ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

އެވަޓަން އަތުން 10 ޕޮއިންޓް އުނިކޮށްފި، ސިޓީ އާއި ޗެލްސީ އަށް ރެލިގޭޝަންގެ ބިރު

18 ނޮވެމްބަރ 2023 - 17:19

ލަންޑަން (ނޮވެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގެ ފައިނޭންޝަލް ފެއާޕްލޭ (އެފްއެފްޕީ) އާ ހިލާފުވެގެން އެވަޓަން އަތުން 10 ޕޮއިންޓް އުނިކޮށްފި އެވެ.

އެފްއެފްޕީ ގަވާއިދާ ހިލާފުވީ ކަމުގެ ތުހުމަތު ކުރެވޭ މެންޗެސްޓާ ސިޓީ އާއި ޗެލްސީ އަށް ރެލިގޭޝަންގެ ބިރާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ގަވާއިދު އޮންނަ ގޮތުން އިނގިރޭސި މަތީ ފަންތީގެ ކްލަބްތަކަށް ތިން އަހަރުގެ މަތިން 150 މިލިއަން ޕައުންޑުގެ ދަރަންޏެއް ބޭއްވޭނެ އެވެ. ނަމަވެސް 2021/2022 ސީޒަނުގެ ނިޔަލަށް އެވަޓަންގެ ދަރަނި 124.5 މިލިއަނަށް އަރާފައި ވާކަން ވަނީ ހާމަވެފަ އެވެ.

އެވަޓަން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ހޯދައިފަ އެވެ.

މި ފަހުން ނަތީޖާ ރަނގަޅުކޮށް، ލީގުގެ 14 ވަނަ އަށް އެވަޓަން ޖެހިލި ނަމަވެސް އުނިކުރި 10 ޕޮއިންޓާ އެކު އެޓީމު މި ވަގުތު ވަނީ ލީގުގެ 19 ވަނައަށް ވެއްޓިފަ އެވެ. އަދި އެ ޓީމަށް ލިބިފައިވަނީ އެންމެ ފުލުގައި އޮތް ބާންލީއާ އެއްވަރަށް ހަތަރު ޕޮއިންޓެވެ. އެވަޓަންގެ ކުރީގައި އޮތީ ފަސް ޕޮއިންޓް ހޯދާފައިވާ ޝެފީލްޑް ޔުނައިޓެޑެވެ.

އެވަޓަން އަށް މި އަދަބު ލިބުނީ ލީޑްސް ޔުނައިޓެޑާއި ބާންލީން، އެވަޓަންގެ ހަރަދުތަކުގެ ތަފްސީލު ތަހުގީގު ކުރަން ޕްރިމިއާ ލީގުގައި އެދުމުންނެވެ. އެ ދެ ކްލަބުން އެދިފައި ވަނީ ފާއިތުވި ތިން އަހަރުތެރޭ އެވަޓަންގެ ދަރަނި 371.8 މިލިއަން ޕައުންޑަށް އަރައިފައިވާކަމަށް ލަފާކޮށް އެކަން ސާފުކޮށް ދިނުމަށެވެ.

މިކަމާ ގުޅިގެން އެވަޓަން އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ނިންމުމަކީ ހެޔޮ ނިޔަތެއްގައި ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ކޮމިޝަނުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ހަރުކަށިކަމުން އަންގައިދެނީ ހުށަހެޅުނު ހެކިތަކަށް އިންސާފުވެރި ނަޒަރަކުން ދެކިފައި ނުވާކަން،" އެވަޓަންގެ ބަޔާނުގައި ވެއެވެ.

އެވަޓަންގެ ވެރިޔާ ފަރުހާދު މޮރޝީރީ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު، އޭނާގެ 94 ޕަސެންޓް ހިއްސާ، އެމެރިކާގެ އިންވެސްޓްމެންޓް ފަންޑެއް ކަމަށްވާ 777 ޕާޓްނާސް އަށް ވިއްކާލަން އެއްބަސް ވެފަ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން އަންނަ މަހު ކްލަބް ވިއްކާލުމުގެ ކަންކަން އުސޫލުގެ ތެރެއިން ނިންމާނެ އެވެ.

އެވަޓަން އިން އަންނަނީ އެޓީމުގެ އާ ދަނޑުގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިންމައި ދަނޑު ހުޅުވުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ޗެލްސީ އާއި އެވަޓަން އަށް އިންޒާރެއް؟

އެފްއެފްޕީގެ ތަޖުރިބާކާރު ވަކީލެއް ކަމަށްވާ ސްޓެފާން ބޯސަން ބުނީ މެންޗެސްޓާ ސިޓީ އާއި ޗެލްސީ އަށް ކުރެވޭ ތުހުމަތުތައް ސާބިތު ވެއްޖެ ނަމަ ދެ ޓީމު ވެސް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވުން ގާތް ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު، ގަވާއިދާ ހިލާފުވީ ކަމުގެ ތުހުމަތުގައި 115 ދައުވާއެއް ސިޓީގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އަދި ޗެލްސީގެ ކުރީގެ ވެރިޔާ ރޯމަން އަބްރަމޮވިޗާ ގުޅުން ހުރި ފައިސާގެ މުއާމަލާތްތަކެއްގެ ތުހުމަތު ޗެލްސީއަށް ވަނީ ރައްދު ވެފަ އެވެ.

"ހުކުމް ނުފެނި އެވަޓަން އަތުން 10 ޕޮއިންޓް އުނިކުރުމަކީ ސީދާ އެފްއެފްޕީ ބްރޭޗަކަށް ހަރުކަށި ނިންމުމެއް ކަމަށް އިހުސާސް ކުރެވޭ. އެކަމަކު ޗެލްސީ އާއި ސިޓީ އަށް ކުރެވޭ ތުހުމަތުތައް ސާބިތު ވެއްޖެ ނަމަ ދެ ޓީމު ވެސް ރެލިގޭޓް ވުން އެކަށީގެންވޭ،" ބޯސަން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވެއެވެ.

އެވަޓަން އަތުން އަތުލި 10 ޕޮއިންޓާ ގުޅިގެން އެޓީމުން މައްސަލަ އިސްތިއުނާފް ކުރަން ޝައުގުވެރިކަން ފާޅު ކޮށްފައި ވާއިރު، ޗެލްސީ އާއި ސިޓީގެ ތަހުގީގު ނިމެންދެން ދެ ކްލަބަށް ވެސް ވަނީ އިންތިޒާރު ކުރަން ޖެހިފަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454