29 ނޮވެމްބަރ 2023 - 11:59
ޕެރިސް (ނޮވެމްބަރު 29) - ޔޫއެފާ ޗެމްޕިއަސް ލީގުގައި ނިއުކާސަލްއާ ދެކޮޅަށް، ޕީއެސްޖީ އަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމިނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ނިއުކާސަލްގެ ކޯޗު އެޑީ ހޯ ބުނެފި އެވެ.
ފުރަތަމަ ހާފުގައި އެލެގްޒެންޑާ އިސާކް، ނިއުކާސަލް އަށް ޖަހައިދިން ލަނޑުން އެ ޓީމު މޮޅުވާން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ އަށްވަނަ މިނެޓްގައި، ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭ ގޯލް ޖެހި އެވެ.
ސުވާލު އުފެދުނީ އެ ޕެނަލްޓީއާ މެދު އެވެ. ޕީއެސްޖީގެ އުސްމާން ޑެމްބެލޭ ނެގި ހުރަސް، ނިއުކާސަލްގެ އޭރިއާގެ ތެރެއިން ޓީނޯ ލިވްރަމެންޓޯގެ އަތުގައި ބޯޅަ ޖެހުނެވެ. އެކަމަކު ބޯޅަ ފުރަތަމަ ޖެހުނީ ލިވްރަމެންޓޯގެ މޭމަތީގައި ޖެހުނެވެ. މޭމަތީގައި ޖެހިފައި ބައުންސްވެގެން ގޮސް އަތުގައި ޖެހުނެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ރެފްރީކަން ކުރި ސިމޯން މާސިނިއަކް ވީއޭއާރް މެދުވެރިކޮށް ބެލުމަށްފަހު ނިންމީ ޕެނަލްޓީއެއް ކަމަށެވެ.
"އާނ އަހަރެން ކުރާނަން،" ނިންމުމާ މެދު ބޭއިންސާފް ކަމަށް ގަބޫލުކުރަންތޯ ސުވާލު ކުރުމުން ހޯ ބުންޏެވެ.
"އަހަރެންގެ ނަޒަރުގައި އެއީ އެންމެ ރަނގަޅު ނިންމުމެއް ނޫން. އެކަމަކު ވީއޭއާރް މޮނިޓަރަށް ދިއުމުން އެކަން ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް... މެޗު ނިމެން އެހާ ކުޑަ ވަގުތުކޮޅެއް ބާކީ އޮއްވައި އެއީ ވަރަށް ގޯސް ނިންމުމެއް، އެކަމަކު މިހާރު އަހަންނަށް ކުރެވޭނެ ކަމެއް ނެތް."
ހޯ ބުނީ، ނިއުކާސަލް އަށް އަދިވެސް ދެވަނަ ބުރަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީވޭ
29 November 2023
އާރސެނަލް މެޗްގަ ޖެހި ގޯލް ރެފްރީ ތިކޮޅަށް ހުރީ އޭރު ރެފްރީ އޯކޭ މިހާރު ތިއޮތީ އޭގެ ބަދަލް އައިއްސަ ހަޖަމް ކޮއްލާ