އެމެރިކާގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "ސްކްރީމް"ގެ ހަތް ވަނަ ފިލްމުގައި މަސައްކަތް ކުރަމުން އައި މެކްސިކޯގެ އެކްޓްރެސް މެލިސާ ބާރެރާ.
23 ނޮވެމްބަރ 2023 - 05:59
އެމެރިކާގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "ސްކްރީމް"ގެ ހަތް ވަނަ ފިލްމުގައި މަސައްކަތް ކުރަމުން އައި މެކްސިކޯގެ އެކްޓްރެސް މެލިސާ ބާރެރާ ފަލަސްތީނަށް ސަޕޯޓްކޮށް އިންސްޓަގްރާމްގައި ޕޯސްޓުތަކެއް ކުރުމުން އޭނާ މަސައްކަތުން ދުރުކޮށްފި އެވެ.
ބާރެރާ ވަނީ ފަލަސްތީނަށް ސަޕޯޓްކޮށް މިފަހުން އިންސްޓަގްރާމްގައި ގިނަ ޕޯސްޓުތަކެއް ކޮށްފަ އެވެ. އޭނާ ހިއްސާކުރި ޕޯސްޓުތަކުގެ ތެރޭގައި އިޒުރޭލުން އުޅެނީ ފަލަސްތީނުގެ ނަސްލު ނައްތާލަން ކަމަށާއި އިޒުރޭލުގެ އަމަލުތަކަކީ ލާއިންސާނީ އަމަލުތަކެއް ކަމަށް ބުނެފައި ހުއްޓެވެ.
އޭނާ މަސައްކަތުން ދުރުކުުރި ހަބަރު މީޑިއާ އަށް ތިލަވުމާ އެކު "ސްކްރީމް" ފްރެންޗައިޒްގެ ޕްރޮޑަކްޝަން ހައުސް ސްޕައިގްލާސް މީޑިއާ ގްރޫޕުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބާރެރާގެ ޕޯސްޓުތަކުގައި އިޒުރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލަން އުޅޭ ކަމަށް ބުނެ ދޮގު ތުހުމަތުތަކެއް ކޮށްފައި ހުރި ކަމަށާއި އެހީ ސީދާ ޔަހޫދީންނާ މެދު ނަފުރަތު އުފެއްދުމަށް ހިއްސާކުރި ޕޯސްޓުތަކެއް ކަމަށް ވެސް ބުންޏެވެ.
އެ ކަހަލަ ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށާއި މިކަމުގައި އަމަލުކުރާނީ ކުންފުނީގެ "ޒީރޯ ޓޮލޮރެންސް" ޕޮލިސީ އަށް ކަމަށް ބަޔާނުގައި ބުންޏެވެ.
ބާރެރާ މަސައްކަތުން ދުރުކުރުމުން އެކަމާ ހިތްހަމަނުޖެހިގެން "ސްކްރީމް 7"ގެ ޑައިރެކްޓަރު ކްރިސްޓޮފާ ލަންޑޮން ވެސް ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. އެކަމަކު މާ ގިނައިރުތަކެއް ނުވެ އޭނާ ވަނީ އެ ޕޯސްޓު ޑިލިޓްކޮށްފައިފަ އެވެ.
"މިއީ އަހަރެން ބުނާނެ ވާހަކަ އަކީ: ހުރިހާ ކަމެއް ކަޑަ. ހަޅޭ ނުލަވާ. މިއީ އަހަރެން ބޭނުންވި ގޮތެއް ނޫން،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
މި މައްސަލާގައި ބާރެރާ އަދި މީޑިއާއާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ހޮލީވުޑްގައި ފަލަސްތީނަށް ސަޕޯޓްކޮށް ވާހަކަ ދައްކާ ތަރިންނާ ދެކޮޅަށް އެކި ކަހަލަ ފިއްތުންތައް ކުރިމަތިކުރުވުން މިހާރު ވަނީ އާންމުވެފަ އެވެ.
ބާރެރާ ވަނީ "ސްކްރީމް" ފްރެންޗައިޒްގެ ކުރީގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިންގު
23 November 2023
އަަރުމެން ބޮއިކޮޓްކުރާނީ ތިޔަ ކުންފުނި. ނިމުނީ ދެން ތިޔަ މީހުންގެ ފިލްމު ބެލުން. ނުލަފާކަމަށް ޒީރޯ ޓޮލަރެންސް އޮތީ
ސަލްސްސް
26 November 2023
ފިލްމު ބެލުން އޯކޭ ފިލްމު ބަލަން ލާރި ނުދޭންވީ ލޮލް.
ސީޕީ3454
23 November 2023
ދެން އަދިވެސް ކިޔާ އިޒްރޭލް މީހުން ވަނުން މަނާ ކުރާށޭ .. ބަލަ އެކަން ކޮއްފިޔާ ރާއްޖެ ބޮއިކޮޓް ކެންޕެއިންނެއް އެމީހުންވެސް ފަށާނެ .. އެންމެ ރަގަޅު ވާނީ ދިވެހިން ނިއުޓަރްކޮއް ތިބެ ފަލަސްތީނައް ސަޕޯޓު ކުރަން އެމީހުންގެ އެއްޗެހި ބޮއިކޮޓް ކުރީމަ .. އަދި ފަލަސްތީނައް އެހީވާންވީ !
ބިރުން
23 November 2023
އަރަބިންނާަް ފަލަސްތީނާ ދެކޮޅަށް އަޑު އުފުލަން ބިރުގަންނަ ސަބަބު. އެމެރިކާ އާއި ޔޫރަޕު ދެކެ ބިރުން.
ކިރު ސައި
23 November 2023
އަރަބިންގެ މުނާފިގުކަމުން އަރަބިން އަޑު ނުއުފުލަނީ. ކޮންމެހެން އެމެރިކާއޭ ޔޫރަޕޭ ކިޔާނެކަމެއް ނެތް
ބެލްޖީ
23 November 2023
އަރަބިންނަށް ވުރެ ޔޫރަޕާ އެމެރިކާ މީހުން މާ ގަދަ އަޑުއުފުލުމުގަ. މިކަހަލަ އެތައް ބައެއް ވަޒީފާ ތައް ގެއްލިގެންވެސް އެ ދަނީ. ޔުނިވާސިޓީ ތަކުގެ ދަރިވަރުން ކުންފުނި ތަކުން ބްލެކްލިސްޓުވެސް އެބަ ކުރޭ. ޕްރޮފެސަރުން ވަޒީފާއިން އެކަހެރި ކުރޭ. އާޓިސްޓުންނާ ލިޔުންތެރިންގެ އެގްޒިބިޝަންތައް ކެންސަލް ކުރޭ. އެކަމަކުވެސް އެމީހުން އަޑު އުފުލާ. އަރަބިންނެއް ނޫން ދިވެހިންގެ ވެސް މިކަހަލަ ހިތްވަރު މަދު.