އެކްތާ ކަޕޫރާއި ކަރަން ޖޯހަރު އަދި ކާތިކް އަރްޔަން.
23 ނޮވެމްބަރ 2023 - 05:58
ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރުން ކަމަށްވާ ކަރަން ޖޯހަރާއި އެކްތާ ކަޕޫރު އެކުގައި ފިލްމެއް ހަދަން ނިންމައި އެ ފިލްމުގެ ލީޑު ރޯލަށް ކާތިކް އަރްޔަން ހަމަޖައްސައިފި އެވެ.
ކަރަންގެ ދަރުމާ ޕްރޮޑަކްޝަން އާއި އެކްތާގެ ބަލާޖީ ޓެލެފިލްމްސް އިން ގެނެސްދޭ އެ ފިލްމު އިއުލާންކުރީ ސޯޝަލް މީޑިއާ ޕޯސްޓެއް މެދުވެރިކޮށް އިއްޔެ އެވެ.
އެ ފިލްމުގެ ނަމާއި އިތުރު ކާސްޓުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް، އެ ފިލްމުގެ ޑައިރެކްޓަރަކީ "އާރްޔާ" އާއި "ދަ ނައިޓް މެނޭޖާ" ކަހަލަ ކާމިޔާބު ވެބް ސީރީޒްތަކުގެ އުފެއްދުންތެރިޔާ ސަންދީޕް މޯދީ ކަމަށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުންޏެވެ.
އެ ފިލްމު އިއްޔެ އިއުލާންކުރީ ވެސް ކާތިކް 33 ވަނަ އުފަންދުވަހާ ދިމާކޮށެވެ.
"ކާތިކް އަށް ވަރަށް އުފާވެރި އުފަންދުވަހަކަށް އެދެން. އަހަރެމެން އެކުގައި ކުރާ މި މަސައްކަތަކީ ވަރަށް ފުރިހަމަ އަދި ކާމިޔާބު މަސައްކަތަކަށް ވާނެ ކަމަށް އުއްމީދުކުރަން،" ކަރަން ބުންޏެވެ.
މިއީ ކަރަންގެ ފިލްމެއް ކާތިކް އަށް ލިބުނު ދެވަނަ ފަހަރެވެ. ކަރަންގެ "ދޯސްތާނާ 2"ގެ ރޯލެއް ވެސް ކާތިކް އަށް ލިބުނެވެ. ނަމަވެސް އެ ފިލްމުގެ މަސައްކަތްތައް ދިޔަ ގޮތާ މެދު ހިތްހަމަނުޖެހިގެން ކާތިކް 2021 ވަނަ އަހަރު އެ ފިލްމު ދޫކޮށްލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy