ރިޕޯޓް

ޕީއެސްއެމް: މިނިވަންކަން އޮތީ ގާނޫނުގައި، އަމަލަކުން ނުފެނޭ!

ޕީއެސްއެމްގެ ނޫސްވެރިންތަކެއް މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އާ ސަރުކާރެއް އައީ އެވެ؛ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ހުރިހާ ވެރިންނާއި މުވައްޒަފުންގެ ފިކުރު އަނެއްކާ ވެސް ބަދަލު ކުރަންވީ އެވެ. މި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށެވެ. މި ސަރުކާރަށް ސަނާ ކިޔުމަށެވެ. އެހެން ނޫނީ މުވައްޒަފުންނަށް އޮތީ، ކުރިން ވެސް އެ ތާނގައި ދިމާވާ ދަތި އުނދަގޫތަކެވެ.

ކޮންމެ ސަރުކާރަކާ އެކު، ވިސްނުމާއި ފިކުރާއި ކޮންޓެންޓް ބަދަލު ކުރުމަކީ ދައުލަތުގެ މީޑިއާ އަށް މަޖުބޫރީ ހާލަތެކެވެ. އެކަމަކު، ދައުލަތުގެ މީޑިއާ އާ ބެހޭ ގާނޫނުގައި އޮތީ އެތަނަށް ތަންމިނަށް މިނިވަންކަން ދީފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާއާ އެކީ ކޮންމެ ފަސް އަހަރަކުން ބަދަލުވާ ތަނެއް މިތަނަކީ،" މައްސަލައިގެ ގޮތުން ނަން ނުޖަހަން އެދި ވާހަކަދައްކަމުން އޭނާ ބުންޏެވެ.

މިއީ، އެ ތަނުގައި އާއްމުކޮށް ކަން ހިނގާ ގޮތްކަން، ޕީއެސްއެމް އިން ވާހަކަ ދެއްކި އެހެން މީހުންގެ ވާހަކަތަކުން ވެސް އެނގެ އެވެ.

ދައުލަތުގެ މީޑިއާ އަބަދުވެސް ކުޅެނީ ސަރުކާރުކޮޅަށެވެ. އެ މީޑިއާ އަށް ދައުލަތުގެ މީޑިއާއޭ ކިޔަސް، ހުރިހާ ކޮންޓެންޓެއް ވެސް އޮންނަނީ ސަރުކާރުގެ މުށުތެރޭގަ އެވެ. ދައުލަތުގެ އެހެން މުއައްސަސާތައް ހުއްޓަސް، އެ މުއައްސަސާތަކަކީ، ދައުލަތުގެ މީޑިއާގެ ސަމާލުކަން އޮތް ދިމާތަކެއް ނޫނެވެ. ހުރިހާ ވެސް އެއްޗަކީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރު އެކަންޏެވެ. އަދި، މާ ކުރިން ފެށިގެން ވެސް ދައުލަތުގެ މީޑިއާ އޮންނަނީ ކޮންމެ ސަރުކާރަކާ އެކު ބަދަލުވަމުންދާ ތަނެއްގެ ގޮތުގަ އެވެ. ކޮންމެ ބަޔަކު ވެރިކަމަށް އަންނަން އުޅޭއިރު، މީޑިއާ އަށް އަތް ނުބާނާނަމޭ ބުންޏަސް، ފަސް އަހަރުގެ ވެރިކަން ނިމޭއިރު އެ ވާހަކައިގެ ހަނދާނެއް ނުހުރެ އެވެ.

ސަރުކާރުގެ އެހެން ކުންފުނިތަކާއި ޕީއެސްއެމްއާ އަޅާކިޔޭ ވަރަށް ވުރެ، ދައުލަތުގެ މީޑީއާ ކުންފުނީގެ މަސައްކަތް ތަފާތެވެ. މިނިވަންކަމާއެކު މަސައްކަތްކުރަން ޖެހޭނެ ކަމަށް ސާފު، ސަރީހަ އިބާރާތުން ބުންޏަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީއެސްއެމް އިމާރާތުގެ ބޭރު ފާރުގައި ފިޔާތޮށި ކުލަ ކުލުމަކީ، އެ ތަނަށް ނުފޫޒު ފޯރާފައިވާކަން ވަރަށް ރަނގަޅަށް އޭރު ވެސް ފެންނަން އޮތް ކަމެކެވެ. އަދި، އޭގެކުރިން އެހެން ސަރުކާރުތަކުން ސިޔާސީ މީހުން އެތަނަށް ވަދެ، ކޮންޓެންޓާ ކުޅެ، ބައެއް ހަބަރުތަކާއި ކޮންޓެންޓް ނުދައްކަން ވެސް އެދިފައި އެބަހުއްޓެވެ.

ޕީއެސްއެމްއިން ވާހަކަ ދެއްކި ބުނިގޮތުގައި، ދައުލަތުގެ މީޑިއާ ކުންފުންޏަކީ ވަކިމިނިވަންކަމާ އެކު، ވަކި ފަރާތަކަށް ނުޖެހި ހިންގަން ޖެހޭ ތަނެއް ކަމަށް ކަނޑައަޅައި 2015 ވަނަ އަހަރު ޕީއެސްއެމްގެ ގާނޫނު ވުޖޫދުވިޔަސް، ކުންފުނި ހިންގާނެ ވެރިން ހަމަޖެއްސުމުން އަބަދު ވެސް އެންމެ އަވަހަށް ބަދަލުވާ ތަނަކީ، އެ މުވައްޒަފު ބުނިގޮތުގައި، ނިއުސް ރޫމެވެ.

ރިޔާސީ އިންތިހާބާ އެކު، ވެރިކަން ބަދަލުވުމުގެ މަރުހަލާއަކީ، ޕީއެސްއެމްގެ ނިއުސް ހެޑް ވެސް އަމިއްލައަށް ޒިންމާތަކުން ފެއަށް ޖެހޭ ދުވަސްވަރެވެ. ނަމަވެސް، މި ފަހަރު ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ވެސް އެކަމަށް ބަދަލެއް ނައުމުން، އެންމެ ފަހުން އެ ޒިންމާތައް އަދާކުރަމުން ދިޔަ މުހައްމަދު އަފްޒަލް، އެ މަގާމުން ދުރުކުރީ، ކުންފުނީގެ އެމްޑީ އޮފީހަށް އަލަށް ވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

ކުރިން ވާހަކަދެއްކި މުވައްޒަފު ވެސް ބުނީ އެތައް ޑިޕާޓްމަންޓެއް ހިންގިއަސް، އެ އިރެއްގައި އޮންނަ ސަރުކާރަކުން އަބަދު ވެސް ކުޅެނީ ނިއުސް ރޫމަށެވެ. ސަބަބަކީ އެ ބަޔަކު ބޭނުންވާ ގޮތަށް ހަބަރާއި މައުލޫމާތު ފެތުރުމެވެ.

މީގެ ކުރިން، ޕީޕީއެމް ވެރިކަމުގައި އޮތްއިރު، އިދިކޮޅު ތިބި އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ އެއްވެސް އެއްޗެއް ނުގެނެސްދިނެވެ. ބޮޑެތި ޖަލްސާތަކާއި އެއްވުންތައް ބޭއްވި އެވެ. އެކަމަކު، ގައުމީ ޓީވީގެ ރާޑަރަކަށް ނޭރި އެވެ. ނަމަވެސް، ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދެވި ކާމިޔާބީ އަށް ފަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ޓީވީއެމް އިން ލައިވްކުރި އެވެ.

މި ފަހަރު ވެސް ހަމަ އެހެންނެވެ. އިދިކޮޅުގައި ޕީޕީއެމް އޮތްއިރު ވަރަށް ގިނަ ޖަލްސާތައް ބޭއްވި އެވެ. އެކަމަކު، ޕީއެސްއެމްގެ ލެންސަށް އެ މަންޒަރުތައް އެރީ، ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހުގަ އެވެ.

ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަދި ޕީއެސްއެމްގެ ކުރީގެ އެމްޑީ ހަލީލް (ކ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޕީއެސްއެމްގެ ގާނޫނު ބައްޓަންކޮށްފައިވަނީ މައިގަނޑު 13 ސިޔާސަތެއްގެ ތެރޭގަ އެވެ. އޭގެ ތެރޭގައި؛

- ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުން

- މުޖުތަމައުއަށް ބޭނުންތެރިވާނެ ބިނާކުރުވަނިވި ތަފާތު ފިކުރުތަކާއި ހިޔާލުތަކަށް އަދި އާ ވިސްނުންތަކަށް ޖާގަ ދިނުން

- ރައްޔިތުންގެ ހުރިހާ ގިންތިއަކާ ގުޅޭ އަދި ހުރިހާ އުމުރު ފުރައަކަށް އަމާޒުކުރެވޭ ރައްޔިތުންގެ ހާލަތާއި ކަންބޮޑުވުންތައް ހާމަކޮށްދޭ އުފެއްދުންތައް ޕީއެސްއެމް މެދުވެރިކޮށް ފޯރުކޮށްދިނުން

ސިޔާސަތުތައް ތަރުތީބުކޮށްފައިވާ ގޮތަށް ބަލާއިރު، ދައުލަތް ހިންގުމުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކާއި ދައުލަތުގެ އެކި އިދާރާތަކުގެ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދިނުން އޮތީ ފަހަތުން ދެ ވަނައަށެވެ. އެކަމަކު، އޭގެ ކުރިން ކުރަންޖެހޭ ކަންކަމަށް ވުރެ ބޮޑަށް، ދައުލަތުގެ މީޑިއާ ހުސްވެފައި އޮންނަނީ އެ އިރެއްގައި އޮންނަ ސަރުކާރު ޕްރޮމޯޓުކުރާށެވެ.

ޕީއެސްއެމް ހިންގާ އިމާރާތް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދައުލަތުގެ މީޑިއާގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި، މިނިވަންކަމާއެކު ޕީއެސްއެމް ހިންގަން ގާނޫނުގައި ސާފުކޮށް ބުންޏަސް، އެ އިރެއްގައި އޮންނަ ސަރުކާރުގެ ނުފޫޒު އަބަދު ވެސް އެ މީޑިއާއަށް އޮންނަ ކަމަށެވެ.

"ކޮންމެ ސަރުކާރެއް އަޔަސް ޕީއެސްއެމް ހިންގަން އަންނަނީ އެ ތަނުގައި ހުންނަ ނިއުސްއާ ޕްރޮގްރާމްސްއާ. ތަން ހިންގާކަށް ނުޅޭ. ބޮޑު ސްޓޭޝަނެއް ވިއްޔާ ހުންނާނެ، ކުޑަ ތަނެެއްގެ ވާހަކައެއް ނޫން މި ދައްކަނީ. އޮޕަރޭޝަންއާ މީހުން މެނޭޖުކުރުމާ ފައިނޭންސް މެނޭޖުކުރުމާ މިއީ އަދި އެހެން އެސްޕެކްޓެއް މި ހިންގަނީ. ސަރުކާރަކުން މި ދެކެނީ އަހަރުންނަށް މުހިއްމީ ނިއުސް ރޫމާ ޕްރޮގްރާމްތަކާއޭ." އޭނާ ވިދާޅުވި އެވެ.

"އެ ބަޔަކު ބޭނުންވާ އެއްޗެހި ގެނެސްދޭ ބަޔަކު އެބަޖެހޭ ބައިތިއްބަން. އެހެންވެގެން އެ ބަދަލުތައް ގެންނަނީ."

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީގައި ތިބެ ބަޔަކު ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ބައިވެރިވެއްޖެނަމަ، އެ ބަލަން އިދިކޮޅު މީހުން ބޭނުންވެ އެވެ. އެކަމަކު، ދައުލަތުގެ މީޑިއާއަކީ އޮޕޮޒިޝަން ބަލަން ބޭނުންވާ ޗެނަލްއެއް ނޫން ކަމަށް ދައްކަން ބޭނުންވާނެ ކަމަށް، އޭނާ ވިދާޅުވި އެވެ.

"މިއަދު ވެސް ވާނީ ހަމަ އެހެން. އިންވައިޓު ކޮށްފިއްޔާ އޮޕޮޒިޝަންގައި ތިބޭ ބޭފުޅުން ނާންނާނެ ޓީވީއެމްއަކަށް. އެ ބޭފުޅުން ދާނީ ރާއްޖެ ޓީވީއަށް. އެއީ އެ ބޭފުޅުންގެ ސަޕޯޓާސް ޓިއުން ކުރުވަން ބޭނުންވާނީ އޭތި...ކުރީގައި ވެސް ޕްރޮގްރާމްސް އަށް ގެންނަން އެ ބޭފުޅުންނަށް ދައުވަތު ވެސް ދީފައި ހުންނާނެ. ހަމަ ނާންނާނެ. ރޯދަ މަހުގެ ޕްރޮގްރާމްތަކަށް ވެސް ގެންނަން."

ޕީއެސްއެމް އިމާރާތުގައި ފިޔާތޮށި ކުލަ ލާފައި.

އޭނާ ވިދާޅުވި ގޮތުގައި ޕީއެސްއެމްގެ ޕްރޮގްރާމަކަށް އިދިކޮޅު ބޭފުޅަކަށް ދައުވަތު ދީފި ނަމަ، ސަރުކާރުގެ އިސް އޮފިޝަލަކު ގުޅައިގެން ވެސް އެބައެއް ފަހަރު އެކަން ބަދަލުކުރާ ކަމަށެވެ. އެއީ ކޮންމެ ސަރުކާރެއްގައި ވެސް ހިނގި ކަންތައްތައް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުގައި މި ވަގުތު ހުންނެވި، ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލްގެ ވިސްނުން ތަފާތެވެ.

ޕީއެސްއެމްގެ މިނިވަންކަން އާއްމުން މިނެކިރަނީ، ހަލީލް ވިދާޅުވި ގޮތުގައި، ނިއުސް އެންޑް ކަރެންޓް އެފެއާޒަށް ބެލުމަށްފަހުގަ އެވެ. އެކަމަކު، އެ ގާނޫނުގެ ދަށުން އިތުރު ކަންތައްތައް ވެސް ޕަބްލިކް ސާވިސް މީޑިއާ އަށް މަތިކޮށްފައި އެބަހުއްޓެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ އަޑު އިއްވައި، އެ މީހުންގެ ހަބަރުތައް މިހާރަށް ވުރެ ގިނައިން ގެންނަ ނަމަ ޕީއެސްއެމް އަށް ފާޑުކިޔުން ކުޑަވާނެ ކަމަށާއި އެކަމަކު، ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ކުރާ ކަންކަމުގެ ހަބަރުތައް އަބަދު ވެސް ގިނަވާނެކަން ފާހަގަކުރެއްވި އެވެ.

"މި ފެށުނު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނުފޫޒެއް ގައިމު ވެސް ޕަބްލިކް ސާވިސް މީޑިއާއަކަށް ނޯންނާނެ. ވަރަށް އޯޕަންކޮށް އޮންނާނީ،" ހަލީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕަބްލިކް ސާވިސް މީޑިއާއަކަށް އަތެއް ނުބާނާނެ. އަޅުގަނޑުމެން އެތަނަށް ނުފޫޒެއް ނުފޯރުވާނެ."

ދައުލަތުން ކޮންމެ އަހަރަކު ވެސް، ރައްޔިތުންގެ އެތައް މިލިއަން ފައިސާއެއް ޕީއެސްއެމް އަށް ހަރަދުކުރިޔަސް، ސަރުކާރުގެ "ޕްރޮޕެގެންޑާ" ފެތުރުން ނޫން މަސައްކަތެއް ނުފެނެ އެވެ. ކިތަންމެ މިނިވަންކޮށް މަސައްކަތްކުރަން ޖެހުނަސް، ރައްޔިތުންގެ ނުވަތަ ގައުމުގައި އެ އިރެއްގައި އޮންނަ ބޮޑެތި މައްސަލަތަކަށް އެޑްރެސްކުރާ ތަނެއް ނުފެނެ އެވެ. ޕީއެސްއެމް ވުޖޫދުވިތާ މި ވީ އަށް އަހަރުގެ ތެރޭގައި ވެސް ފެނުނީ އެ މަންޒަރެވެ.

24 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 38%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ

12 December 2023

އާރައީސް ހުވާކުއްވަން 24 ގަޑިއިރަށްވީންސުރެ ހުވާކޮށް ނިމެންދެން ވަރަށްމިނިވަން, އެކަހަލަ ވަގުތުކޮޅެއް ނުދެކެން

The name is already taken The name is available. Register?

ފެން

03 December 2023

އެކަމަކުޚަލީލުދޯ- mikahala ވާހަކަނުދެއްކުންރަގަޅި

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

01 December 2023

ދިވެހި ދިދައިގެ ބާރުހިގާ ތަނުގައި އުފައްދާފައިވާ ދިވެހި ދައުލަތުގެ (މިހާރުގެ ސްޕްރީމް ކޯޓް ފިޔަވާ) ބާރުވެރިކަން އޮތް ކޮން މުއައްސަސާއެއްތޯ ތިޔަ ވިދާޅުވާ ގޮތަށް "އޭރަކު ހުންނަ ވެރިމީހާގެ ބާރު" އެތަނަކަށް ނުހިގާ ގޮތަށް އޮތީ. # އިބުރާހިމްގެ ސަރުކާރުގައި "ރައްޔިތުންގެ މަޖިލީހުގެމައްޗަށް އެބޭޅާގެ ބާރުވެރިކަން އޮތްކަމަށް" ފާޅުގައި ތަކުރާރުކޮށް އެތައް ތަނެއްގައި ވިދާޅުވެފައިވާއިރު ދައުލަތުގެ ކޮން މުއައްސަސާއަކުންތޯ އެކަމާއި ކަންބޮޑުވެ ބަސްބުނީ!!؟

The name is already taken The name is available. Register?

އަފްރާސިޔާބު

01 December 2023

ރައީސުލްޖުމުހޫރިއްޔާ ނުވަތަ ރައްޔިތުންގެމަޖިލީހުން އެތަނަށް ވެރިންލުން ހުއްޓިގެންނޫނީ ތިޔަމައްސަލައަކަށް ހައްލެއްނެތް. ކޮންމެގޮތަކަށް ގާނޫނުލިޔުނު ކަމުގައިވިއަސް އެކަމެއްނުވާނެ. އޭގެ އެންމެ ބޮޑު އެއްސަބަބަކީ ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލް ކުރާޕާޓީން ޕާޓީގެ މަސްލަހަތު އިސްކުރުން. ގައުމަށް ބެލުމަށްވުރެ ޕާޓީ އިސްކުރުން. ދެން އަނެއް ކަމަކީ ރައީސުލްޖުމުހޫރިއްޔާ އަކީވެސް ޕާޓީ އަށް އިސްކަން ދޭ މީހަކަށް ވުން. މިހެން ހިނގާހާ ދުވަހު މިކަމަށްހައްލެއް ނެތް

The name is already taken The name is available. Register?

އެބަޖެހޭ

01 December 2023

ޓީވީއެމްއިން ގެނެސްދޭ ހިންދީ ލަވަތައް ކޮޕީކޮށްގެން ގެނެސްދޭ ޔާރާދިލްދާރާ ލަވަތައް ވެސް ހުްްޓާލާ އަދި ކޮޕީ ކޮށްގެން ގެނެސްދޭ ލަވަޔައް ވެސް ހުއްޓާލާ ފިލްމީ އުދަރެސް ވެސް ހުއްޓާލާ އެ ޕްޮްރޮގްރާމްސް ތަކުގެ ބަދަލުގައި ފިޒިކްސް އަދި އިންޖިނިއަރިންގް މެތެމެޓިކްސް އަދީ ކިޔަވާދޭ ޕްރޮގްރާމްސް ތައް ގެނެސްދޭން އެބަޖެހޭ ފިލްމީ އުދަރެސްގެ ބޭނު.މަކީ ކޮބައިތޭ އެއީ ކޮޕީކެޓް އެކޮލިފައި ނުވޭ ޕްބްލިކް މީޑިއާ އިން ދައްކަން މެންދުރުފަސް ވެސް ކޮލިފައިނުވޭ

The name is already taken The name is available. Register?

ކެޔޮޅުބެ

01 December 2023

ޕީއެސްއެމްގެ ޒަމާންވީ، އޮޓޮކްރިޓިކް ވެރީން ބަދަލުކުރެވޭ ވަރުގެ ބޯޑެއް އަދި ޕީއެސްއެމް އައްޔަން ނުކުރެވޭ. އެވެރިންނަކީ ވަރަށް ފަސޭހައިން ކުލަބަދަލްކޮށްލާ ބައެއް. އެތާނގައި ކިޔަވައިގެން ތިބި ތަޖުރިބާ ހުރި އެތަށް ބަޔަކު އެބަތިބި. އެމީހުންނަށް ފުރުސަތު ނުލިބޭ. ކީއްކުރާނީ ދޯ!

The name is already taken The name is available. Register?

ތަމެންދޯ

01 December 2023

ޓީވީއެމް އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ އެގޮތުން ކޮންމެ ދުވަހަކު ގެނެސްދޭ މެންދުރުފަސް ޕްރޮގްރާމްގައި ހިންދީ ލަވަތައް ކޮޕީ ކޮށްގެން ގެނެސްދޭ ލަވަތައް ވެސް ހުއްޓާލާ ދިވެހިން އަމިއްލަ ރާގަށް ހަދާފައިވާ ދިވެހި ލަވަތައް ގެނެސްދޭންވީ ޓީވީއެމް އަކީ ޓެލެޑްރާމާ ގެނެސްދޭން ހުންނަ ތަނެއް ނޫނޭ އެއަށް ވުރެން ރަނގަޅު ނޫންތޭ ހިސާބު އިލްމް ފިލާވަޅު ތައް ޔޫޓިއުބް ޗެނަކްސް ތައް ގެނެސްދޫ ނަމަވެސް...

The name is already taken The name is available. Register?

އަހްމަދ

01 December 2023

މުއިއްޒު ހުވާހުރި ދުވަހު ގޭގަ ޓީވީ ހުޅުވާފަ ހުރީމަ ލައިވްގެ އަޑުއިވޭ. ލައިވްގަ އިބޫ ސަރުކާރަށް ބަވާވަރުން ޔަގީންކޮށްގެން ހުރީ ސިޔާސީ ވަރުގަދަ ދެމީހުން އަރާތިބިކަމަށް. މިހާވަރަށް މިބަވަނީ ކޮންބައެއްތޯ ބަލާލިއިރު ކަމަކު ދާކަށްނެތް، ބަވަން މިތިބީ ޓީވީއެމް 2 ޕްރެޒެންޓަރުން. އޭރު އަދި ހުވާވެސް ނުކުރެ. މީ ގައުމީ ޓީވީ ފެންވަރު.

The name is already taken The name is available. Register?

އަނީލް

01 December 2023

ހަމަ ތިދުވަހު ޓީވީއެމް މަށަށް ބަލާލެވުން އިރު ހުވާ ކޮށް ނިމިއްޖެ. އޭރުވެސް ލައިވް ނުނިމޭ. އޭރު އަރާ ތިބި 2 ޕެރެޒެންޓަރުން އިބޫ ސަރުކާރަށް ބެވިވަރަށް އަދުރޭއަށްވެސް ނުބެވޭނެ ކަންނޭންގެ. އަރާތިބީ އަބަދުވެސް ޓީވީއެމްއިން ފެންނަ 2 ޕްރެޒެންޓަރުން. މަހިތައްއެރި ވޭތުވެދިޔަ 5 އަހަރު މިމީހުންނަށް އިބޫ ހަމަ އޯކޭ އޭ. ހަމަ ވެރިކަން ބަދަލުވީ އަނެއްކޮޅަށް ޖެހީ. ދައުލަތުގެ މީޑިޔާގެ ފެންވަރު މިލެވަލްއަށް ވެއްޓުނީމަ ދެރަވެސްވި.

The name is already taken The name is available. Register?

މަސްޢޫދު ޙިލްމީ

01 December 2023

"މި ފެށުނު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނުފޫޒެއް ގައިމު ވެސް ޕަބްލިކް ސާވިސް މީޑިއާއަކަށް ނޯންނާނެ. ވަރަށް އޯޕަންކޮށް އޮންނާނީ،" ހަލީލް ވިދާޅުވި މިއީ ކަނޑައެޅިގެން ދޮގެއްކަން ސާބިތުވަނީ މިލިޔުމުގެ ކުރީގެ ޕެރެގްރާފަކަުންނެވެ. އެންމެ ފަހުން ޕީއެސްއެމްގެ ނިއުސް ހެޑަކަށް ހުންނެވި، މުހައްމަދު އަފްޒަލް، އެ މަގާމުން ދުރުކުރީ، ކުންފުނީގެ އެމްޑީ އޮފީހަށް އަލަށް ވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

The name is already taken The name is available. Register?

މިއައު

01 December 2023

ގާނޫނުން މިނިވަން އަދި އިންސާފުވެރި ހުރިހާ ތަނެއްވެސް. އަދި އެންމެ އާދައިގެ މީހާގެ ހައްގުތަކުގެ ވާހަކަވެސް އޮވޭ އޭގަ. އެކަމު އެޔަކީ އަހަންނަށް ހިޔާލީ އެއްޗެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454