ޑައިރެކްޓަރު އަނޫރާގު ކަޝްޔަޕް އާއި "ދަ ބަކިންހަމް މާޑާސް"ގެ މަންޒަރެއްގައި ކަރީނާ.
28 އޮކްޓޯބަރ 2023 - 07:40
ކަރީނާ ކަޕޫރުގެ އާ ފިލްމު "ދަ ބަކިންހަމް މާޑާސް"ގައި އޭނާ ދެއްކި އެކްޓިންނަށް ބޮލީވުޑްގެ ޑައިރެކްޓަރު އަނޫރާގު ކަޝްޔަޕް ތައުރީފުކޮށްފި އެވެ.
"ދަ ބަކިންހަމް މާޑާސް" ސިނަމާތަކުގައި ދައްކަން ފެށުމުގެ ކުރިން މި މަހު ކުރީކޮޅުގައި ވަނީ ބީއެފްއައި ލަންޑަން ފިލްމު ފެސްޓިވަލުގައި ދައްކައިފަ އެވެ. އަދި މިހާރު ކުރިއަށް ގެންދާ ޖީއޯ އެމްއޭއެމްއައި މުމްބައި ފިލްމު ފެސްޓިވަލުގެ އޯޕެނިންގައި ވެސް ވަނީ ދައްކައިފަ އެވެ.
މުމްބައި ފިލްމު ފެސްޓިވަލުން އެ ފިލްމު ބެލުމަށް ފަހު، އަނޫރާގުގެ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ އޭނާ މިހާތަނަށް ބެލި ކަރީނާގެ ފިލްމުތަކުގެ ތެރެއިން ކަރީނާ އެންމެ މޮޅު އެކްޓިންއެއް ދެއްކި ފިލްމު ކަމަށެވެ.
އަނޫރާގަކީ ވަރަށް މަދުން ނޫނީ މިގޮތަށް ތަރިންނަށް ތައުރީފު ކުރާ ޑައިރެކްޓަރެއް ނޫނެވެ.
"ދަ ބަކިންހަމް މާޑާސް" އަކީ "އޮމަރްތާ" އާއި "ޝާހިދު" ކަހަލަ ބޮލީވުޑްގެ ފިލްމުތައް ގެނެސްދީފައިވާ ހަންސަލް މެހެތާގެ ޑައިރެކްޝަނެކެވެ.
މި ފިލްމުގައި ކަރީނާ ކުޅެނީ ޑިޓެކްޓީވްއެއްގެ ރޯލެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ފިލްމުގައި ކަރީނާގެ އަމިއްލަ ދަރިފުޅު މަރުވާ ފަހުން ލިބޭ ކޭސްއެއްގައި އެކަނިވެރި މައެއްގެ ކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމަށް ކުރާ ކަންކަމުގެ މައްޗަށެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާ ދުވަހެއް އަދި ނޭނގެ އެވެ. އަދި އެ ފިލްމުގެ ޓްރެއިލާ ވެސް އާންމެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy