ހުޅުމާލެ 1 ގެ ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި އެއް ސުވާލެއްގެ ގޮތުގައި އެ މަނިކުފާނަށް އަމާޒުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލު ނުކުރެވި ދިގުލައިގެންދާ މައްސަލަ އެވެ. އެއީ ރައީސްގެ ވަރަށް މުހިންމު ވައުދަކަށް ވާއިރު އެ މަނިކުފާނު ރޭ ވިދާޅުވީ، މިހާތަނަށް އެކަމަށް އަމަލީ ސިފައެއް ނައިސް އޮތީ ސިޓީ ކައުންސިލުން ބޭނުން ނުވެގެން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ކެބިނެޓާއި ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާއެއް ވެސް ތިބީ ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް އެޗްޑީސީގެ އަތުން ނަގައި ސިޓީ ކައުންސިލަށް ބަދަލުކުރުމުގައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެގެންނެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ މާ ލަސްތަކެއް ނުވެ ކައުންސިލްގެ ފަރާތުން އަނެއްކާ ވެސް އެ ނިންމުން ބަދަލުކޮށް ހަވާލުވެލައްވާނެ ކަމަށް. އަޅުގަނޑު މިހުރީ ވައުދު ފުއްދަން ތައްޔާރަށް،" ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.

އެއާ އެކު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި އިދިކޮޅު އެމްޑީޕީގެ މެމްބަރު އާދަމް އާޒިމް މީޑިއާ އަށް މިއަދު ނުކުމެވަޑައިގަތް ވިދާޅުވީ، ނަތީޖާ ހާސިލް ނުކުރެވި އުޅެނީ ރައީސްގެ ސަބަބުން ކަމަށެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މޭޔަރުގެ ގޮނޑި ދިފާއު ކުރައްވަން އެމްޑީޕީގެ ޓިކެޓަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ އާދަމް އާޒިމް ވިދާޅުވި ގޮތުން ނަމަ ރައީސް ބޭނުންފުޅު ނުވާތީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުނުވެ ލަސްވަނީ އެވެ.

އެހެން ވިދާޅުވުމަށް ފަހު މޭޔަރު ސޯޝަލް މީޑިއާ އަށް ދެން ދޫކޮށްލެއްވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރަން މި އަހަރުގެ ސެޕްޓެމްބަރުމަހާ ހަމައަށް ކޮށްފައިވާ މަސައްކަތްތައް ދައްކައިދޭ ޓައިމްލައިނެވެ. އެންމެ ފަހުން އެ ޓައިމްލައިންގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު 25 ގައި ވަނީ ސަރުކާރާ އެކު ބައްދަލުވުކަމަށް ސިޓީ ކައުންސިލުން އެދިފަ އެވެ.

ޓައިމްލައިން ދައްކާ ގޮތުން ނަމަ ބަޖެޓުގެ ކަންކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލާ ވެސް ބައްދަލުކޮށްފައި ވެ އެވެ. އަދި މުނިސިޕަލް މަސައްކަތްތައް ބަދަލުކުރުމުގެ މަޝްވަރާތައް އެޗްޑީސީއާ އެކު އެކި މަރުހަލާތަކުގައި ވަނީ ކޮށްފަ އެވެ.

ރައީސް މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ އިދާރާ އަށް މިދިޔަ އަހަރުގެ އޮގަސްޓް 11 ގައި ވަޑައިގަތުމުން މާލޭގެ މޭޔަރު އާޒިމް އެ މަނިކުފާނާ ސަލާންކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ އިދާރާ އަށް މިދިޔަ އަހަރުގެ އޮގަސްޓް 11 ގައި ވަޑައިގަތުމުން މާލޭގެ މޭޔަރު އާޒިމް އެ މަނިކުފާނާ ސަލާންކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މޭޔަރު ވިދާޅުވި ގޮތުގައި، ޓައިމްލައިނާ އެއްގޮތަށް، އެ މަސައްކަތް ކުރުމަށް، ކަމާގުޅުން ހުރި ފަރާތްތަކުން ބޭއްވި ކޮންމެ ބައްދަލުވުމެއްގައި މާލެ ސިޓީ ކައުންސިލުން ވަނީ ބައިވެރިވެ، ހުޅުމާލޭގެ މުނިސިޕަލް މަސައްކަތް އެ ކައުންސިލާ ހަވާލުކުރުމުގެ ކަންކަން އަވަސް ކުރުމަށް އެއްބާރުލުން ދީފަ އެވެ.

އެކަމަކު، މޭޔަރު އާދަމް އާޒިމްގެ އެ ވާހަކަތައް ދޮގުކުރައްވައި ސިޓީ ކައުންސިލްގެ ޕީއެންސީގެ ކައުންސިލަރުން ސޯޝަލް މީޑީއާގައި ވާހަކަ ދައްކަވަން ފެއްޓެވި އެވެ. ގާތްގަނޑަކަށް ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅުއްވައި ވޯޓެއް ނުނަގާ ކަމަށެވެ.

ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވީ، އެ މައްސަލާގައި ގޮތެއް ނިންމަން މޭޔަރު އާދަމް އާޒިމް ކައުންސިލުގައި ވޯޓެއް ނަންގަވާފައި ނެތް ކަމަށެވެ.

"ކައުންސިލުގެ ވޯޓަކަށް ނާއްސަވާ މޭޔަރު މިކަން ކުރައްވާނެ ގާނޫނީ ގޮތަކީ ކޮބައިތޯ އިހުލާސްތެރި ނިޔަތެއް މޭޔަރުގެ އޮތް ނަމަ ކައުންސިލުގެ ވޯޓަކާ އެކު މިކަމަށް އަމަލީ ފިޔަވަޅު އަޅުއްވަންވީ ނޫންތޯ؟،" އަރީޝް ވިދާޅުވި އެވެ.

ޑެޕިއުޓީ މޭޔަރު ވިދާޅުވި ގޮތުގައި، އެޗްޑީސީން ހުޅުމާލޭގައި ދެމުންގެންދާ މުނިސިޕަލް ހިދުމަތްތަކާ ސިޓީ ކައުންސިލުން ހަވާލުވާން އަމަލީ ގޮތުން އެއްވެސް ކަމެއް ނުކުރެ އެވެ.

"ސިޔާސީ މަގުސަދެއް ހާސިލް ކުރައްވަން މީޑިއާތަކަށް މި ދައްކަވަނީ ދަޅައެއް. މިއީ ރޯމާދުވާލު ރައްޔިތުންނަށް ފާޅުގައި ދޮގު ހެއްދެވުން،" އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކައުންސިލް މެމްބަރު އިބްރާހިމް މުހައްމަދު މޭޔަރަށް އަމާޒު ކުރައްވައި ވިދާޅުވީ ޒިންމާދާރު މަގާމެއްގައި ހުންނަވައި މޭޔަރު އާދަމް އާޒިމް ކަނޑައެޅިގެން އެފަދަ ދޮގު ހެދުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިއަށް ކިޔަނީ ރައްޔިތުންނަށް އޮޅުވާލުން. ވަކި ސިޔާސީ ބޭނުމެއްގައި މިގޮތަށް ނޫސްތަކަށް ސްޓޭޓްމަންޓު ދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

ކައުންސިލަރު ނަހުލާ އަލީ ވެސް ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ މައްސަލަ ކައުންސިލަރުންގެ ބައްދަލުވުމަށް ގެންނަވައި ވޯޓަކަށް ނާއްސަވާ ކަމަށެވެ. ނަހުލާ ވެސް ތުހުމަތު ކުރެއްވި ގޮތުގައި މޭޔަރު އާދަމް އާޒިމް ހައްދަވަނީ ދޮގެވެ.

ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މޭޔަރާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މޭޔަރާއި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

އެއާ ވިއްދައިގެން މޭޔަރުގެ އަމާޒު ހުރީ މުޅިން ވެސް ރައީސް މުއިއްޒަށެވެ. މޭޔަރު ތުހުމަތު ކުރައްވާ ގޮތުގައި އިތުރުފުޅު ހައްދަވަނީ ރައީސް އެވެ. ފިނޭންސް މިނިސްޓްރީ އާއި އެޗްޑީސީގެ އެއްބާރުލުން ވެސް ލިބޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ސަރުކާރާއި ޕީއެންސީގެ ކައުންސިލަރުންނާ ދެމެދު މޭޔަރު އާދަމް އާޒިމްގެ ބަހުގެ ހަމަލާތައް ވަރުގަދަވެފައިވާއިރު ރައީސް މުއިއްޒު ރޭ ވިދާޅުވީ، ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން އެއްބަސް ނުވުމުން، އެޗްޑީސީން ހުޅުމާލޭގެ މުނިސިޕަލްގެ މަސައްކަތްތައް ކުރަނީ ވަގުތީ ގޮތުން ކަމަށެވެ. އެހެންވެ، މިހާރު މިއޮތީ ބޮޑު ޒުވާބަކާއި ހޫނު ރައްދުތަކެއްގެ ކޮޅުމަތި މި މައްސަލައިގައި ފެނިފަ އެވެ.