ފުޅަނގި ނަގަން ފުވައްމުލަކު ބަޔަކު ގޮނޑުދޮށުގައި: މި ރަށް ހަތް ފަހަރެއްގެ މަތިން ފަޅުވި ކަމަށް ބައެއް މީހުން ބުނާއިރު އަނެއް ބަޔަކު ބުނަނީ ރަށް ފަޅުވީ ތިން ފަހަރު ކަމަށް .--ފޮޓޯ: މަރިޔަމް ނުބުލާ
11 ފެބުރުއަރީ 2017 - 06:26
ރަށެއްގައި ފިތުނަ ފަސާދަ ބޮޑުވެގެން ގޮސް، އެ ރަށަކުން މީހުން ފައިބައިގެން ރަށް ފަޅުވެދާނެ ބާ އެވެ؟
މިއީ މިހާރުގެ ޒުވާނުންނަށް ވިސްނައިގަންނަން ފަސޭހަ ކަމަކަށް ނުވިޔަސް، ރާއްޖޭގައި މީހުން އުޅުނު ބޮޑެތި ބައެއް ރަށްރަށް މި ސަބަބާ ހުރެ ފަޅުވެފައިވާ ކަމަށް ތާރީޚީ ލިއުންތަކުން އެނގެ އެވެ. ބުނެވޭ ގޮތުގައި ނ. ކުރެދިވަރާއި ރ. ކޮތާފަރަކީ އޭގެ މިސާލެކެވެ.
މިއީ މުޅިން ހަގީގަތެއް ކަމަށް ސާބިތުކަމާ އެކު ބުނަން ނޭނގުނު ނަމަވެސްް، ތާރީޚީ ބައެއް ލިޔުންތަކާއި މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވެ، ރާއްޖޭގެ މަޝްހޫރު ތާރީޚީ އިލްމުވެރިޔާ މަރުހޫމް މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވާ "ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު"ގައި ވާ ގޮތުން ކުރެދިވަރު ފަޅުވީ އެ ރަށުގައި އުފެދުނު ބޮޑު ފިތުނަވެރިކަމެއްގައި، ވާދަވެރި ދެ ފަރާތުން ހެދި ސިހުރު ހާހޫރައިގެ ސަބަބުން ކަމަށް ބެލެވެ އެވެ. ސިހުރު ހަދާފައިވާ ތަކެތި އެ ރަށުގެ އެކި ތަންތަނުގައި ވަޅުލުމުން، އެތަންތަން ގިރައި "ކަނޑަށް" ވީ ކަމަށް ބުނެ އެވެ.
ކުރިން މީހުން އުޅުނު އެކަމަކު މިހާރު ފަޅުވެފައިވާ ކުރެދިވަރު: މިހާރު މިރަށް ދަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން-- ފޮޓޯ/ އައިލެންޑްސް 360
ކުރެދިވަރުގެ ހުކުރު މިސްކިތާއި ގަބުރުސްތާނުން ބޮޑު ބައެއް ގިރައި، ފެން ލޮނުވުމުގެ ސަބަބުން އެރަށު މީހުން ނ. ބޮމަސްދު އަށް ބަދަލުވީ 1943 ގަ އެވެ. އެކަމަކު ބޮމަސްދޫ ވެސް ގިރަން ފެށީ އެވެ.
ބުނެވޭ ގޮތުގައި އޭރު ކުރެދިވަރުގައި ތިބީ، ނ. އަތޮޅުގައި އެންމެ ގަދަޔަށް ސިހުރު ހަދާ އުޅުނު މީހުންނެވެ.
"އެކުޅިވަރު މީހުން ދާ ކޮންމެ ރަށަކުން، މީހުން ފައިބައިގެން ދާން ޖެހެނީ ރަށް ގިރާތީ އެވެ،" ލުުތުފީ އޭނާގެ ފޮތުގައި ލިޔުއްވާފައިވެ އެވެ.
ބޮމަސްދޫ މީހުން ފަހުން ބަދަލުކުރީ ށ. ފަރުކޮޅުފުނަދޫ (މިހާރުގެ ފުނަދޫ) އަށެވެ.
ކުރެދިވަރު ގިރަމުން ދިޔަ ވެލިގަނޑުން ރަށުގެ ދެކުނު ކޮޅުގައި ފިނޮޅެއް އުފެދި، އެ ފިނޮޅު ރަށާ އެކުވެ، ކުރީގެ ކުރެދިވަރުގެ ބޮޑު ރަށެއް އަލުން ވަނީ އުފެދިފަ އެވެ. ކުރެދިވަރުގައި މިހާރު އަންނަނީ ރިސޯޓެއް ހަދަމުންނެވެ.
ކުރެދިވަރު މީހުން ބަދަލުވި ބޮމަސްދޫ: މި ރަށް މިހާރު ވަނީ ވަރަށް ބޮޑަށް ގިރާލާފައި
ރާއްޖޭގެ ރަށްރަށަށް ދަތުރުކުރައްވައި، އެ ރަށްރަށް އުފެދިފައިވާ ގޮތާއި ރަށުގެ ތާރީޚީ މައުލޫމާތުތައް ހޯއްދަވައިގެން ލުތުފީ ލިޔުއްވި ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ރ. ކޮތާފަރަކީ ވެސް ކުރިން މީހުން އުޅުނު އެކަމަކު ފަޅުވި ރަށެކެވެ.
ގަބުރުސްތާނުގެ ގާތަށް މިހާރު ހަލާކުވެފައި ހުރި ނަމަވެސް، ބައެއް ގާތަކުގެ ލިޔުންތަކުން އެނގޭ ގޮތުގައި 1732 ވަނަ އަހަރު ވެސް އެ ރަށުގައި މީހުން ދިރިއުޅުނެވެ. ރަށުގައި ފިތުނަވެރިކަން ބޮޑުވެގެން މީހުން ފައިބައިގެން ދިޔަ ކަމަށް ވަނީ ޅ. ހުރުވަޅި (އެންމެ ފަހުން ހުޅުވި ހުރަވަޅި ރިސޯޓު) އަށެވެ. އެކަމަކު އެ ރަށުގައި ވެސް އެ ފިތުނަވެރިކަން ބޮޑުވެގެން، ބައެއް މީހުން ޅ. ހިންވަރަށް ބަދަލުވި އިރު، އަނެއް ބައި މީހުން ވަޒަންވެރިވީ އޭރު ފަޅުރަށެއްގެ ގޮތުގައި އޮތް ނައިފަރުގައި ކަމަށް ވާހަކަ ދެކެވެ އެވެ.
އެ ރަށުން ފޭބި މީހުންގެ ތެރެއިން ބައެއް ހދ. ކުރިނބީއަށް ގޮސް އެ ރަށުގައި އާބާދުވި ކަމަށް ވެސް ލުތުފީ ވިދާޅުވެ އެވެ.
"އާދެ! ފިތުނައަކީ ތަނެއް ނެތިކޮށްލާ ފަދަ ކަމެކެވެ،" މި ރަށްތަކާ ގުޅޭ ގޮތުން ލުތުފީ ލިއުއްވި އެވެ.
މިއީ ދިވެހި ތާރީޚުގައި، ޚާއްސަކޮށް އުތުރުގެ ރަށްރަށަށް ކުރިމަތިވި އެންމެ ބޮޑު އެއް ގުދުރަތީ ހާދިސާ އެވެ. މީގެ 198 އަހަރު ކުރިން، ޑިސެމްބަރު 30، 1819 ގައި ކުރި މި ވިއްސާރައިގެ އަސަރު ހދ. ގެ އިތުރުން ށ. އަތޮޅުގެ ގިނަ ރަށްރަށަށް ވެސް ކުރި އެވެ.
މިހާރު ފަޅުވެފައިވާ ހދ. ކޭލަކުނު: މި ރަށް ފަޅުވީ ކުރި ގަދަ ވިއްސާރައެއްގެ ސަބަބުން ކަމަށް ބުނެ އުޅޭ- ފޮޓޯ/ ބްލޫޕީސް މޯލްޑިވްސް
ބައެއް ލިޔުންތަކުގައިވާ ގޮތުގައި މިއީ ކޭލަކުނު ކައިރިއަށް އެރި ބޮޑު ނަގޫރޯޅިއެކެވެ. އެކަމަކު ގިނަ ލިޔުންތަކުގައި ވަނީ މިއީ "މާ ވިއްސާރަގަނޑެއް" ކަމަށެވެ. ވިއްސާރައިގައި ގެއްލުން ލިބުނު ހދ. އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ގޮސް އާބާދުވީ އެވެ.
ލުތުފީގެ ފޮތުގައި ލިޔުއްވާފައިވާ ގޮތުގައި މި ވިއްސާރައިގައި ށ. އަތޮޅުގެ 17 ރަށެއް ފަޅުވި އެވެ. އޭގެ ތެރޭން އަށް ރަށެއް ފަހުން އާބާދުވީ ކަމަށް އެ ފޮތުގައި ވެ އެވެ.
ކުރިން ގިނަ ބަޔަކު ދިރިއުޅުނު ކޭލަކުނު މި ވިއްސާރައިގައި އެއްކޮށް "ފުނޑުފުނޑު"ވި އިރު މިހާރު އެ އަތޮޅުގައި ވެރިކަން ކުރާ ހދ. ކުޅުފުއްޓަށް ވެސް ބޮޑެތި ގެއްލުންތަކެއްވެ، ރަށް ފަޅުވި އެވެ.
ކުޅުދުއްފުށި އަލުން އާބާދުވުމާ ގުޅޭ ގޮތުން ފަތްތޫރައިގެ 122 ވަނަ އަދަދުގައި ލުތުފީ ލިޔުއްވާފައިވާ ގޮތުގައި އެ ރަށުގައި އަލުން މީހުން ދިރިއުޅެން ފެށީ ގަދަ ވިއްސާރައިގެ ހާދިސާއަށް އަހަރެއް ފަހުން 1820 ގަ އެވެ.
ލުތުފީ ވިދާޅުވީ އެ ވިއްސާރައިގައި ކުޅުދުއްފުށިން ބަޔަކު މަރުވި އިރު ގިނަ ބަޔަކު ރަށުން ފައިބައިގެން ދިޔައީ އެވެ. ގަދަ ވައިގެ ސަބަބުން ގެތައް ބުރައިގެން ދިޔައިރު ރުއްގަސް ވެއްޓުމުގެ ސަބަބުން ގިނަ ގެތަކެއް ހަލާކުވެ، ގޭގެޔާއި ރުއްގަހު ދަށުވެ ވެސް ބަޔަކު މަރުވި އެވެ.
"ވިއްސާރައިގެ އަސަރު މައިތިރިވިއިރު، ރަށުގައި ތިބީ ހަ ކައިވެނީގެ މީހުންނެވެ. މި މީހުންގެ އަދަދެއް ކަނޑައަޅައި އެނގޭ ކަމަކަށް ނުވެ އެވެ،" ލުތުފީ ލިޔުއްވާފައި ވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ވިއްސާރަ ކުރިމަތިވި އިރު ކުޅުދުއްފުށީގެ ކަތީބަކަށް ހުރީ މުއައްލިމް އިސްމާއީލްގެ އަބޫބަކުރެވެ. ވިއްސާރައިގައި އޭނާއަށް ވީ ގޮތެއް ނޭނގެ އެވެ. އަބޫބަކުރުގެ ފިރިހެން ދަރި، ކާސިމް (ކާސިންކަލޭގެ) މި ހާދިސާގައި ސަލާމަތްވި ނަމަވެސް އޭނާގެ އަންހެނުންނާއި އަށް ދަރިން ތިބި ގެ ވެއްޓި، އެ އެންމެން މަރުވީ ކަމަށް ވެސް ބުނެ އުޅޭ ކަމަށް ލުތުފީ ލިޔުއްވަ އެވެ.
ގަދަ ވިއްސާރައެއްގައި ހަލާކުވެ އަދި ފަހުން ފަޅުވި ކަމަށް ބުނާ ހދ. ކޭލަކުނު-- ފޮޓޯ/ ބްލޫޕީސް މޯލްޑިވްސް
ވިއްސާރައިގެ ޚަބަރު މާލެއަށް ލިބުމުން ބަނޑޭރިބޭކަލުން އެ ރަށަށް ވަޑައިގެން ރަށުގައި ތިބި މަދު މީސްކޮޅު ރަށުން ބޭލުމަށް ގަސްދުކުރެއްވި އެވެ. އެކަމަކު އޭރު ރަށުގެ އިސް މީހަކަށް ހުރި ކާސިންކަލޭގެ ކުރި އާދޭހަށް އެކަން ހުއްޓަވާލެއްވީ ކަމަށް ވެ އެވެ.
ކުޅުދުއްދުށީގައި މީހުން އާލާނުވާތީ އޭނާ ނ. ބަނޑައިދިއްދޫ (މިހާރު ފަޅުރަށެއް)ގައި ދިރިއުޅޭ "ކަނބޯރަނި" ކިޔާ މީހަކު އެ ރަށަކަށް ގެންގޮސް ފަންޑިތަ ހެއްދުވި ކަމަށް ބުނެ އުޅޭ ކަމަށް ވެސް ލުތުފީގެ ފޮތުގައި ވެ އެވެ. އަދި އޭގެ ފަހުން އެ ރަށުގައި މީހުން އާބާދުވި ކަމަށާއި މިއަދާ ހަމައަށް އައިއިރު ވެސް އެ އާއިލާގެ ދަރިކޮޅު ދެމިއޮތް ކަމަށް ވެ އެވެ.
ކޭލަކުނު ތަޅާލި ވިއްސާރައިގައި ފަޅުވި ރަށްތަކުގެ ތެރޭގައި ވައިކަރަމުރާދު އާއި ކުޑަމުރައިދޫ ހިމެނެ އެވެ.
ރާއްޖޭގެ އުތުރުން ގިނަ ރަށްތަކެއް ފަޅުވި ގޮތާ މި ހާދިސާއާ ގުޅުން ހުރި ކަމަށް ތާރީޚު ހެކި ދެ އެވެ.
ލުތުފީ ވިދާޅުވެފައިވާ ގޮތުގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޏ. ފުވައްމުލަކު ފަޅުވި އެވެ. މިހާރު އެ ރަށް އެ އޮތީ ހަތް ވަނަ ފަހަރަށް ފަޅުވުމަށް ފަހު އާބާދުވީ ގޮތަށް ކަމަށް ވެ އެވެ.
އެކަމަކު ފުވައްމުލަކުގެ ބައެއް ދުވަސްވީ މީހުންނާ ހަވާލާދީ، އެ ރަށު ސަމާ، ފާރޫގު އަހުމަދު، ފަތްތޫރައިގެ އަދަދަކަށް ލިޔުއްވާފައިވާ ގޮތުގައި ފުވައްމުލަކު ފަޅުވީ ތިން ފަހަރު އެވެ.
އެންމެ ފުރަތަމަ އެ ރަށް ފަޅުވީ ގަދަ ރޯގާއެއްގައި މާ ގިނައިން މީހުން މަރުވާން ފެށުމުން، އެ ރަށް ދޫކޮށް އައްޑު އާއި ހުވަދު އަތޮޅަށް މީހުން ބަދަލުވުމުން ކަމަށް އޭނާ ލިޔުއްވަ އެވެ. އެ ފަހަރު "އައްޔަނުދައިތަ"އޭ ކިޔާ މުސްކުޅި އަންހެނަކު ފުރަން އަތިރި މައްޗަށް ދިޔައިރު އެންމެ ފަހަށް ތިބި މީހުންނައިގެން ދޯނި ފުރީ އެވެ. އެންމެ ފަހު ދޯނިން އޭނާގެ ފިރިމީހާ ވެސް ދިޔުމުން، އެ ރަށުގައި ދެން ދިރިއުޅުނީ އެ ދައިތަ އެކަނި ކަމަށް ވެ އެވެ. އެކަމަކު އޭގެ ފަހުން ރަށް އާބާދުވި ގޮތެއް ނޭނގެ އެވެ.
ފުވައްމުލަކު ބަންޑާރަކިޅި: މި ރަށް ވެސް އެކި ފަހަރު މަތިން ފަޅުވެފައިވާ ކަމަށް ތާރީހީ އިލްމުވެރިން ވިދާޅުވޭ-- ފޮޓޯ/އެޓޯލް ސެއިލާ
ދެވަނަ ފަހަރަށް ރަށް ފަޅުވީ ވެސް އެފަދަ ރޯގާއެއްގައި މީހުން މަރުވާން ފެށުމުން، އައްޑު އާއި ހުވަދު އަތޮޅަށް ބަދަލުވުމުން ކަމަށް ބުނެ އުޅެ އެވެ. އެކަމަކު ދެ ވަނަ ފަހަރަށް ފުވައްމުލަކު ފަޅުވި ޚަބަރު، ލ. ގަމު "ފާނުދޮންއަބާކިރު" ކިޔާ މީހަކަށް ލިބުމުން އޭނާގެ ދޯންޏެއްގައި ގަމު މީހުން ގޮވައިގެން އެ ރަށަށް ގޮސް ވަޒަންވެރިވީ ކަމަށް ވެ އެވެ.
އެ ރަށުގައި އޭރު އާބާދުވި މީހުން ބިނާކުރި ކަމަށް ބުނާ ހަތަރު މިސްކިތެއް، ވަރަށް ފަހަކާ ޖެހެންދެން ވެސް ފުވައްމުލަކުގައި ހުއްޓެވެ. ދޫޑިގަމު އެދުރުކަލޭގެފާނަކީ، ފާނުދޮންއަބާކިރުގެ ދަރިއެއް ކަމަށް ފާރޫގު ލިޔުއްވަ އެވެ.
އޭނާ ލިއުއްވި ގޮތުގައި ތިން ވަނަ ފަހަރަށް ފުވައްމުލަކުން މީހުން ފޭބީ "މާހުން" ކިޔާ ހުމެއްގައި ގިނަ އަދަދަކަށް މީހުން މަރުވާން ފެށުމުންނެވެ. އެ ބައްޔަށް ތާއޫން ބައްޔޭ ވެސް ކިޔައި އުޅެ އެވެ.
ފާރޫގު ވިދާޅުވީ އެ ފަހަރު ރަށުގެ މީހުން ދިޔައީ ސ. މީދުއަށް ކަމަށާއި ދޯނީގައި ދަތުރުކޮށް އެ ރަށަށް ލެފި އިރު، މަދު ދޯންޏެއްގައި ތިބި ދެތިން މީހަކު ފިޔަވައި އެންމެން ތިބީ ބަލީގައި މަރުވެފައި ކަމަށް ބުނެ އުޅޭ ކަމަށެވެ. އެ މީހުން މީދޫގެ އަތިރިމަތީ ސަރަހައްދެއްގައި ވަޅުލި އިރު އެތަނަށް މުލަކު ކަށްބިމޭ ވެސް ކިޔާ އުޅޭ ކަމަށް ފާރޫގު ވިދާޅުވެ އެވެ.
އެންމެ ފަހުން އެ ރަށުގައި މީހުން އާބާދުވީ އޭރު މާލޭގައި ހުރި ފުވައްމުލަކުގެ މޮޅު ފަންޑިތަވެރިޔަކު މީދުއަށް ގޮސް، އެ ރަށުގައި ތިބި ފުވައްމުލަކު މީހުން އެ ރަށަށް ގެންގޮސްގެންނެވެ. އެމީހުން އެ ރަށަށް އެރީ ގަދަޔަށް ފަންޑިތަ ކިޔެވުމަށް ފަހު ކަމަށް ވެ އެވެ.
"ކޮންމެއަކަސް، ފަންޑިތަ ނިންމަވާފައި މޫނުފާކުމުދިންކަލޭގެ (ފަންޑިތަވެރިޔާ) ބުނުއްވި ކަމަށް ވަނީ ދެން މުލައް (ފުވައްމުލަށް) ފަޅުނުވާނެ ކަމަށާއި ފަޅުވެއްޖެ ނަމަ އަލުން ދިރިއުޅޭނެ ދުވަހެއް ނުފެންނާނެ ކަމަށެވެ،" ފާރޫގުގެ މަޒުމޫނުގައިވެ އެވެ.
ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރުގައި ލުތުފީ ލިޔުއްވާފައިވާ ގޮތުގައި 1435ގެ ކުރިން ނ. ކުޑަފަރީއަކީ ފަޅުރަށެކެވެ. އެ ރަށުގެ އެންމެ ފުރަތަމަ ވަޒަންވެރީންނަކީ އައްސުލްތާނުލް ހާއްޖު ހަސަން 3، ހައްޖަށް ވަޑައިގަން ރާއްޖެ ގެނައި "70 ބަބުރުން" ކަމަށް އޭނާ ވިދާޅުވެ އެވެ.
ކުޑަފަރީގެ ބައެއް މީހުންގެ ދޫދޫމަތިން ދެމިގެން އައި ވާހަކަތަކަށް ހަވާލާ ދެއްވާ ލުތުފީ ވިދާޅުވީ ރާއްޖެ ގެނައި އަޅުންނާއި ދިވެހިން އަރައިރުންވާތީ، ހާއްޖު ހަސަން ބޭނުންފުޅުވީ އެ މީހުން ބޭނުން ރަށެއް އުތުރުން ދެއްވައި، އެ ރަށުގައި އެ މީހުން ވަޒަންވެރިކުރުވާށެވެ. އެގޮތުގެ މަތިން އަޅު މީހުން ހިޔާރުކުރީ ކުޑަފަރީ އެވެ. މީގެ އިތުރުން އެ މީހުންގެ ކެއިންބުއިމަށް ބޭނުންވާ އެއްޗެހި ހޯދަން ނ. މާކަލައިދު އާއި ހދ، ކޭލަކުނުން ހިންނަ އަކާއި ހދ. ކުބުނރުދޫ ގޮއިފާލައްބަ ދެއްވި ކަމަށް ވެސް ވެ އެވެ.
ކުޑަފަރީ ބަޔަކު އެ ރަށުގައި މޫދަށް އެރެން އުޅެނިކޮށް، މީގެ އަހަރުތަކެއް ކުރިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އަޅު މީހުން ކަމަށް ވޭ-- ފޮޓޯ/ ނޫނު އަތޮޅު ކައުންސިލްގެ އިދާރާ
"ކޭލަކުނު ތަޅާލި ވިއްސާރަ"އާ ގުޅިގެން ވެސް އެ ރަށުގެ ބަޔަކު ވެސް ކުޑަފަރީގައި ވަޒަންވެރިވި ކަމަށް ވެ އެވެ. އަދި އެ ރަށަށް މަލާބާރީން އެކި ފަހަރު މަތިން އަރައި ރަށް ލޫޓުވާލި ކަމަށް ވެސް ލުތުފީ ލިޔުއްވާފައިވެ އެވެ.
މި ނޫނަސް ތަފާތު ގޮތްގޮތަށް ރާއްޖޭގެ ރަށްރަށުގައި މީހުން އާބާދުވެ، ފަޅުވެފައިވެ އެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބައެއް ރަށްރަށް ފަޅުވި އެވެ. އެކި ސަބަބުތަކާ ހުރެ ރަށުން ފައިބައިގެން ދިޔަ މީހުން ފަހުން އެ ރަށެއްގައި ވަޒަންވެރި ވެސް ވެ އެވެ.
“ކޮންމެ ރަށަކާއި އެރަށެއްގައި ދިރިއުޅޭ ބައެއްގެ ފަހަތުގައި ވާހަކައެއް ވާނެ އެވެ. އެއީ އެރަށަކަށް ނުވަތަ އެބަޔަކަށް ދިމާވަމުން ދިޔަ ގޮތްތަކުގެ ވާހަކަ އެވެ. އެފަދަ ވާހަކަތަކަކީ ތެދު ހަގީގަތެވެ. ނޫން ނަމަ ތެދާއި ދޮގެވެ. ކޮންމެ ގޮތެއްގައި ވެސް މާޒީވެ ގޮސް، މިއަދު އެކަމެއްގެ ހަގީގަތް ރަނގަޅަށް އެނގެން ނެތް ފޯކްލޯރެކެވެ،” ލުތުފީ ލިޔުއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
13 February 2017
މިޒަމާނުގައި އިތުރަށް ބަލައި ދިރާސާ ކުރާ މީހުން ވަރަށް މަދު، ކުރީ ޒަމާނުގައި މީހުން ކޮށްފަ ހުންނަ ދިރާސތައް ކޮޕީ ކޮށްފަ ލިޔުމަކުން ނުފުދޭ. އެހެން އެވަނީ އެންމެން ވެސް އަނގަޔާއި އަތާ ދިމާނުވެ ހާސްކަންމަތީ އުޅެން ޖެހޭތީ ހެން ހީވަނީ
ބޭބެ
12 February 2017
ގދ.ގަން މިރަށުގެ ވާހަކަވެސް ހިމަނަިލިނަމަ
ދދ
12 February 2017
ރަށްތަކާއި ގެތަށް ފަޅު ވުމުގައި އޭރެއްގެ ސަރުކާރުގެ އިހުމާލު ވަރަށް ބޮޑު!
ވައި އަޅުވާ
12 February 2017
މި ކަހަލަ ރަނގަޅު އާރޓިކަލް އެއްް ލިޔުނީމަވެސް ކޯޑިނޭޓަރު ކުދިން ކޮޅު މިދައްކަނީ ހުޅުމާލެ ފްލެޓް އަށް މީހުން ބަދަލު ކުރާ ވާހަކަ. ފުކެށް ބޮޑުވަރު ދޯ އޯސަމް އެންޑް ފްލޯލެސް ވިއަސް..
ތޮޅުއަތިލަދުންމަތި
11 February 2017
ތިލަދުންމަތީ އުތުރުބުރީ ދޮނަކުޅި އަކީ ކުރިން އެ އަތޮޅު ދިއްދޫ މީހުން އުޅެމުން އައި ރަށެވެ ދޮނަކުޅިން މީހުން ފައިބަން ޖެހުނީ ފުރޭތަ އަރާތީ އެވެ އެރަށަށް އަރަނީ ދެކުނު އިންޑިޔާގައި އުޅޭ މަލާބާރީންގެ ގުރޫޕަކާ ޕޯރޗްގީޒުންނާ ހުޅފަ އޮތް ކަންނަންނޫރު އަލީ ރާޖާގެ ގުރޫޕެވެ ރަށަށް އަރާ މީހންމަރާ ލޭކޯރު ހައްދާ ކުޑަކުދިންގެ ކަރުގައި އަޅާފައި ހުންނަ ރަނުގެ ގިލަފައްޗާ ކަންފަތުލާމުންޖާ އުޅާފަދަ ގަހަނާ ނަގާ މުޅިރަށުން ފޭރުމަށްފަހު ރަށުންދަނީ އެވެ ފޭރެން އަންނަ މިގުރޫޕު ގުރާބު ތަކުގައި އަންނަން ފެށުމުން ރަށުގެ ބައެއް މީހުން ވަލުތެރޭ ވަޅުކޮނެ ވަޅަށް ފައިބާ ފަތުން މަތިބައްދައިގެން ތިބެއެވެ ގުރާުބު ތަކުގައި މިބައިމީހުން ރަށަށް އަރާ މަރުކަޒުކޮށްގެންވެސްބައެއް ފަހަރަށް ތިބެއެވެ މީލާދީން ދޮންބަންޑާރޢިންގެ ރަސްކަމުގައި މިރަށަށް އަރާތިބި މަލާބާރީންނާ ހަނގުރާމަކޮށް އެބައިމީހުން ދޮނަކުޅިން ބޭރުކުރި އެވެ މަލާބާރީންގެ ދުއްތުރާ އުނދަގޫ ބޮޑުވެ ދޮނަކުޅީމީހުން ފައިބައިގެން ބައެއް ރަށްރަށަށް ބަދަލްވި އެވެ ބަދަލްވި ބައެއް ރަށްރަށުގެ ތެރޭ ކުޅުދުއްފުށި ޅ މާފިލފުށި އުތީމު ހއ ނަރިދޫ ހދ ހޮޑައިދޫ ހިމެނެ އެވެ ނަރިދޫ އަށް އެރުމުގައި ހިކްމަތްތެރިކަމެއްވެސް ވެއެވެ އެއީ ރާޅުން ހިމާޔަތް ހޯދުމެވެ ދުޝްމަނުންނަށް އަރަން ފަސޭހަ ރަށަޚަށް ނުވާނެތީ އެވެ ނަރިދޫގައި ގަބުރަސްތާނެއް އޮންނަނީ މިހެންވެ އެވެ އަހަރުތަކެއްގައި ނަރިދޫގައި ދިރިއުޅުމަށްފަހު ދެން ބަދަލްވީ ދިއްދޫ އަށެވެ އޭރު ދިއްދޫ އަކީ ބޮޑުތަކުރުފާނު ރުއްއަޅުއްވައިގެން އުޅުއްވި ރަށެވެ ދިއްދޫ ޢީދު މިސްކިތް އެހުރީ ތަކުރުފާނު ފަނުން ހައްދަވައިގެން އުޅުއްވި ތަކުރުފާނު މިސްކިތް ހުރި ތަނުގަ އެވެ ނަރިދޫން ދިއްދުއަށް ބަދަލްވުމަށް ބަލާފަވަނީ ލަފާފުރުމުގަ ފަޅުގެ ފަސޭހަކަމަށާ އަތޮޅުގެ މެދުގަ އޮތުމުން ފުށޮޅު ކަނޑާ މަތިކަނޑަށް ފަހި ރަށަކަށް ބަލާފަ އެވެ މައުލޫމާތު މުޙައްމަދު އިބްރާހީމް ލުޠުފީގެ ލިޔުއްވުން މުޙައްމަދު އަމީނުގެ ލިޔުއްވުން ދިއްދޫ ކަތީބު އާދަމް ނަޞީރުގެ މައުލޫމާތާއި އެކު
އިބިރިހިން ބެއްޔާ
11 February 2017
ޢަފިރިންގެ އައްޑޫސިޓީގެ ބޮޑުއަވަށް ހިތަދޫވެސް ހަތްފަހަރު ފަޅުވިޔޯލަ. އެންމެފަހުން ފަޅުވިކަމަށް މަބުނާނީ ކޯއްޓޭ އާއި ވީކޮޅަށް ވަން އިގިރޭސި ނަވަކުން މީސްކޮޅު ކަހާލާ މުސްކުޅިން މަރާލާ ހެދުމުން ދެޔޯއިންތަކެއް އެރީކަމަށް ހީކޮއް.
މާއްޓޭ
11 February 2017
ފ. އަތޮޅު ހިމިތި މިއީވެސް ފަޅުވި ރަށެއް
މާލިމީ
11 February 2017
ހުކުރުއެޅި މިހާރު ހުކުރުދޫ ފަޅުވީ ކީއްގެންތޯ / އެވެސް މީހުން އުޅެނިކޮށް ފަޅިވީތަނެކޭ ބުނާތީ އަހަން
ހަސަން ފުޅު
11 February 2017
ތިޔަބުނާ ތާރީހުފޮތުގައި ލިޔެފައިވާ ވާހަކަތަކުގެ ހަގީގީ ކަންކަން ހިމެނިފައިވޭތޯ ކަށަވަރު ކުެރވިދާނެ ނ . ކުޑަފަރީ މީހުންގެ ތެރޭގައި ބަބުރު ނަސްލުގެ ފީޗާރސް ހުރިކަމަށް ފާހަގަވާމީހުން ތިބިނަމަ... ކޮންމެވެސް މީހަކު އެކަން ކުޑަކޮށް ދިރާސާކޮށްލުމުން އެގޭނެ ލުތުފީގެ ތާރީހު ފޮތުގައި ހަގީގަތްވެސް އެބަހިމެނޭކަން...
ާއައިސަ
12 February 2017
ކުޑަފަރީގައި އެ ދަރިކޮޅުގެ މީހުން އުޅޭ ކަމައް ވަނީ
ބަދަލުކުރޭ
11 February 2017
ތަމެން ރާއްޖެތެރޭގެ ކުދިކުދި އާބާދީގެ ބަނޑު ދަށުގައި ބޮޑެތި ރަށްރަށް ލައިގެން ތިޔާ އުޅެނީ ކީއްކުރާނަމޭ ހިތާތޭ. ހުރިހާ ރަށް ތައް ފަޅު ކޮށްލާ އެންމެން މާލެ ސަރަހައްދަށް ގެންނަންވީ އަންނަންވީ އަންނަންވީ އަންނަންވީ އެވެ. ބަދަލުދޭން ޖެހޭނެއޭ ނޯންނާނެ އެއްވެސް ބަދަލު ދިނުމެއް މައި ސަރުކާރުން އެންގީމާ ޖެހޭނީ އަންނަން. ގެންނަންވީ އެންމެން ގެނެސް ގެން ސަރުކާރުގެ ރިކަރަންޓް ބަޖެޓް ޚަރަދު އަދި ކެޕިޓަލް ކޮސްޓް ކުޑަ ކުރަންވީއެވެ. މާލެ ސަރަހައްދުގައި އަޅަންވީ އަހަރަކު 3 އަތޮޅުގެ އާބާދީ އެއްކޮށް މާލެ ސަރަހައްދަށް ބަދަލު ކޮށްލެވޭ ވަރަށް ފްލެޓްސް ތައް.
އާތްމަ
12 February 2017
އާތްތެރި. ޕިންކީން އެޅި އެންމެ ފުލެޓެއްވެސް އެބައިންތޯ؟؟؟