އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގައި ޖޯއީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ޗޭންދުލާއާ ބައްދާލަނީ.
15 ނޮވެމްބަރ 2023 - 05:56
އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގައި ޗެންދުލާގެ ރޯލު ކުޅުނު މެތިއު ޕެރީގެ މަރަށް ފަހު، އެ ސީރީޒްގައި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ، ޖޯއީގެ ރޯލު ކުޅުނު އެކްޓަރު، މެޓް ލެބްލާންކް އިންސްޓަގްރާމްގައި ވަރަށް އަސަރުގަދަ ޕޯސްޓެއް މިއަދު ހިއްސާ ކޮށްފި އެވެ.
މެޓްގެ އެ ޕޯސްޓުގައި ވަނީ މެތިއު މަރުވުމުން ވަރަށް ބޮޑަށް ދެރަވި ކަމަށް ބުނެ އޭނާ އަށް އަލްވަދާއުގެ މެސެޖެއް ލިޔެފަ އެވެ.
"މެތިއު، އަހަރެން އަލްވަދާއު މި ކިޔަނީ ވަރަށް ބަރު ހިތަކާ އެކުގައި. ތެދަށް ބުނާ ނަމަ، އަހަރެމެން އެކުގައި ހޭދަކުރި ދުވަސްތަކަކީ އަހަރެންގެ މުޅި ހަޔާތުގައި ވެސް އެންމެ އުފާވެރި ދުވަސްތައް،" މެޓްގެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.
މެޓް ބުނީ މެތިއުއާ އެކުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"އަބަދުވެސް އެކުވެރިޔާގެ މަތިން ހަނދާން ވާނެ، ދުވަހަކު ވެސް އެ ހަނދާންތަކާ ދުރަށް ނުދާނަން،" އޭނާ ބުންޏެވެ.
މެޓްގެ ހިތުގައި މެތިއު އަށް އޮތް ގަދަރާއި ލޯބި ބަޔާންކޮށް އެ ޕޯސްޓު ނިންމާލަމުން އޭނާ ވަނީ ސަމަސާއެއް ވެސް ކޮށްލައިފަ އެވެ.
"އަހަންނަށް ހީވަނީ އަހަންނަށް ދޭން ޖެހޭ 20 ޑޮލަރު މެތިއު އަތުގައި ވެއްޖެހެން،" އޭނާ ބުންޏެވެ.
"ފްރެންޑްސް"ގައި ޗެންދުލާ އާއި ޖޯއީ އަކީ އެންމެ ގާތް ރަހުމަތްތެރިންގެ އިތުރުން ރޫމްމޭޓުންނެވެ. އެމީހުންގެ އެ ގާތް ގުޅުމުގެ ސަބަބުން މި ސީރީޒްގައި އެކަކު އަނެކަކުގެ އަތުން ފަހުން ދޭގޮތަށް ފައިސާ ނަގައި އުޅެ އެވެ. މެޓް މި ސަމާސާކުރީ އެކަމާ ގުޅުވައިގެންނެވެ.
އުމުރުން 54 އަހަރުގެ ޕެރީ މަރުވެފައި އޮއްވާ ފެނުނީ ލޮސް އެންޖެލަސްގައި އޭނާ ދިރިއުޅޭ ގެއިން މިދިޔަ މަހު 28 ގަ އެވެ. އޭނާ މަރުވީ ހޮޓް ޓަބެއްގެ ތެރެއަށް ގެނބިގެންނެވެ. އޭނާގެ މަރުގައި ޝައްކުވާ އެއްވެސް ކަމެއް ނެތް ކަމަށް ލޮސް އެންޖެލަސްގެ ފުލުހުން ވަނީ ތަހުގީގަށް ފަހުގައި ނިންމައިފަ އެވެ.
ޕެރީ އަކީ ޑްރަގް އެޑިކްޝަންގެ މައްސަލަ ހުރި މީހެކެވެ. މިދިޔަ އަހަރު ނެރުނު ޕެރީގެ މެމިއޯގައި ވެސް އޭނާ އެ ވާހަކަތައް ހިއްސާކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފިއްޔާ
15 November 2023
ސީރިއަސްލީ؟ ޗޭންޑްލަރ އެއް ނޫން؟