ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ނަޝީދު އާއި ނައިބު ރައީސް އީވާ އަބްދުﷲ އަދި މަޖިލީހުގެ އެހެން ބައެއް މެމްބަރުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
05 ނޮވެމްބަރ 2023 - 18:52
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ތަދައްހުލްވާން ޑިމޮކްރެޓްސްގެ ވަކިވަކި މެމްބަރުންނަށް ފުރުސަތު ނުދޭން ކޯޓުން ނިންމި ނަމަވެސް ސީދާ ޕާޓީން ތަދައްހުލްވާން ހުށަހަޅަން މިއަދު ނިންމައިފި އެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެ މައްސަލަ އަށް ތަދައްހުލްވާން އެ ޕާޓީގެ ނުވަ މެންބަރުންނަށް ފުރުސަތު ނުދޭން ސުޕްރީމް ކޯޓުން ނިންމުމުން، ޕާޓީގެ ފަރާތުން އެކަމަށް އެދެން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ އިންޓަރިމް ކޮމިޓީގެ ބައްދަލުވުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތަށް އެދި ކޯޓަށް ސިޓީ ފޮނުވުމުގެ ކަންކަން މިހާރު އަންނަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގައި ޑިމޮކްރެޓްސް އަށް ނިސްބަތްވާ ނުވަ މެންބަރުން ތަދައްހުލުވާން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ކޯޓުން ނިންމީ އެ ފުރުސަތު ނުދޭށެވެ. އެކަމަކު މި މަހުގެ 17 ގައި ވެރިކަމާ ހަވާލުވާ ޕީއެންސީ/ޕީޕީއެމް އިން އެ މައްސަލައަށް ތަދައްހުލްވާން ހުށަހެޅުމުން އެ ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.
ޑިމޮކްރެޓްސްގެ ވަކިވަކި މެމްބަރުންނަށް ތަދައްހުލް ނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ ދުސްތޫރީ މައްސަލައަކަށް ވާތީ ކަމަށް ވަނީ އަންގައިފަ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ސުޕްރީމް ކޯޓުގައި ފަށާއިރު ދައުވާ ލިބޭ ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރަނީ ބަންޑާރަ ނައިބެވެ.
މި މައްސަލާގައި ބަންޑާރަ ނައިބުގެ ފަރާތުން މަޖިލިސް ތަމްސީލް ކުރާއިރު، މި ދުސްތޫރީ މައްސަލަ އަކީ މަޖިލީހުގެ ނިންމުމާ ދެކޮޅަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައެކެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ އެއްވެސް މަސައްކަތެއް އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ކަނޑަނާޅާ ކުރިއަށް ނުގެންދެވޭނެ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާ އަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަން ޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތެރެއިން ބޭފުޅަކު ރިޔާސަތު ބެލެހެއްޓެވުމެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ވެސް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިލްމާ ޒާހިރު
06 November 2023
މުގާބޭ ހަމަ ގޮނޑީގަ ބައްދައިގެން ދޫނުކުރާން އެ ހުންނަނީ. ޕާރޓީގެ ނަން މޯލްޑިވްސް ޒަނޫ-އެފްޕީ އަށް ބަދަލުކުރަން ފެނޭ. އަދި ރައީސްކަމުގެ ބަދަލުގައި ތިޔަ ޕާރޓީން ކުރިމަތިލާނީ ޕާރޓީގެ މުގާބޭ ކަމުގެ މަޤާމަށް!
ޓޮކް
06 November 2023
އުސުތާޒު ހަސަނު ލަތީފު ކޯއްޗެއްތޯ ތިޔަ ހައްދަވަނީ.
ރަދީފު ބިން ރަފައިދާ
05 November 2023
ދެން މުޅިޕާޓީ އެކުގާތަ ކޯޓަށްވެސް ވަންނާނީ؟
ސައިޒް އޮޅިގެން ނޫޅޭ މަޗާ
05 November 2023
މިދެން މާ މޮޅުވެގަނެގެން އުޅޭ ބައެއް. %7 ވޯޓް ލިބުނީ، އެކަމަކު އުޅޭ ގޮތުން ހީވަނީ މިވަރު ބަޔަކު ނެތް ހެން. ތިމާ މީހާއަށް ތިމާމީހާގެ ސައިޒް އޮޅުނީމާ ވާނީ މިހެން.
ކުންފޫ ކަރާޓޭ
05 November 2023
ތަދައްޚުލްވާ މީހުންނާއި އެމްޑީޕީ އާއި ކޮނޑާއި ކޮނޑު ޖައްސާއިގެން ބޭރު ނުކުރެވޭތޯ ބަލާ ބަލަ!
ޢަހްމަދ
05 November 2023
މާލަސްވީމަ ބަލައިގަނެވޭކަށްނެތް. ނޭފަތު ކުރިޔަށްވުރެ ދުރަށް ނުވިސްނެންޏާ ވާނީ ތިހެން.
ބޮޑުމީހާ
05 November 2023
4000 ފްލެޓް ވަގަށް ނަަގައިގެން ބަހާލައިގެން އުޅޭ މައްސަލައަށް ތަދައްހަލުވާނެ ސިޔާސީ ޕާޓީއެއްވެސް ނެތީތޯ
އޮލަކެރަ ފަނިކެރަ
05 November 2023
ތިޔަ ދެޕާޓީން ޤައުމަށް މިހާރު ޖައްސަމުން ގެންދާ ނުހޮރުއްޕާން މިހާރު ސިފަކުރަނީ ސީދާ ޣައްދާރުން ކަމަށް. ތިޔައީ ދިވެހިޤައުމަށް ޖެހިފައިވާ ބަލާވެރިކަމެއް. ދިވެހިންނަށް ޖެއްސުންކޮށް ނުހޮރުއްޕާން ތިޔަކުރަނީ. އިސްތިއުފާދީފައި ގެއަށް ދޭބަލަ.
ފޮރި
05 November 2023
ކޯޓް ތެރޭގަވެސް ކޮންމެވެސް ހައިޖާނެއް ހެދޯތޯ؟ ހުސްނުސުޢޫދުމެން ކައިރީ ތިޖަގަޑާއެއް ނަޝިދަކަށް ނުޖެހޭނެ.
ހުރިހާ
05 November 2023
މެޑަމް ޑެންގީމެން ތަދައްހުލް ވީމަ އޯކޭވާނެ