ހައި ކޯޓު: ޕީޖީ އޮފީހުން ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ވަނީ އިސްތިއުނާފަށް ހުށަހަޅާފައި --- ފޮޓޯ/މިހާރު
23 ނޮވެމްބަރ 2023 - 14:22
ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް 10،000ރ. އިން ޖޫރިމަނާކުރަން ނިންމި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމުން އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފްކޮށްފި އެވެ.
ޕީޖީ އޮފީހުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި، އެ އޮފީސް 10،000ރ. އިން ޖޫރިމަނާކުރަން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ ދައުލަތުގެ ހެކިވެރިންތަކެއްގެ ކުށުގެ ރެކޯޑް ހާމަކުރަން އެ ކޯޓުން ނެރުނު އަމުރަކަށް އަމަލު ނުކުރުމުންނެވެ.
އެ މައްސަލަ ޕީޖީ އޮފީހުން އިސްތިއުނާފް ކުރަން ހުށަހެޅުމުން ހައި ކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެހެންވެ، އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރަން ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން މިއަދު ބުންޏެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ރަޖިސްޓްރާގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
މިއީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ޕީޖީ އޮފީހުގެ މައްޗަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy