ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ މާލޭ ސިޓީ ކައުންސިލުން ހަވާލުވާން ބޭނުން ނުވި ކަމަށާއި މިހާތަނަށް ވެސް ގޮތެއް ނުނިމި ދިގުލައިގެން ދަނީ އެހެންވެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ 1 ގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އާންމުންގެ ސުވާލުތަކެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށާއި އެކަމަށް އެޗްޑީސީ އާއި ސިޓީ ކައުންސިލާއެކު ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެކަމަކު ރައީސް ވިދާޅުވީ ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން އެއްބަސްނުވީ ކަމަށެވެ. އެހެންވެ، އެޗްޑީސީން ހުޅުމާލޭގެ މުނިސިޕަލްގެ މަސައްކަތްތައް ކުރަނީ ވަގުތީ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދުކުރަނީ މާ ލަސްތަކެއް ނުވެ ކައުންސިލްގެ ފަރާތުން އަނެއްކާ ވެސް އެ ނިންމުން ބަދަލުކޮށް ހަވާލުވެލައްވާނެ ކަމަށް. އަޅުގަނޑު މިހުރީ ވައުދު ފުއްދަން ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކެބިނެޓުން ނިންމަންޖެހޭ ނިންމުންތަކާއި ސަރުކާރުގެ ކަމާ ގުޅޭ މިނިސްޓްރީތަކުން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި އެކަމަކު އެ ވައުދު ނުފުދި ލަސްވަނީ ކައުންސިލުން އެ ޒިންމާތައް ނަގަން ބޭނުން ނުވާތީ ނުވަތަ ތައްޔާރު ނުވާތީ ކަމަށް ވެސް ވެދާނެ ކަމަށެވެ.
އެޗްޑީސީން ބަލަހައްޓަމުން ދިޔަ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް، ޖެނުއަރީ 1، 2024 އިން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމި ކަމަށް މީގެ ކުރިން އިއުލާންކުރި އެވެ. ނަމަވެސް، ދެ އަހަރުވާން ކައިރިވާއިރު ވެސް އެކަން ތަންފީޒެއް ނުކުރެ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ހިދުމަތްތައް ބަދަލު ކުރުމުގެ އެމްއޯޔޫއެއްގައި ސޮއި ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ފައިނަލް އެގްރިމެންޓުގައި ސޮއިނުކޮށް ލަސްވަނީ ރައީސް އެކަން ބޭނުންފުޅު ނުވާތީ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަވާލުވާން މިހާރު ވެސް ތައްޔާރަށް މި ހުރީ،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ މައިގަނޑު މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން އަންނަނީ އެޗްޑީސީންނެވެ. އެކަން ބަދަލުކޮށް އެ ހިދުމަތްތައް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ކެބިނެޓު ބައްދަލުވުމަށްފަހު ޖެނުއަރީ، 2024 ގައި ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އޮފީސްތަކާއި ހިފާގެންގުޅޭ ސާމާނާއި ބިމުގެ އިތުރުން މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތްތައް އެ މަސް ތެރޭގައި ކުރެވޭނެ ކަމަށެވެ. އަދި، މިހާރު ވަޒީފާގައި ތިބި މުވައްޒަފުންނަށް އިތުރު އެއް އަހަރު ދުވަހު އެ މުސާރަ ލިބޭނެ ކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ.