ނަދީމްގެ މަރުގެ ދައުވާލިބޭ މީހުން: އެ މީހުން ބަންދު ނުކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ވަނީ ނިންމާފައި
27 ނޮވެމްބަރ 2023 - 15:50
މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހުން ބަންދުކުރަން ހައި ކޯޓުން އަމުރު ނުދިން މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމައިފި އެވެ.
ޖުލައި، 2017 ގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ސާމިންގެ އިތުރުން ގއ. ގެނަމަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން އެދުމުން ހައި ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ނިންމައިފަ އެވެ.
ނަމަވެސް އެ މައްސަލާގެ އަޑުއެހުންތަކެއް އަދި ނުފަށަ އެވެ.
ހައި ކޯޓުން ނިންމީ އިސްތިއުނާފް މަރުހަލާގައި އެގޮތަށް މީހުން ބަންދު ކުރެވޭނެ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަނާ241
27 November 2023
ގާޒީންވެސް އިންސާނުންދެކެ ބިރުގަންނަނީތަ؟ ހަމައެކަނި ﷲ އަށް ބިރުގަންނަ ނަމަ ދޫކޮށްނުލީސް ދޯ