ޕީސީބީގެ ނައިބު ރައީސް އަހުމަދު ފިރާޒް ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: މިހާރު
18 ނޮވެމްބަރ 2023 - 13:33
އިއްޔެ ހިންގަން ފެށި އާ ސަރުކާރާ އެކު، ކުންފުނިތަކުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެވެން އޮތީ ފުރަތަމަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން (ޕީސީބީ)ގެ ކޯރަމް ހަމަވާ ވަރަށް ބޯޑަށް މެންބަރުން ކަނޑައަޅައިގެން ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
ގާނޫނުގައިވާ ގޮތުން ސަރުކާރުގެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރެވެނީ ރައީސް ބޭނުންފުޅުވާ ނަންތައް ޕީސީބީ އަށް ފޮނުވުމުން އެ ތަނުން ހުއްދަ ދިނުމުންނެވެ. އެ ހުއްދަ ދޭން ޖެހެނީ ޕީސީބީގެ މެމްބަރުންގެ ބައްދަލުވުމަކުންނެވެ. ޕީސީބީން އަމިއްލަ އަށް ސަރުކާރުގެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ހަމަޖައްސާކަށް ނޯވެ އެވެ.
ޕީސީބީގެ ނައިބު ރައީސް އަހުމަދު ފިރާޒް "މިހާރު" އަށް ވިދާޅުވީ، ގާނޫނުގައިވާ ގޮތުން އެ އިދާރާގެ ބޯޑުގެ ކޯރަމަކީ ފަސް މެންބަރުން ކަމަށް ވިޔަސް މިވަގުތު ތިއްބެވީ ތިން މެންބަރުން ކަމަށެވެ. ޕީސީބީގެ ބޯޑުގެ ކޯރަމު ނެތްތާ މިހާތަނަށް ތިން މަސް ވެއްޖެ އެވެ.
ޕީސީބީގެ ބޯޑުގައި ޖުމުލަ ހަތް މެންބަރުން ތިބެން ޖެހެ އެވެ.
"ބޯޑު މީޓިންއެއް ކުރިއަށް ނުގެންދެވޭނެ. ޕީސީބީގެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ ކޯރަމަކީ ފަހެއް ކަމަށް. އެހެންވެ، ފަސް މެންބަރުން ތިއްބަވައިގެން ބައްދަލުވުމެއް ބޭއްވޭނީ،" އޭނާ ވިދާޅުވި އެވެ.
ފިރާޒު ވިދާޅުވި ގޮތުގައި އޭނާގެ އުންމީދަކީ މިއަދު ވިޔަސް މާދަން ވިޔަސް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ޕީސީބީގެ ބޯޑުގެ ކޯރަމް ހަމަކުރެވޭ ވަަރަށް މެންބަރުން ކަނޑައެޅުއްވުމެވެ. އޭރުން ބޯޑުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދޭވެނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީސީބީގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ޕީސީބީ މަސައްކަތް ކުރަނީ މިނިވަން އިދާރާއެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް، އެ އިދާރާގެ ބޯޑުން ވަނީ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ކަނޑައެޅުމުގެ ބާރު ދޫކޮށްލައިފަ އެވެ. ޕީސީބީގެ ބޯޑުން ފާސްކޮށްފައިވަނީ ކުންފުނިތަކުގެ އިސްވެރިން ކަނޑައެޅުމަށް ނަން ފޮނުވާނީ ރައީސްޖުމްހޫރިއްޔާ ކަމަށެވެ. އެ އިދާރާއަށް 10 އަހަރުވީ އިރު ވެސް އެ އުސޫލަށް ފަހުން އައި އެއްވެސް ޕީސީބީގެ ބޯޑަކުން ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާފް
19 November 2023
މިހަރުގެ ތިބި މީހުން އިސްތިއުފާ ނުދޭން ތިބުމަކީވެސް ވަރަށް ބޮޑު މައްސަލައެއް. މިސާލަކަށް ހުޅުމާލެ ހޮސްޕިޓަލް އެކީ ހަލާކުކޮށް ދޮވެލާފަހުރި އެތާގެ ސީއީއޯ ކޮށީ މާރިއާ އެހުންނަނީ ހަަމަ ނުދާނަމޭ ކިޔާފަ. އެހެން ކިތައް ތަން ހުރީ....
އިދޭ
19 November 2023
ޕީސީބީއަށް އަދި ކިރިޔާތަ އެނގުނީ ތި އިދާރާ ހިންގާނެ މެމްބަރުން ނެތް ކަން. ތިވަރު ކަންކަން ތިޔަށް ވުރެ އަވަހަށް ނިންމެންޖެހޭނެ.
މޫސާކުއްދާ
19 November 2023
މިކަމުން އެނގިގެން މިދިޔައީ އިންތިގާލީ ކޮމިޓީގެ ޗެއަރ އަކަށް ތަންދޮރު ނުދަންނަ މީހަކު ލައިގެން މިއޮތްހާ ދުވަހު ކުރީ ކޮންމަސައްކަތެއްބާއޭ؟ މުޅިންވެސް ކުރެވުނީ ތިމާގެ އާއިލީ މީހުނަށް މަގާމުތައް ހޯދުމުގައި ހޭބޯ ނާރާކަން.
ބޮޑުމީހާ
18 November 2023
މިއަޖައިބެއް ކަހަލަ ކަމެއް. ޕީސީބީ ބޯޑު އައްޔަންކުރަނީ ރައީސް. އަދި ކުންފުނިތަކަށް ނަން ހުށަހަޅައި މި އައްޔަންކުރި މެމްބަރުންގެ ރުހުމާއިއެކު ނޫނީ އައްޔަންނުކުރެވޭނެ ކަމަށް އޮތުމަކީ ބޮޑުޖޯކެއް. ތިތަން އުވާލާ. ޓެކްސް ފައިސާ ޚަރަދުކުރާނެ މާ މުހިންމުކަންކަން އެބަހުރި
އޮންނަންވީގޮތް
18 November 2023
އަޖައިބު ހީވޭ. ކީއްވެތަ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އައްޔަން ކުރުމުގެ ބާރު ކުންފުނިތަކުގެ ބޯޑަށް ދޭން ނުކެރިގެން ތިއުޅެނީ. ބެސްޓް ޕްރެކްޓިސް އޭ ކިޔާފަ ތިބުނާ ވާހަކަތައް ޑިފެންޑް ނުކުރާތި.
ރަނގަޅުގޮތް
19 November 2023
ކުންފުނިތަކާބެހޭ ޤަވާއިދު އެކަން ކުރަން ތަނެއްނުދޭ އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަޤާމުތަކެއް
ރާއްޖެ
18 November 2023
ނިމި ދިޔަ 5 އަހަރު ގައުމު އޮތީ އޮޓޯ މޯޑްގަ ފާލުން ނެއްޓިފަ
ގަވަނަންސް
18 November 2023
ޕީސީބީ ގެ ބޯޑަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ބޭފުޅުންނަށް މަޖްލީހުން ރުހުންދޭއްޖެހޭހެން ހީވަނީ!
ޣާޒީ މަނިކު
18 November 2023
ތިތަން އުވާލާ. ރައީސް ފޮނުވާ ނަންތައް ފާސްކުރާކަށް ކޮންމެހެން ކޮމިޝަނެއް ބޭނުމެއް ނޫން.
ޖޯކަރު
18 November 2023
ޕީސީބީ އުވާލަންފެނޭ. ކުންފުނިތަކަށް މެނޭޖިންގެ ޑިރެކްޓަރު ހަމަޖެއްސުމުގެ ބާރު ދޫކޮށްލާފަ. މެނޭޖިންގް ޑިރެކްޓަރަށް ހަމަޖައްސަން ފޮނުވަނި ރައީސް. ފޮނުވީމާ ފާސްވާނެ. ދެން ކީއްކުރަން ބޭކާރު ޚަރަދެއްކޮށްފައި ބާއްވާ ޕީސީބީއެެެެއް؟ ރައީސްކަނޑަޅާގޮތަށް ހަމަޖައްސާ ޕީސީބީ އުވާލަން ފެނޭ
އަދީބު
18 November 2023
ކުއްލި ހާލަތު އިއުލާންކޮށްފަ ތިކަހަލަ ބޭކާރު ގާނޫނުތައް ބްލޮކްކޮށްލާފަ ވެރިކަންކުރެވޭނީ. މިރާއްޖޭގަ ގާނޫނުތައްހެދީ އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުންކުރަން. ރަނގަޅު ސިސްޓަމެއް ތިއޮތީ ހެދިފަ. ސިސްޓަމް މޮޅުތާ އެންމެ ބޮޑު މުޖުރިމަށްވެސް އައްފާމު ދެވޭ ގޮތަށް އޮންނަނީ.
ކިއުންތެރިޔާ
18 November 2023
ޕީސީބީ ގެ ގާނޫނަށް އަމަލުކުރާތާ 10 އަހަރުވީމާ މިހާރު އިބޫ ބޮލަށް ފޫޅު ކެނޑޭތަ؟ ޔާމީނު ކޮބާ؟ މިހިރީ އޭރުކޮށްފަހުރި ކަންކަން. އިބޫ އަށް އުނދަގޫ ވިޔަސް އިބޫ ކޮންމެހެން ގާނޫނު ބަދަލުކޮށްގެން ކުއްލިހާލަތު ހިންގައިގެން ނޫން ވެރިކަންކޮށް އެނިންމާލީ. ކޮވިޑް ހާލަތުގައި ކަލޭމެން ގޭގައި ބައިތިއްބާފަ 24 ގަޑި އިރު ކަރަންޓާ ފެނާ ކާބޯ ތަކެތި ބޭސްފަރުވާ ލިބޭނެމަގު ފަހިކޮށް ވަޒީފާއިން ވަކިނުކޮށް ގޭގަ ތިއްބާ މުސާރަ ނުދޭތަ؟ ދެން ހެޔޮ. ކިޔާނެ އެއްޗެއް ކިޔޭ!