަމާކަށް . އަންހެނަކަށް އެކަނި ދަރިއަކު ހެދޭތަ ؟

The name is already taken The name is available. Register?

ހަސީނާާ

28 October 2023

މައްސަލަ އަކީ އިސްލާމީ ޝަރީއާއޭ ކިޔާފައި ބައިކުޅަބައި ތަންފީޒު ކުރާތީ. ޒިނޭ ސާބިތުވޭ، އެކަމު ހައްދެއް ނުޖެހޭ، ރަޖަމެއް އަމުދުން ނުކުރެވޭ. އަބަދުވެސް ބެދެނީ އަންހެން މީހާ. ވިހާ ދަރިންގެ ބުރަ ދައުލަތަށް. ފިރިހެނާ އަނެއްކާވެސް މިފަދަ އެހެން ނާޗަރަންގީ އައިގެން ކުރިއަށް. ދިވެހި ކޯޓުތައް ދެ އޮޑިއަށް ދެފައި ލައިގެން ތިބުން ހުއްޓަންވެއްޖެ.

The name is already taken The name is available. Register?

ސަލަމް

28 October 2023

ނަސަބު ކަށަވަރު ކުރެވޭނެ ވަސީލަތް ހުރެމެ އެ ބޭނުން ކުރަން އުޒުރު ދައްކައި ކުއްޖާގެ ބަފަޔަކު ނެތްކަމަށް ހެދުމަކީ ނަސަބު އޮޅުވާލުން.

The name is already taken The name is available. Register?

ޝަރީއަތް

28 October 2023

އިސްލާމީ ޝަރީޢަތަކީ ކުޅޭ ކުޅިވަރެއް ނޫން

The name is already taken The name is available. Register?

ކަތްދައްތަ

28 October 2023

ޑީއެންއޭ އަކީ ނަސަބު ކަނޑައަޅާ ވަސީލަތެއްނޫން. އަންހެނަކާއި ފިރިހެނަކު ވަޠީޢަ ވުމުން ދަރިއަކު ލިބުނަސް ނަސަބެކޭ ނުކިޔާނެ. އަންހެނަކާއި ފިރިހެނަކު ޖިމަޢުވުމުން ދަރިއަކު ލިބުނީމާ ނަސަބޭ ކިޔަނީ. ޖިމާޢު ވެވޭނީ ވަކި ޝަރުޠު ތަކެއް ފުރިހަމަވެގެން ކުރުގޮތަކަށް ބުނާނަމަ ޞައްޙަ ކާވެންޏެއް ކޮށްގެން. ނަމަވެސް ވަޠީޢަވެދާނެ ކާވެނި ނުކޮށްވެސް، އެވެދާނެ ޒިނޭއަށްވެސް. މީގެ އިތުރުން ލިވާތު ކުރާމީހުންވެސް މިހާރު ދަރިން ހޯދާ. ހަމަ ނަސަބޭތަ ކިޔަންވީ.

The name is already taken The name is available. Register?

ާހައިރާންވެއްޖެ

28 October 2023

ހުރިހާ ގެއްލުމެއް ކުށެއްނެތް މައުސޫމް ކުއްޖަކަށް. މިއީތޯ އިންސާފަކީ؟

The name is already taken The name is available. Register?

ފްރައިޑޭ

28 October 2023

ކައިވެންޏެއް ކުރާނެ ކަމެއް ނެތް. ދަރި ލިބުނީމަ ޑީ.އެން.އޭ ހަދާނީ ޓެސްޓު ހަދާނީ . 18 އަހަރު ވެފައިވާ ހުރިހާ ދިވެހި ފިރިހެނުންގެ ޑީ.އެން.އޭ ސާމްޕަލް ދައުލަތަށް ނަގާފައި ބަހައްޓަނީ. ދެން ކުއްޖާގެ ޑީ.އެން.އޭ ސާމްޕަލް އާއި މެޗް ވާ ފިހެނަކާ ފެމެލީ ކޯޓުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ކުއްޖާ ހަވާލު ކުރާނީ. މިވެސް ގޮތެއް.

The name is already taken The name is available. Register?

ޝަމީމު ޙުސައިން

28 October 2023

18 އަހަރުން ދަށުގެ ޝަރުއީ ބަލަދުވެރިއެއް ނެތް މައުޞޫމު ކުއްޖެއް ، ދައުލަތުން " ހޮވި " ކުއްޖަކަށް ހަދާފައި ދިވެހި ރައްވެހި ކަން އެކުއްޖާއަށް ދިނީމަ އެ ނިމުނީ. މިބޮޑު ކަންތައް ގަނޑަކަަށް ހަދައިގެން ޝަރުއީ ޒިނޭ މަދަނީ ޒިނޭ އޭ ކިޔައިގެން މިއުޅެނީ ފޮރުވިފައިވާ ނުބައި މަޤަސަދެއް ޙާސިލުކުރަން އެކުއްޖާއަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫން ތި ޕީޖީ ގައި ތިއުޅެނީ . ޢެ ކުއްޖާފުޅު ބޭނުންކޮށް މިމީހުން ބޭނުންވާ ލާދީނީ ޕްރޮޕެގެންޑާއެއް ފަތުރަން މި އުޅެނީ.

The name is already taken The name is available. Register?

އެކްސިް

27 October 2023

މަދަނީ އާ ޝަރޫއީ އިން ބައްޕަ ކަމުން ބޯދަމައިގަތަސް ބައޮލޮޖިކަލް މިންގަނޑުން ސަލާމަތެއް ނުވާނެ ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454