ކްރިމިނަލް ކޯޓުގެ އިމާރާތް.--- ފޮޓޯ: މިހާރު
12 ނޮވެމްބަރ 2023 - 12:13
ބިދޭސީއަކު ރަހީނުކުރި މައްސަލައެއްގައި އެހެން ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ..
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން މި މައްސަލާގައި ހައްޔަރުކުރީ ބަންގުލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އާރިފް ހޮސައިން، 37، އެވެ.
ކޯޓު އަމުރުގައި ވަނީ މުހައްމަދުގެ މައްޗަށް ތުހުމަތު އުފެދޭ ވަރަށް ހެކި ހުށަހަޅާފައި އެބަހުރި ކަމަށެވެ. ހުށަހަޅާފައިވާ ބަޔާންތަކުންނާއި، އަނިޔާލިބުނު މީހާ އެ ހާދިސާ ހިނގި ސަރަހައްދުން ނަގާފައިވާ ފޮޓޯތަކުން އޭނާ މީހަކު ރަހީނުކޮށް އިންޒާރުދީ އަނިޔާވެރި އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ފެންނަ ކަމަށް އަމުރުގައިވެ އެވެ.
މުހައްމަދަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށާއި އެހެންވެ އޭނާ ފިލައިގެން ގޮސްފާނެތީ އާއި މުޖުތަމައުގެ ސަލާމަތަށްޓަކައި ބަންދުގައި ބަހައްޓަން ގާޒީ ނިންމެވީ އެވެ.
ޕީޖީން ބުނެފައިވާ ގޮތުގައި ކުށުގެ އަމަލު ހިންގުމުގައި އިތުރުބަޔަކާ އެކު މުހައްމަދު ބައިވެރިވެ، ރަހީނުކުރި މީހާ އަށް އަނިޔާ ވެސް ކޮށްފައިވެ އެވެ.
ފައިސާގެ އެކި މައްސަލަތަކުގައި ބިދޭސީން އެއްބަޔަކު އަނެއް ބަޔަކު ރަހީނުކޮށް ބިރު ދެއްކުން ފަދަ އަމަލުތައް ހިންގުމަކީ ދޭތެރެދޭތެރެއިން ހިނގާ ކަމެކެވެ. މިފަދަ މައްސަލަތަކުގައި މީގެ ކުރިން ވެސް ބިދޭސީން ހައްޔަރުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
12 November 2023
ބަންގްލަދޭޝް ބައެއް މީޙުން ދަންވަރު މަގުމަތީން އަދި ކެފޭ ރެސްޓޯރަންޓް ތަކުން ފެންނާނެ އެވެ. އޮފީސް ތަކުގަ އުޅޭ ސިޔާސީ މީޙުންނާ ގުޅިގެން އޮފީސްތަކުން ކުރަން ޖެހޭ ކަންކަން މިމީހުންނަށް ކުރެވެ އެވެ. މިމީހުން މަސައްކަތް ފެށޭނީ ދަންވަރު އެވެ. ދުވާލު ނިދާނީ އެވެ.