ރިފްއަތު ވިދާޅުވި ގޮތުގައި ނަޝީދުގެ ނުފޫޒު އޮތް ޑިމޮކްރެޓްސްގެ މެމްބަރުން ކަމަށްވާ އީވާ އާއި އަފީފް އެ ގަރާރުގެ ރިޔާސަތު ބެލެހެއްޓެވުމަކީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްލަހަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަކުރުމެއް
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މީގެކުރިން މަޖިލީހުގެ ތަޅުމަށް މައުލޫމާތު ދެއްވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ
13 ނޮވެމްބަރ 2023 - 07:48
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތުން އިއްޔެ ނިންމީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅަން އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ޑިމޮކްރެޓްސް މެމްބަރުން ނެންގެވި ނިޒާމީ ނުކުތާއަކަށް ބިނާކޮށް، އެ ގަރާރަކީ ގަވައިދާ ހިލާފު ގަރާރެއް ކަމަށް ބުނެ ވަނީ ބޭރުކޮށްލައިފަ އެވެ. އެއީ ގަރާރެއްގައި ހުންނަންޖެހޭ ސިފަތައް ބަޔާންކުރާއިރު، ނަޝީދު ވަކިކުރުމުގެ ގަރާރުގައި ދީބާޖާއެއް ނެތް ކަމަށް ނިންމައިފަ އެވެ. ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެގޮތަށް ނިންމަވައި މަޖިލިސް ނިންމާލެއްވީ އަމީންއާންމު އެކަމާ ދެކޮޅަށް ލަފާ ދެއްވަމުންދަނިކޮށެވެ.
އޭގެފަހުން މަޖިލީހުން އިއްޔެ އިތުރު ޖަލްސާއެއް އެޖެންޑާ ކުރުމުން ރިޔާސަތަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިގެން، އިއުލާން ކުރެއްވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ބޭރުވެފައިވާ ކަމަށާއި ދެން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އަނެއްކާވެސް މަޖިލިސް ހުއްޓުނީ ކަމަށް ބުނެ، މަޖިލީހުގެ އާންމު ކޮމިޓީން ބަންޑާރަ ނައިބުގެ ލަފާއެއް ހޯދަން އެދެން ނިންމާފައިވަނިކޮށް، ރިފްއަތު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސް، މަގާމުން ވަކިކުރުމުގެ ގަރާރަކީ "އާންމު" ގަރާރުތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ހިނގާ ގަރާރެއް ނޫން ކަމަށެވެ.
އަދި އޭޖީ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރުގައި ފުރިހަމަވާންޖެހޭ ހަމައެކަނި ޝަރުތުތަކަކީ، ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން މެންބަރުން، ލިޔެ، ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރުގައި ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކުރުމެވެ.
"މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް،" އޭޖީ ދެއްވި ލަފާގައި ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވި ގޮތުގައި ނަޝީދުގެ ނުފޫޒު އޮތް ޑިމޮކްރެޓްސްގެ މެމްބަރުން ކަމަށްވާ އީވާ އާއި އަފީފް އެ ގަރާރުގެ ރިޔާސަތު ބެލެހެއްޓެވުމަކީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްލަހަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަކުރުމެކެވެ.
އެހެންކަމުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަހަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިންމުކަމަށް އިސްކަންދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޖީ މި ގޮތަށް ލަފާ ދެއްވާފައިވާ އިރު، އަފީފާއި އީވާގެ ނިންމެވުން މަޖިލީހުގެ އިދާރާއިން ވެސް ގަބޫނުކުރާ ކަމަށް ވަނީ އެނގިފަ އެވެ.
އިއްޔެގެ ދެ ޖަލްސާގައި އެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވިޔަސް، މަޖިލީހުގެ އިދާރާއިން ވަނީ މިއަދު ހެނދުނު 11:00 އަށް ޖަލްސާއެއް ތާވަލުކޮށް، ނަޝީދު ވަކިކުރުމުގެ ގަރާރު އަލުން އެޖެންޑާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީރުއަލީ
13 November 2023
ތީމަގާމަށް ކުފޫ ހަމަވާ މީހެއްނޫން. ތީނަދޭ ލަފާ ގަބޫލުކުރާކަށްވެސް ނުވާނެ
މަހޭން
13 November 2023
ރާއްޖެ ވިއްކާލި ރިފްއަތު ލަދު ކޮބާ؟. މީނަ ކަނޑު ވިއްކި ދުވަހުވެސް މިހެން ބުނިނަމަ.
މުޖައްރި ބު
13 November 2023
ލަފާ ދިނީ ގޮސް ކޮށް@
ވާނުވާ
13 November 2023
މަހީކުރީ ދީބާޖާއަށް ބަދަލުދިން މައްސަލަ ގަރާރުގައި ނުހިމަނައިގެން ކަމަށް ހުރިހާ މައްސަލައެއް ޖެހިގެން މިއުޅެނީ
އަފީފު ހ އ ދިއްދޫ
13 November 2023
އަންދާސީ ހިޔާލެއްގައި ދީބާޖާ ހަނދުމަފުޅު ވެފަހުރިހެން ހީވަނީ
އޮނަރަބްލް އަފީފޫދީދީ
13 November 2023
ކޮން ކަހަލަ ޑިމޮކުރެޓްސް ތަކެއްބާ؟ ނިކަން ބަލާ އިހަށްދުވަހު އެމެރިކަން ސްޕީކަރގެ އިތުބާރު ނެތްކަމުގެ ވަސްދުވި ދުވަހު ނޫން އަނެއް ދުވަހު އެކަން ވަރަށް ރީތިކޮށް ނިމިގެން ދިޔަ ތަން. އެތަނުގެ ސްޕީކަރ ނޫޅުއްވާ ޑެންގީ ޖެހި، ނުވަތަ އާއިލާ މީހެއް ނުވަތަ ޕާޓީ މީހަކު ބޭނުންކޮށްގެން މައްސަލަ ދިގު ދަންމާ ބޭރުކޮށް ފޮންޓްކުލަ ނެތިގެނެއް. ތަހުޒީބުވާން ދަސްކުރަން ޖެހޭ، މާ ޑިމޮކްރެޓިކް މީހަކަށްވެގެން ބައިނަލް އަގްވާމީ ގޮނޑިތަކަށް އަރާ ވާހަކަ ދެއްކުމުގެ ކުރިން.
ތުނިޔަ
13 November 2023
ކޮބާ ފްލެޓްގެ ވާހަކައެއް ނެތްތަ؟
ތެފައާސާ.
13 November 2023
މިއީ އަދި މަޖިލިސް ރިޔާސަތުން ނުފައިބާން އަރުވައިޖަހާފައި ހުރި ވަރު. ދެން ވިސްނާލާ ބަރުލަމާނީއެއް ގެނެސްގެން ބޮޑުވަޒީރުކަމަށް އާދެވިއްޖެއްޔާ އެތަނުން ނުފައިބާން އަރުވާލާނެވަރު. ފޮންޓު ސައިޒޭ ލައިން ސްޕޭސިންގއޭ މާރޖިންއޭ ކަރުދާހުގެ ބޯމިނޭ ކިޔައިގެން ވިޔަސް ބަހަނާ ހަދައިގެން އުމުރުގެ ކޮޅުންވެސް ނުފައިބާނެ ހަމަ ޔަގީން. ނަމުން ޑިމޮކްރެޓްސް، ކަމުން ވޯޓަށް ފިލާ!!!
ގުޑް
13 November 2023
ނަޝީދު ވަކިކުރުން އަވަސް ކުރާނެ ކަމެއް ނެތެވެ. ހަމަ ތަޅުވަ ތަޅުވާ މޮކުން ލައްވާ ކޮސް ހަދުވަ ހަދުވާ ބަހައްޓާ. އެމީހުންނަކީ އަމިއްލައަށް މޮޔަ ހެދި އަމިއްލައަށް އަތްޖަހަން ތިބޭ ބައެއް.