ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން: ވަޒީފާގެ މައްސަލަ ކޯޓުން ބޭރުގައި ވަނީ ނިންމާފައި - ފޮޓޯ: ރައީސް އޮފީސް
21 ނޮވެމްބަރ 2023 - 10:51
މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އައިލެންޑް އޭވިއޭޝަންގެ ވަޒީފާ އިން ވަކި ކުރި މައްސަލާގައި އޭނާ އަށް ދެ މިލިއަން ރުފިޔާގެ ބަދަލެއް ދޭން އެއްބަސްވެ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފި އެވެ.
ޑިރެކްޓާ ފްލައިޓް އޮޕަރޭޝަންގެ މަގާމުން އަމީން ވަކިކުރީ 2019 ވަނަ އަހަރު ތެރޭގަ އެވެ. އޭނާ އަށް އެންގީ އެ މަގާމުން ވަކިކޮށް، އެއަށްވުރެ ދަށް މަގާމަކަށް ވަޒީފާ އަށް ނުކުތުމަށެވެ. ނަމަވެސް، އެގޮތަށް އަމަލުކުރީ އޭނާއާ އެކު ހަދާފައި އޮތް ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އަމީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި އެވެ.
އެ މައްސަލާގައި މިދިޔަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުން އިއްވި ހުކުމްގައި ކަނޑައެޅީ އަމީން ވަޒީފާ އިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން 15 ދުވަހުގެ ތެރޭގައި އެ މަގާމު އިޔާދަކޮށްދީ ނޫން ނަމަ، އެ ފެންވަރުގެ އެހެން މަގާމެއް ދިނުމަށް ކޯޓުން އެންގި އެވެ.
މީގެއިތުރުން ބަދަލުގެ ގޮތުގައި ވަޒީފާ އިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަނބުރާ ހަމަޖައްސައިދޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކާއި އެލެވެންސް ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް އަމީން އަށް ވަޒީފާ ދިނުމުގެ ބަދަލުގައި އައިލެންޑް އޭވިއޭޝަނުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.
ހައި ކޯޓުގައި އެ މައްސަލަ ކުރިއަށް ދަނިކޮށް، އައިލެންޑް އޭވިއޭޝަން އާއި އަމީން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، އިސްތިއުނާފު މައްސަލަ ބާތިލްކޮށްދޭން އެދިފަ އެވެ. މައްސަލަ ހުށަހެޅި ފަރާތުން އެދިއްޖެ ނަމަ، އެ މައްސަލައެއް ހައި ކޯޓުން ވަގުތުން ބާތިލްކޮށްދެ އެވެ.
ހައި ކޯޓުން މައްސަލަ ބާތިލް ކުރި ކަމުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އަމީންގެ ވަޒީފާ އިޔާދަކޮށް ބަދަލުގެ ގޮތުގައި 2،202،508ރ. ދޭން ކޯޓުން ބޭރުގައި އައިލެންޑް އޭވިއޭޝަނުން ވަނީ އެއްބަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ޒިންމާ
21 November 2023
މިކަލަ ކަންކަމުގެ ޒިންމާ ނަގާނެ ބަޔަކު ތިބެން ޖެހޭ. ނުގަވާއިދުން މީހަކު ވަކިކުރާނީ ކޮންމެވެސް މީހެއް. މިސާލަކަށް އައިލޭންޑް އެވިއޭޝަންގަ ނަމަ ސުހޭލު. ބަދަލު ދޭން ނިންމަނީވެސް ހަމަ މިމީހުން. ލާރިދެން މިޖެހެނީ އަހަރެމެން ގެ ފައިސާއިން. ގޯސް ހަދާމީހުންނަށް ފިޔަވަޅުއަޅަން ގޮވާލަން!
ކުދުބެއްޔާ
21 November 2023
ބަދަލު ދިނުމުގެ ސަގާފަތެއްގެ ފެށުން.......... ނިމޭނީ ކިހާހިސާބަކުންބާ!!!!!!!
ކުރިކީ
21 November 2023
ކޮބާ އޯކޭތަ ސޭހުމެން ގެ ބަހެއް ބުނެލަބަލަ.
އާން
21 November 2023
މި ސަރުކާރަށްވެސް އިނގޭ ފުރަތަމަކޮޅު ކުރާ މިކަހަލަ ކަންކަމަށް މާ ބޮޑަށް އަޅާލާނެ މީހަކު ނުހުންނާނެކަން. އެހެންވެ ވަގުތުގެ ބޭނުން ހިފައިގެން ޖަހަން ބޭނުންވާ ސަކަރާތެއް ޖަހަންވީ. މަޤާމުތައްވެސް ހަމަ ރައްޓެހިންނަށް. އެ ހެޔޮ އެންމެ އެކަށީގެންނުވާ މީހާ ކަމަށްވިޔަސް. އެކަމަކު ހަމަ ބާރަށް އަތްތިލަ ބަޑި ޖަހަޖަހާ އެންމެންވެސް
އައްޔަ ބޮޑޭ
21 November 2023
ނޫން ނުދޭނެ! ބަދަލުދިނުމާ އެކިއެކިނަންނަމުގަ ފައިސާ ދިނުމަކީ އިބޫސަރުކާރުގަ ކުރާނެކަމެއް,
ދޮން ހަސީނާ
21 November 2023
މުއިއްޒުގެ ވެރިކަން ބަލަން މިތިބީ. އަދި ހުރިހާ އަދަދު ތަކެއް ހުރީ މިލިއަނުން މަތީގަ!!
ހާސަރު
21 November 2023
މިނިސްޓަރ ކަމާއެކު 2 މިލިއަން . ސަޅި.
ގފދ
21 November 2023
ތިހާ ބޮޑު ބަދަލެއް މިހާރަކު ކޯޓު ތަކުން ނަގައި ނުދޭނެ. ދާދި މިދާކަށް ދުވަހު ނިކަމެއްޗެއް ވީމަ 1 ރުފިޔާ ނަގައިދިން ބަދަލުގެ ގޮތުގައި. ކޯޓުން ބޭރުން ނިއްމާލީމާ ދެއްތޯ އެވަރުގެ އަދަދެއް ކަހާލެވޭނީ. ހަމަ ޑޭލައިޓް ރޮބަރީ.
ޙަލީމާ މިދުޙަތް
21 November 2023
ކިހާ ރަގަނޅުތޯ؟ މިނިސްޓަރ ކަމާ ޙަވާލުވިތާ ދެދުވަސް ތެރޭ ދެ މިލިއަން ރުފިޔާގެ ކޮމްޕެންސޭޝަނެއް ވިއްޔާ ތިޔަ ލިބުނީ. ކިހިނެތްތޯ ތިކަން ކުރާނީ. މީތި ކަޑަ. ކަމަކު ނުދޭ!
އަކްމެޑް
21 November 2023
އިސްތިއުނާފު ނަގަން އެދިފައިވަނީ މިމަހު 16 ވަނަ ދުވަހު. ބިފޯ މުއިއްޒު.