ދުނިޔެ / އަގްސާ ތޫފާން

ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައިފި

22 ނޮވެމްބަރ 2023 - 14:48

6 comments

މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެއްބަސްވެ، ދެ ފަރާތުން މިއަދު އެކަން އިއުލާންކޮށްފި އެވެ.

ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ދެ ފަރާތުން މި އެއްބަސްވީ، އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު، ގަތަރު އިސްނަގައިގެން މިސްރާއި އެމެރިކާ މެދުވެރިވެގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެވެ. ހަމާސް އާއި އިޒްރޭލުން އެއްބަސްވި ކަންތަކުގެ ތެރޭގައި ހިމެނެނީ، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމާއި އަސީރުން ބަދަލުކުރުމުގެ އިތުރުން، އިންސާނީ އެހީތެރިކަމުގެ ސާމާނު ޣައްޒާ އަށް އެތެރެކުރުމުގެ މަގު ފަހިކޮށްދިނުމެވެ.

މި ގޮތުން ދެ ފަރާތުން އެއްބަސްވި ކަންތަކަކީ؛

• ހަމަލާ ބަދަލުކުރުން މެދުކަނޑައިލުން ހަތަރު ދުވަހަށް ދެމިއޮތުން

• އެ މުއްދަތުގައި ހަނގުރާމައިގެ އެއްވެސް ހަރަކާތެއް ނުހިންގުން

• ޣައްޒާގައި ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން 50 މީހަކު (އަންހެނުންނާއި ކުޑަކުދިން) މިނިވަންކުރުން

• އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނު މީހުންގެ ތެރެއިން 150 މީހަކު (އަންހެނުންނާއި ކުޑަކުދިން) މިނިވަން ކުރުން.

• ޣައްޒާ އިން މިނިވަންކުރާ ކޮންމެ 10 އަސީރެއްގެ ބަދަލުގައި، ހަމަލާ މެދުކަނޑައިލާ މުއްދަތަށް އެއް ދުވަސް އިތުރުކުރުން.

• ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނާއި ބޭހާއި ޕެޓްރޯލާއި ޑީސަލާއި ގޭސް އެތެރެކުރުމުގެ ފުރުސަތު ދިނުން.

ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ހަމާސް އާއި އިޒްރޭލާ ދެމެދު ގާއިމުކުރި އެއްބަސްވުމަށް އެންމެ ފަހު ވަގުތު އިޒްރޭލުން އެއްބަސްވީ، ރޭ ހަތަރުދަމު އެ އެއްބަސްވުމުގެ މާއްދާތަކާ މެދު އިޒްރޭލުގެ ކެބިނެޓްގައި މަޝްވަރާ ކުރުމަށް ފަހު އެވެ. ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ މެދު އިޒްރޭލުގެ ކެބިނެޓްގައި ޚިޔާލު ތަފާތުވުން އުފެދުނީ، ހަމާސް އިން މިނިވަންކުރާ އަސީރުންގެ ތެރޭގައި، ހަމާސް އިން ހައްޔަރުކޮށްފައިވާ އިޒްރޭލު ސިފައިން ނުހިމެނޭތީ އެވެ.

ހަމަލާތައް މެދުކަނޑައިލުމަށް ގަތަރު މެދުވެރިވެގެން މަސައްކަތް ކުރަމުން އަންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ މަޝްވަރާތަކަށް ފަހު އިޒްރޭލުން އެންމެ ފަހުން ދޫ ދިނުމަށް ފަހު، ހަމަލާތައް މެދުކަނޑައިލަން އެއްބަސްވީ، އަސީރުން މިނިވަންކުރުމުގެ ބަދަލުގައި ފަލަސްތީނު މީހުން މެރުމަށް އިޒްރޭލު ސަރުކާރުން އިސްކަން ދޭ ކަމަށް ބުނެ، އަސީރުންގެ އާއިލާތަކުންނާއި އާންމު ރައްޔިތުން އިޒްރޭލު ސަރުކާރަށް ފާޑުކިޔުން އިތުރުވަމުން ދަނިކޮށެވެ.

ހަމަލާތައް މެދުކަނޑައިލުމާ މެދު، އިޒްރޭލުގެ ކެބިނެޓްގެ ތެރެއިން އެންމެ ބޮޑަށް ދެކޮޅުހެދީ، ކެބިނެޓްގައި ހިމެނޭ ހަރުކަށި ޔަހޫދީ ޖަމާއަތްތަކަށް ނިސްބަތްވާ މިނިސްޓަރުންނެވެ. އޭގެ ތެރެއިން އިޒްރޭލުގެ ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އީތަމާރް ބިން ޣަފީރު ބުނަމުން އައީ، ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު ސިފައިން މިނިވަން ނުކުރާ ނަމަ، ހަމަލާތައް މެދުކަނޑައިލުމަށް ވޯޓު ނުދޭނެ ކަމަށެވެ.

ނުފޫޒު ގަދަ ދިފާއީ ވަޒީރު ޔޫއާވް ގަލާންޓް ބުނަމުން އައީ، ހަމާސް ނައްތައިލުމަށް ފަށާފައިވާ ހަނގުރާމަ އެކުގައި ހުއްޓައިލުމަށް ބުނެފައިވާ ނަމަ، އެއްބަސްވުމަށް އަމަލުކުރަން ވޯޓު ނުދޭނެ ކަމަށެވެ. އަދި ހަތަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައި އަލުން ހަމަލާތައް ފަށާނެކަމުގެ ޔަގީންކަން ދިނުމުން ނޫނީ، އެއްބަސްވުމަށް ވޯޓު ނުދޭނެ ކަމަށެވެ.

ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވުމާ އެކު، އިޒްރޭލުން ވަނީ މިނިވަންކުރެވިދާނެ 300 މީހެއްގެ ލިސްޓެއް މިއަދު އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން 287 މީހަކީ 18 އަހަރާއި 18 އަހަރުން ދަށުގެ ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން ގިނަ ކުދިންނަކީ، އިޒްރޭލު ސިފައިންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވުމާއި، އިޒްރޭލުގެ އަސްކަރީ އުޅަނދުތަކާއި ސިފައިންނަށް ގާ އުކުމުގެ ކުށުގައި، ހުޅަނގު އައްސޭރިންނާއި އިރުމަތީ ގުދުސް އިން ހައްޔަރުކުރި ކުދިންނެވެ.

އެ ލިސްޓުގައި ދެން ހިމެނޭ 13 މީހުންނަކީ، އިޒްރޭލު ސިފައިންނަށް ވަޅިން ހަމަލާ ދިނުމާއި ހަމަލާ ދޭން އުޅުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ބޮޑެތި އަންހެނުންނެވެ. މި ލިސްޓު ނެރުމަށް ފަހު އިޒްރޭލުން ބުނެފައިވަނީ ހަމަލާ މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން މިނިވަންކުރާ އަސީރުންގެ ނިސްބަތުން، އިތުރު އަސީރުން ހަމާސް އިން މިނިވަން ކުރާ ނަމަ، ހަމަ އެ ނިސްބަތުން އެ ލިސްޓުގައި ތިބި މީހުން މިނިވަން ކުރާނެ ކަމަށެވެ.

ދެ ފަރާތުގެ މެދުގައި އެއްބަސްވެފައިވާ ގޮތުން، ހަމާސް އިން މިނިވަން ކުރާ އިޒްރޭލުގެ ކޮންމެ އަސީރަކަށް އިޒްރޭލުން ފަލަސްތީނުގެ ތިން އަސީރުން މިނިވަންކުރަންޖެހޭނެ އެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު ޣައްޒާގައި ހަނގުރާމަ ކުރަމުން ދަނީ، ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އިޒްރޭލުގެ 1200 އަށް ވުރެ ގިނަ މީހުން މަރާލައި 200 އަށް ވުރެ ގިނަ މީހުން އަސީރު ކުރުމާ ގުޅިގެންނެވެ. އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް "އަގްސާ ތޫފާން"ގެ ނަމުގައި އެ ދުވަހު ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން، ހަމަ އެ ދުވަހު އިޒްރޭލުން ވަނީ "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފަށައިފަ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކަށް 46 ދުވަސް ވެގެން ދިޔައިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 14000 އަށް ވުރެ މަތިވެއްޖެ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 6000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3700 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޒަޚަމްވެފައިވާ މީހުންގެ އަދަދު 31500 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ 75 އިންސައްތައަށް ވުރެ މަތީ ނިސްބަތެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ގެއްލިފައިވާ މީހުންގެ އަދަދު 6000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ކަމަށް ބެލެވެ އެވެ.

6 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 14%
icon inlove icon inlove 71%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުހާ.

23 November 2023

އިޒްރޭލު ސިފައިންނާ ދިމާއަށް ކުޑަކުދިން އޮށްގާ އުކީމަ އެވެސް ކުށެއްތަ. އެކުދިންނަށްވުރެ އިޒްރޭލުގެ ވެރިން މާޅަކަމަށް މިފެންނަނީ. ކުޑަކުދިން ކޮށްފާނެ ދޯ ކޮންމެފަދަ ކަމެއްވެސް، އަދި އެކުދިންގެ ބިންތަކަށް ގަދަކަމުން އަރައިތިބި ބައެއް. ގާ އުކާލެއް މަދު އަދިވެސް.

The name is already taken The name is available. Register?

ފަރުސީ

23 November 2023

ﷲ އަށް ހަމްދު ކުރަން. މި ހަގުރާމައިގަ އިޒުރޭލު ބަލިވީ އަހަރުމެންގެ އިލްމުވެރިންގެ އިރުޝާދުގެ ދަށުން ގުނޫތު ކިޔައިގެން. އިޒުރޭލުގެ މޮޅު ހަތިޔާރަށް ވުރެ މުސްލިމުންގެ ގުނޫތު މާ މަތިވެރި ކަމަށް އިލްމުވެރިން އެ ވިދާޅުވަނީ.

The name is already taken The name is available. Register?

މާހިރު

22 November 2023

އިޒްރާއީލުން ހަމަލާދީގެން ހަމާސްގެ އަތްދަށުގައިތިބި އަސީރުން މިނިވަން ނުކުރެވުމަކީ ހަމާސްއަށް ލިބުނު ކާމިޔާބެކެވެ. އެހެންނަމަވެސް ހަމާސްއިން ދޫކޮށްލާ 50 މީހުންގެ ބަދަލުގައި އިޒްރާހީލުން 150 މީހުން ދޫކޮށްލުން ހަމަހަމައެއްނޫނެވެ. ސަބަބަކީ އިޒްރާއީލުން މިހާރުވެސް ފަލަސްތީނުގެ ދިހަހާހަށްވުރެގިނަ މީހުން ހައްޔަރުކޮށްފައިތިބުމެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުންނަށް އެހީވެވޭނެ ކޮންމެ ފުރުސަތަކީ އަހަރުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ.

The name is already taken The name is available. Register?

ސީތާ

22 November 2023

މި ހަނގުރާމައަށް ނިމުމެއް އައިސް ފަލަޞްތީނަށް މިނިވަން ޖައްވެއް މިންވަރުކުރައްވާށި. އާމީން

The name is already taken The name is available. Register?

ނިރު

22 November 2023

ތިއީ ޔަހޫދީން އިތުބާރު ކުރަން ހެޔޮނުވާނެ.

The name is already taken The name is available. Register?

އިބުނަތު

22 November 2023

އަލްޙަމްދުالله، ޔާ الله، އަޅަމެންގެ އަޚުނަނާއި އުޚްތުނަށް ނަޞްރުދެއްވާންދޭވެ! އަދި އެ ނުބައި ޔަހޫދީ ބައިގަނޑު ހަލާކު ކުރައްވާ ނެތިކުރަށްވާންދޭވެ! އާމީން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454