ހުޅުމާލެ: މުނިސިޕަލް ހުރިހާ ހިދުމަތެއް ސިޓީ ކައުންސިލްގެ ދަށުން ދޭ ގޮތަށް ނިންމައި އެ މަސައްކަތްތައް ބަދަލުކުރަން ވަނީ ފަށާފައި.
21 ނޮވެމްބަރ 2023 - 19:13
މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ހިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވާފައިވަނީ މާލެ އާއި، ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ކަމަށާއި އެކަމުގެ އިދާރީ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
ހުޅުމާލޭގެ މައިގަނޑު މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން އަންނަނީ އާބަންކޯއިންނެވެ. އެކަން ބަދަލުކޮށް އެ ހިދުމަތްތައް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ކެމްޕެއިންގައި ރައީސް ވިދާޅުވެފައިވަނީ ހުޅުމާޅެ އަކީ މާލޭގެ ރައްޔިތުން ހޮވާފައި ހުންނަ ކައުންސިލުން ބަލަހައްޓާ ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.
"އޭރުން ރައްޔިތުންގެ އިހުސާސްތައް އަޑު އިވޭނެ. ކުންފުންޏަކުން ކިހިނެތްތޯ ރައއްޔިތުންގެ އިހުސާސްތައް އަޑު އަހާނީ. ކުންފުނި އޮންނާނީ ވިޔަފާރި ކުރަން،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
މުނިސިޕަލް ހިދުމަތްތައް ދިނުމާއި ރައްޔިތުންނަށް ދޭން ޖެހޭ ރަށްވެހިކަމުގެ ހިދުމަތް ދޭން ޖެހޭނީ ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބޭ ކައުންސިލަރުން ކަމަށް ރައީސް ވިދާޅުވި އެވެ.
ހުޅުމާލެ ބިމުގެ އިހުތިސާސް އަދި މިލްކުވެރިކަމާ ގުޅޭ ގޮތުން، ހުޅުމާލެ މިހާރު ހިންގުމާ ހަވާލުވެފައިވާ އާބަންކޯ އާއި މާލެ ސިޓީ ކައުންސިލާ ދެމެދެ ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ދިޔަ އެވެ.
ހުޅުމާލެ އިހުތިސާސްގެ މައްސަލައިގައި ކައުންސިލުން އޭރު ބުނަމުން ދިޔައީ ހުޅުމާލެއަކީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއް ކަމަށާއި އެ ކައުންސިލަރުންނަކީ ހުޅުމާލެ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބި ބައެއް ކަމަށެވެ. އެހެންކަމުން އެތަން ބަލަހައްޓާ ތަނަކަށް ވާން ޖެހޭނީ ކައުންސިލް ކަމަށެވެ.
ނަމަވެސް އާބަންކޯއިން ބުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ރައުސުލްމާލެއް ކަމަށާއި 100 ޕަސަންޓު ސަރުކާރު ހިއްސާވާ އެކުންފުނި އުފެއްދީ ވެސް ހުޅުމާލެ ލިބޭ ގޮތަށް ކަމަށެވެ.
އެ މައްސަލަ ބޮޑުވެ 2021ވަނަ އަހަރު ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލްކުރި އެވެ. އެއީ ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން އުޅުމުން، ހުއްދަ ނެތި ބާއްވާ ޖަލްސާއެއް ކަމަށް ވާތީ އެކަން އާބްންކޯއިން ފުލުހުން މެދުވެރިކޮށް ހުއްޓުވުމުންނެވެ.
އާބަންކޯއިން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ބިމެއްގެ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑުހަސަނާ
22 November 2023
ވިޔަފާރިކުރަމުން ރައްޔިތުންގެ ބޭނުންތައް ރަނގަޅަކައް ނުބެލެހެއްޓޭނެ. އާބަންކޯއިން ވިޔަފާރިކަންކަމުގަ އުޅެފަ ހުޅުމާލެ މަގުތަކާއި ޕާކުތައް ބެލެހެއްޓުމުގެ މަސައްކަތް ހިންގުން ސިޓީކައުންސިލް އާ ހަވާލުކުރިއްޔާ ހުޅުމާލެ މާ ރަނގަޅަށް ބެލެހެއްޓޭނެ.
ރިލްވާން
22 November 2023
މިހާރުވެސް ވަރަށް ހިތްހަމަޖެހޭ ސިޓީ ކައުންސިލް ގެ މަސައްކަތްތައް ފެނިފަ. ދެން ފެންނާނީ ހުޅުމާލެ ކޮޅުންވެސް ހީވާގި ސިޓީ ކައުންސިލް ގެ މުވައްޒަފުން.
ސަމާއު
22 November 2023
އިބޫ ވެރިކަމުގެ ހުރިހާ މަސްއޫލިއްޔަތަކުން ސިޓީ ކައުންސިލް އެކަހެރި ކުރަން އުޅުނު. އެކަމަކު ހަގީގަތަކީ އެހުރިހާ ފިއްތުންތަކެއް ކުރިމަތި ކުރުވި އިރުވެސް އެންމެ ބޮޑަށް ހިންގާލި ތަނަކީ ސިޓީ ކައުންސިލް ކަން.
ރަފްޝާ
22 November 2023
މަސައްކަތް ކުރެވޭ ހަމައެކަނި ތަނަކަށް ފެނިގެންދިޔައީ ސިޓީ ކައުންސިލް. އިބޫ ގެ ވެރިކަމުގައިވެސް އެންމެ ބޮޑަށް ހިންގާލި އެއް ތަނަކީ ސިޓީ ކައުންސިލް. ހުރިހާ ކުރެޑިޓް އެއް މިއަދުގެ ވެރިޔާއަށް. ސާބަހޭ ރައީސް.
ކޮލަމާހުއްޓާ
22 November 2023
މާލެ ސިޓީކައުންސިލުން ފުރަތަމަ މާލެ ބެލެހެއްޓޯ ބަލާބަލަ. ކޮބާ ނެގި 100 ވަރަކަށް އަޅުކުލައިގެ ޔުނީފޯމް ލީ ޔާމީނުގެ ވަފާތެރި ކުދިންކޮޅު. އެމީހުން މުޅިންވެސް ފެންނަނީ ކޮފީ މޭޒްތަކުން.
ނަޖީބުު
22 November 2023
ކުންފުންޏެއް ކިހިނެއް ރައްޔިޔުންގެ އަޑު އަހާނީ؟
ބަޝީރް
22 November 2023
މުއިއްޒު މިދަނީ ހިންގުންތެރިކަމުގެ ނަމޫނާ ދައްކަމުން. ސަރުކާރުގެ ދުވެލި ހުރީ މުއިއްޒު ދުވެލީގައި.
ވާސިފް
22 November 2023
އާބަންކޯ އާބަންކޯއަށް ހެދީ ރައްޔިތުންގެ ފައިސާއިން. ކުންފުންޏަށް ވުރެ ދިވެހި ރައްޔިތުން މުހިންމުވާން ޖެހޭ. ރައީސް މުއިއްޒުގެ މޯލްޑިވްސް ފަސްޓް ޕޮލިސީއަކީ މިއީ.
ހާރުބެ
22 November 2023
ވެރިކަމާ ހަވާލުވީއްސުރެ މުއިއްޒު މިދަނީ ކޮންމެ ދުވަހަކުވެސް ވައުުދު ފުއްދަމުން. މިއީ ނަމޫނާ ރައީސެއް.
ޔޯޔޯ
22 November 2023
މި ނިންމުންމީ ވަރަށް ފުރިހަމަ ނިންމުމެއް. ރައްޔިތުން ކައިރި ދައްކާ ވާހަކަ ޔޯލަ ވާހަކަ އަކަށް ނުވާކަން މިކަމުން ވެސް އެނގޭ.