ބީޓީއެސް.
22 ނޮވެމްބަރ 2023 - 05:53
ކޭ-ޕޮޕްގެ އެންމެ މަޝްހޫރު އެއް ގްރޫޕް ކަމަށްވާ ބީޓިއެސް އިން މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ހޯދި ބޮޑު ކާމިޔާބީގެ ވާހަކަތައް ގެނެސްދޭ ޑޮކިއުމެންޓްރީ ސީރީޒް އަންނަ މަހު 23 އިން ފެށިގެން ޑިޒްނީ ޕްލަސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
"ބީޓީއެސް މޮނިއުމެންޓްސް: ބިއޯންޑް ދަ ސްޓާ" ސްޓްރީމް ކުރަން ފަށާ ދުވަސް އިއުލާންކުރީ އެ ޑޮކިއުމެންޓްރީގެ ޓީޒާއަކާ އެކުގަ އެވެ.
އެ ޓީޒާގައި ބީޓީއެސްގެ މެމްބަރުން ކަމަށްވާ ޖިން، ޝުގަ، ޖޭ-ހޯޕް، އާރްއެމް، ޖިމިން، ވީ އަދި ޖަންކޫކް އެމީހުންގެ މި ދިގު ދަތުރާ ބެހޭ ގޮތުން ވާހަކަ ދައްކަ އެވެ.
އަންނަ މަހު 23 ގައި ސްޓްރީމް ކުރަން ފަށާނީ މި ޑޮކިއުމެންޓްރީގެ ފުރަތަމަ ދެ އެޕިސޯޑެވެ. އޭގެ ފަހުން ކޮންމެ ހަފުތާއަކު އާ ދެ އެޕިސޯޑު ސްޓްރީމް ކުރާނެ އެވެ. އަދި މި ޑޮކިއުމެންޓްރީގެ ޖުމްލަ 8 އެޕިސޯޑެއް ގެނެސްދޭނެ އެވެ.
"ބީޓީއެސް އަށް 10 އަހަރު ފުރުމުގެ މުސާބަތުގައި މި ބޭންޑުގެ ހަތް މެމްބަރުން އަދިވެސް ކުރިއަށް ދިއުމަށް ކުރާ އުއްމީދުތަކާއި މާޒީގެ ވާހަކަތަކާއި އެމީހުންގެ ހިތުގައި ހުރި ގިނަ ވާހަކަތަކެއް މި ޑޮކިއުމެންޓްރީގައި ކިޔައިދޭނެ،" ޑިޒްނީން ބުންޏެވެ.
ދެކުނު ކޮރެއާގެ މަޝްހޫރު ބޯއީ ބޭންޑު ބީޓީއެސްގެ ހުރިހާ މެންބަރުން، މަޖުބޫރު އަސްކަރީ ހިދުމަތަށް ނުކުތުމަށް ބޭންޑުގެ ހަރަކާތްތައް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.
ދެކުނު ކޮރެއާގެ ޒުވާން ފިރިހެނުން ދެ އަހަރު މުއްދަތަކަށް އަސްކަރިއްޔާ އަށް ހިދުމަތްކޮށްދިނުން ގާނޫނީ ގޮތުން ލާޒިމް ކުރެ އެވެ. ނަމަވެސް، ގައުމަށް ޝަރަފު ލިބޭ ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ވަނަތައް ހޯދާ ކުޅުންތެރިންނާއި ފަންނާނުން އެކަމުން އިސްތިސްނާކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy