ދުނިޔެ / އަގްސާ ތޫފާން

އަމިއްލަ ދިފާއުގެ ހައްގު އިޒްރޭލަކަށް ނެތް: ރަޝިޔާ

އިޒްރޭލުން ދިން ހަމަލާއެއްގައި އަނިޔާވި މީހަކަށް ފަރުވާ ދިނުމަށް ގެންދަނީ.-- ފޮޓޯ: އޭއެފްޕީ

02 ނޮވެމްބަރ 2023 - 15:09

6 comments

އިޒްރޭލަކީ އިސްތިއުމާރީ ދައުލަތެއް ކަމަށާއި، އެހެންކަމުން މިހާރު ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުމުގައި އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގަކީ އިޒްރޭލަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ފަލަސްތީނު މައްސަލައާ ބެހޭ ގޮތުން އދ.ގެ އާންމު މަޖިލީހުގައި އިއްޔެ ބޭއްވި ޚާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ ދާއިމީ މަންދޫބު ވެސިލީ ނެބެންޒިޔާ ވިދާޅުވި ގޮތުގައި އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށް އިޒްރޭލަށް "ބްލޭންކް ޗެކެއް" ދިނުމަކީ އދ. މަޖިލީހަށް ވެސް ލިބިގެންވާ ހައްގެއް ނޫނެވެ.

"އިޒްރޭލުން ޣައްޒާ އަށް އަރައިގަނެ ފާޅުގައި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށް އަރައިގަންނަމުންދާ އިރު، އެކަން ނުފެންނަ ކަމަށް ހަދައިގެން އޮތުމަކީ ރަޝިޔާ އިން ކުރާނެ ކަމެއް ނޫން. ޣައްޒާގެ ބޮޑު ސަހަރެއް މިހާރު އެއޮތީ ބިމާ ހަމަކޮށްލާފައި،" ރަޝިޔާގެ ދާއިމީ މަންދޫބު ވެސިލީ ނެބެންޒިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އދ.ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން ކުރަމުންދާ ކަމަކީ، އިޒްރޭލު ބްިފައިން ޣައްޒާ އަށް އަރައިގަތުމުގެ މަގު ފަހިކޮށްދިނުމާއި އެކަމަކީ ގާނޫނީ އިމުގެ ތެރެއިން ކުރާ ކަމަކަށް ހެދުމެވެ. ނަމަވެސް، އެފަދަ "ބްލޭންކް ޗެކެއް" އެއްވެސް ގައުމަކަށް ދިނުމަކީ އދ.ގެ ސަލާމަތީ މަޖިލީހަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގެ މައްސަލަ ހައްލު ކުރުމަށްޓަކައި ސުލްހައިގެ ވާހަކަތައް ފެށުން މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ. ޑިޕްލޮމެޓިކް ގޮތުން މައްސަލަ ހައްލުނުކޮށް ތިއްބާ ވަގުތު ފާއިތުވެދާނެތީ ރަޝިޔާ ކަންބޮޑުވާ ކަމަށް ވިދާޅުވެ، އެކަމަށް އަވަހަށް މަސައްކަތް ފެށުމަށް އޭނާ ގޮވައިލެއްވި އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 27 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8800 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 22200 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3650 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2290 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ނުވަތަ، ހަމަލާތަކުގައި ހަށިގަނޑު ޗިސްވެގެން ވީނުވީއެއް ނޭނގި 2030 މީހަކު ގެއްލިފައިވާ އިރު، އޭގެ ތެރޭގައި 1120 ކުޑަކުދިން ވެސް ހިމެނެ އެވެ. މީގެ އިތުރުން، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިންގެ 132 މީހަކު ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުންޏެވެ.

ޣައްޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކުގައި ޝަހީދުވި މީހުންގެ އަދަދު 125 އަށްވުރެ އިތުރުވެއްޖެ އެވެ. އަދި އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ހުޅަނގު އައްސޭރިން ހައްޔަރުކުރި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 1830 އަށް ވުރެ މަތިވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދ ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 310 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

6 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 87%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމު އިދުރީސް

05 November 2023

ލަދު ހަޔާތް ކުޑައީ ޔޫކުރޭނުން މަރުވި ކުޑަކުދިންގެ އަދަދު މަދެއްނޫން މިނިވަން ގައުމެއް ފުޑާލާފަ ތިފަދަ ވާހަކަ ދައްކަނީ އަމިއްލަ އެދުމުގަ

އެބީ

03 November 2023

ކޮބާހޭ ޖުއްބާލީ ވެރީން.

އަފްރާސިޔާބު

02 November 2023

މިވަރު ކޮށްލާނެ ފަދަ އިސްލާމީ ގައުމެއް ނެތް. ޝުކުރިއްޔާ މރ. ޕުޓިން. ތިޔައީ ލީޑަރުންނަކީ.

އ

02 November 2023

އަމިއްލަ ދިފާއުގެ ބާރު ޔުކްރެއިނައް އެބައޮތްތަ.... ހެހެހެހެ

އަލި

02 November 2023

މިހާރުން މިހާރަށް އެކޮޅަށް ދާންބޭނުންވާ މީހުން ރަޝިއާއަށް ފޮނުވިދާނެ.ރަޝިއާއަކީ ހަތިޔާރުގެ ގޮތުން ވަރުގަދަ ބަަޔަކަށް ވެފަ ސީރިއާ އަދި އީރާންއާ ގުޅިފަވާ ގައުމަކަށް ވާތީ މިކަންކުރަން ފަސޭހަވާނެ.

ބީރުބޮލުވަޒީރު.

02 November 2023

ސުކުރިއްޔާ ޝުކުރިޔާ ރަސިއާގެ ސަފީރަށް. ޗައިނާ އަދި ރަސިއާގެ ސަބަބުން އިޒްރޭލަށް މިހާރުވަނީ ނަފުސާނީ ބައްޔެއް ޖެހިފަ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454