މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސްގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަމީނަށް އަލުން ވަޒީފާ ދޭން ކުރި ހުކުމް އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
ގައުމީ އެއާލައިން ހިންގާ މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސްގެ ޑިރެކްޓަރުކަމުން އަމީން ވަކިކުރީ 2019 ވަނަ އަހަރު އެވެ. ނަމަވެސް މިދިޔަ މަހު ސިވިލް ކޯޓުން ހުކުމްކުރީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށާއި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ވެސް ދިނުމަށެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން މޯލްޑިވިއަންގެ ފަރާތުން ހުށަހެޅިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
މޯލްޑިވިއަންގެ ވަޒީފާ އިން އަމީން ވަކިކުރީ އޭނާއާ ދެކޮޅަށް ޕައިލެޓުން އިހުތިޖާޖު ކޮށްފައި ވަނިކޮށެވެ.
ސިވިލް ކޯޓުން އަންގާފައިވަނީ 15 ދުވަސް ތެރޭގައި އަމީނަށް އަލުން ވަޒީފާ ދިނުމަށެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން އަންގާފައިވެ އެވެ. އެކަމަކު އެހެން ވަޒީފާއެއް އަދާކުރި ނަމަ، އެ ފައިސާއެއް އުނިކުރަން ޖެހޭނެ އެވެ.