ކޭން އޭނާގެ ހެޓްރިކް ފުރިހަމަ ކުރުމަށްފަހު އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
05 ނޮވެމްބަރ 2023 - 12:01
ޑޯޓްމަންޑް (ނޮވެމްބަރު 5) - ޖަރުމަންގެ ޗެމްޕިއަން ބެޔާން މިއުނިކަށް ކުޅޭ އިނގިރޭސި ކެޕްޓަން ހެރީ ކޭން، ބުންޑެސްލިގާގައި ކާމިޔާބުކުރި ތިންވަނަ ހެޓްރިކާ އެކު 4-0 އިން ރަށޫން ބޭރުގައި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފި އެވެ.
ވިދިވިދިގެން 12 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމުގެ އަޒުމުގައި ތިބި ބެޔާނުން ވަނީ ފުރަތަމަ 10 މިނިޓު ތެރޭ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓުގައި ޑަޔޯ އުޕަމެކާނޯ އެޓީމަށް ލީޑު ނަގައިދިން އިރު، ލީޑު ފުޅާ ކުރި ގޯލު ކޭން ޖަހައިދިނީ އޭގެ ފަސް މިނިޓު ފަހުންނެވެ.
ކޭން މެޗުގައި ޖެހި ދެވަނަ ގޯލު ކާމިޔާބު ކުރީ 72 ވަނަ މިނިޓުގައި އެވެ. އަދި ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގަ އެވެ.
ކުރީގެ ޓޮޓެންހަމްގެ ފޯވާޑް ކޭން ވަނީ މި ސީޒަންގައި ބެޔާނަށް ބަދަލުވެ، މިހާތަނަށް ކުޅުނު 10 މެޗުން 15 ގޯލު ޖަހައިފަ އެވެ. ލަނޑު ލިސްޓުގެ އެއްވަނައިގައި ވެސް އޮތީ އޭނާ އެވެ. ހަމަ އެއާ އެކު އޭނާ ވަނީ މިހާތަނަށް ހަތަރު ގޯލު އެސިސްޓް ވެސް ކޮށްފަ އެވެ.
ރޭގެ މެޗުގެ ކުރިން ކޭން ވަނީ މިދިޔަ ހަފްތާ ޑާމްސްޓަޑް އާ ވާދަކޮށް 8-0 އިން މޮޅުވި މެޗުގައި ވެސް ހެޓްރިކް ހަދައިފަ އެވެ. އޭނާ ފުރަތަމަ ހެޓްރިކް ހެދީ ސެޕްޓެމްބަރު މަހު 7-0 އިން ބޯކަމް ބަލިކުރި މެޗުގަ އެވެ.
ޑާމްސްޓަޑް އާ ދެކޮޅަށް މިދިޔަ ހަފްތާ ކުޅުނު މެޗުގައި، ޓީމުގެ ކެޕްޓަން މެނުއެލް ނޯޔާ ވަނީ އަހަރެއް ތެރޭ ފުރަތަމަ ފަހަރަށް ކުޅެން ނުކުމެފަ އެވެ. ރޭ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ނޯޔާ ވަނީ މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ.
މި މޮޅާ އެކު ބެޔާން ލީގު ދެވަނައިގައި އޮތީ 10 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ދެ ޕޮއިންޓް އިތުރަށް ހޯދައިގެން އެއްވަނައިގައި އޮތީ ޗަބީ އޮކޮންސޯ ކޯޗު ކޮށްދޭ ބެޔާ ލެވަކޫސަން އެވެ.ޑޯޓްމަންޑް އޮތީ 21 ޕޮއިންޓާ އެކު ހަތަރުވަނައިގަ އެވެ.
ލެވަކޫސަން އިން ވަނީ ރަށުން ބޭރުގައި ރޭ 3-2 އިން ހޮފެއިންހަމް ބަލިކޮށްފަ އެވެ. ލެވަކޫސަން މިހާތަނަށް ލީގުގައި އަދި ބައްޔެއް ނުވާއިރު، އެއްވަރުވީ ހަމައެކަނި ބެޔާނާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
މިހާތަނަށް 20 ޕޮއިންޓް ހޯދައިގެން ފަސްވަނައިގައި އޮތް އާރުބީ ލައިޕްޒިގާ ވާދަކޮށް ލީގު ފުލުގައި އޮތް މެއިންޒް ވަނީ 2-0 އިން މޮޅުވެ، ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy