ފިނޭންސް މިނިސްޓަރު އަމީރު، އަދި މުޖުތަބާގެ ކޮއްކޮ މުރުތަޟާ، "މުޖުތަބާ ފްލޯ" ގެ ނަމުގައި ފިނޭންސް އިމާރާތުގެ ފުރަތަމަ ފަންގިފިލާ ހުޅުވައިދެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
14 ނޮވެމްބަރ 2023 - 21:09
ފިނޭންސް މިނިސްޓްރީ އިމާރާތުގެ ފުރަތަމަ ފަންގިފިލާ، އެ މިނިސްޓްރީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަހުމަދު މުޖުތަބާއަށް ހާއްސަ ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވްގެ މަގާމުގައި ހުންނަވަނިކޮށް މުޖުތަބާ ކުއްލި ގޮތަކަށް ނިޔާވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އޭރު އެ މިނިސްޓްރީގައި އޭނާ ވަނީ 14 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.
ފިނޭންސް އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓުގައި ބުނީ މުޖުތަބާ ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީގެ ފުރަތަމަ ފްލޯ މުޖުތަބާގެ ނަމާ ގުޅުވައިގެން ހާއްސަކޮށްފައިވާ ކަމަށެވެ.
އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހިންގަނީ މީރާގެ އޮފީސްތަކެވެ.
"މުޖުތަބާ ފްލޯ" ގެ ނަމުގައި އެތަން ހުޅުވައިދެއްވީ އޭނާގެ ކޮއްކޮ މުރުތަޟާ މަޖުދީ އެވެ.
މުޖުތަބާ ވަނީ އެކައުންޓިންގެ ދާއިރާއިން މެލޭޝިޔާގެ މަލްޓިމީޑީއާ ޔުނިވާސިޓީން ފުރަތަމަ ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ފިނޭންސް އަށް ހާއްސަވެ، އޯޕަން ޔުނިވާސިޓީން 2012 ވަނަ އަހަރު މާސްޓާސް ހާސިލް ކުރައްވައިފަ އެވެ. ފިނޭންސް މިނިސްޓްރީއާ 2008 ވަނަ އަހަރު ގުޅިވަޑައިގެންނެވި މުޖުތަބާ ވަނީ ނޭޝަނަލް ޓެންޑާ ބޯޑުގެ ސެކްރެޓަރީކަން ވެސް ވަރަށް ގިނަ ދުވަހު ފުރުއްވައިފަ އެވެ. އޭގެ އިތުރުން ބިޑް ކޮމިޓީގެ ވައިސް ޗެއާމަން ކަމާއި ސީއެމްޑީއޭގެ އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ ޗެއާމަން ކަމާއި އެ އޮތޯރިޓީގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުކަން ވެސް އޭނާ އަދާކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy