04 ޑިސެމްބަރ 2023 - 15:30
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކަށާއި ތިން އާގުބޯޓަކަށް، ޔަމަންގެ ހޫތީ ހަނގުރާމަވެރިން އިއްޔެ ވައިގެ މަގުން ހަމަލާދީ ގެއްލުންތަކެއް ދީފި އެވެ.
ހޫތީން ބުނި ގޮތުގައި އެމެރިކާގެ މަނަވަރަށާއި އިސްރާއީލްގެ ވިޔަފާރި ކުންފުންޏަކުން ދުއްވާ ތިން އާގުބޯޓަކަށް ހަމަލާ ދިނީ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި މިހާރު ހިންގަމުން ދާ ގަތުލުއާންމަށް ބަދަލު ހިފުމުގެ ގޮތުންނެވެ. ހޫތީން ހަމަލާ ދިން އެމެރިކާގެ މަނަވަރަކީ، އިޒްރޭލު ހިމާޔަތް ކުރުމުގެ ގޮތުން ރަތްކަނޑުގައި ހަރަކާތްތެރިވަމުން އަންނަ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ކާނޭ އެވެ.\
އެމެރިކާގެ މަނަވަރަށް ހަމަލާ ދިނީ ޑްރޯން މަތިންދާބޯޓެއް ބޭނުންކޮށްގެންނެވެ. ނަމަވެސް އެ ހަމަލާގައި މަނަވަރުގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި މަނަވަރަށް ވެސް މާ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުންޏެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ހޫތީ ހަނގުރާމަވެރިން އިއްޔެ ދިން ހަމަލާތައް ހަތް ގަޑިއިރަށް ދެމިގެން ދިޔަ އެވެ. ހޫތީން އިއްޔެ އެންމެ ފުރަތަމަ ހަމަލާ ދިނީ ރަތްކަނޑުގެ ތެރެއިން ދަތުރު ކުރި، އިޒްރޭލުގެ މަހުޖަނެއްގެ ކުންފުންޏަކުން ދުއްވާ އާގުބޯޓަކަށެވެ. އެއަށް ފަހު އެމެރިކާގެ މަނަވަރަށް ވެސް ޑްރޯނަކުން ހަމަލާ ދިނެވެ.\
އެމެރިކާގެ މަނަވަރަށް އަމާޒުކޮށް ހޫތީން ފޮނުވައިލި ޑްރޯންތަކުގެ ތެރެއިން އެ މަނަވަރަށް އަމާޒުވީ އެންމެ ޑްރޯނެއް ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުންޏެވެ. އަދި އެ މަނަވަރަށް އަމާޒުކޮށް ހޫތީން ފޮނުވައިލި އިތުރު ތިން ޑްރޯނެއް، އެ މަނަވަރުގެ ދިފާއީ ނިޒާމުގެ ރޮކެޓްތަކުން ހަމަލާ ދީ ވައްޓައިލި އެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މަނަވަރަށް ޑްރޯންތައް އަމާޒުކުރަމުން ދިޔަ އިރު، އެ ސަރަހައްދުން ދަތުރުކުރި އިޒްރޭލުގެ ތިން އާގު ބޯޓަކަށް ވެސް ޑްރޯން ހަމަލާތަކެއް އަމާޒުވިކަމުގެ މައުލޫމާތުތައް ދިޔައީ ލިބެމުންނެވެ.
ހޫތީ ހަނގުރާމަވެރިން ބުނި ގޮތުގައި އިޒްރޭލުގެ ތިން އާގުބޯޓަކަށާއި އެމެރިކާގެ މަނަވަރަށް ހަމަލާ ދިނުމުގައި ބޭނުންކުރީ މިސައިލާއި ޑްރޯން އެވެ. އަދި އެ ހަމަލާތައް ކާމިޔާބު ކަމަށާއި، އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ކުރިމަގުގައި ވެސް ހަމަލާތައް ދޭނެ ކަމަށް ހޫތީން ބުންޏެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ޣައްޒާ އަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ޣައްޒާގެ ބޮޑު ސަރަހައްދެއް ވަނީ ސުންނާފަތި ކޮށްލައިފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 15600 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން 10700 އަށް ވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވުމުގެ ސަބަބުން ނުވަތަ އެ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 7600 އަށް ވުރެ މަތިވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުއްބާ
05 December 2023
އޭ، ކިހިނެއްތަ މިހާރު ޑޮލަރު ރޭޓު އުޅެނީ.... 18.50 އައްވެސް ނުލިބިގެން މިއުޅެނީ...
ރަދީފްއޮފިޝަލް
05 December 2023
އަހަރެންނަށް ވާނެނަމަ ކުޑަ ޑިންގީއެއްގަ ގޮސް ތިޔާ ހުރިހާ މަނަވަރުތައް ފައްތާލާނަން.
އާދަންކޮއި
05 December 2023
ތިއީ އެމެރިކާ ކުރާހަނގުރާމަ އެއް. ހަނގުރާމަ ކޮށް ބަޔަކު ހަލާކު ނުކުރާންނާ އެމެރިކާ އަކަށް ކަމަކު ނުދާނެ...
މުހައްމަދުބޭބެ
04 December 2023
ބަލަ ހޫތީންނަކީ ޝިޔަޢީ ޖަމާޢަތެއް ނޫންތަ؟
ސަރުދާރު.
04 December 2023
ޝީޢީން މިއަދު އިސްލާމީ ދުނިޔޭގައި ނަގާކިޔަނީ. މިއީ ސުންނީ ޝީޢާ ގެ ފިތުނަ ފަތުރަންވީ ވަގުތެއް ނޫން. ހުރިހާ މުސްލިމުން އެކަތިގަނޑަކަށް ވާންވީ ވަގުތު.
ކޮއްކޮބެ
05 December 2023
ޝީޢީން ސުންނީން ކިޔާނެކަމެއްނެތް. ދުނިޔޭގެ ކޮންމެ ޤައުމަކުންވިޔަސް އެމެރިކާ އާ އިސްރާއީލާ ދެކޮޅަށް ހަމަލާދޭނަމަ އަދި އެމީހުން އިނދަޖެހޭނަމަ އަހުރެން އުފާކުރާނަން
ޒެގުރެބު
04 December 2023
އެމެރިކާއިން ބުނާނެ މަނަވަރު އަޑިޔަށް ދުއްވާލީމާވެސް ނުވެޔޭ ގެއްލުމެއް
މަދަން
04 December 2023
ސާބަހޭ ހޫސީން
ވަނާޖުބޭ.
04 December 2023
ސާބަހޭ ސާބަހޭ ހޫސީ މުޖާހިދުންނަށް. ތިއައޭ މިއަދު އުންމަތުގެ ފަހުރަކީ. ސައުދީ ޢަރަބި ކޯލިސްން ގިއްގަޅުވާލި ލަސްކަރު ތިއީ. ކުރިއަށް އޮތްތަނުގައި އެމެރިކާ އަށް އިތުރު ފިލާވަޅު ނަގައިދޭނެކަމަށް އުންމީދުކުރަން.
އަޅި އަލީ
04 December 2023
ހަނގުރާމަ ކޮށްގެން އެއްވެސް ފަރާތަކަށް ވާނެ މޮޅެއް ނޯންނާނެ! އަވަހަށް ހަނގުރާމަ ހުއްޓާލާ!