ސާޖިދާ މުހައްމަދު -- ފޮޓޯ: ރައީސް އޮފީސް
07 ޑިސެމްބަރ 2023 - 11:24
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހެލްތު މިނިސްޓްރީގައި އަދާކުރައްވަމުން ގެންދެވި ވަޒީފާގައި ދެމިހުންނަވަން ހެދި އުސޫލާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
މި ވެރިކަން ފެށުމުގެ މާ ކުރިން ވެސް ހެލްތު މިނިސްޓްރީގައި ސިވިލް ސާވިސްގެ ވަޒީފާއެއް އަދާކުރައްވަމުން ގެންދެވި ސާޖިދާ އަށް އެ މިނިސްޓްރީގައި ހިދުމަތް ކުރެއްވޭ ގޮތަށް ހެދި އުސޫލްގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ.
އޭނާ ވިދާޅުވީ، ސާޖިދާއަށް އުސޫލެއް ކަނޑައަޅާފައި ވަނީ މީގެ ކުރިން ދުވަހަކު ވެސް ސިވިލް ސާވިސް ކޮމިޝަނުން އަމަލުކޮށްފައި ނުވާ ގޮތަކަށް ކަމަށެވެ. އެ މައްސަލާގައި ގިނަ އަދަދެއްގެ ސިވިލް ސާވަންޓުންނާއި އާންމު ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ.
"ފަސްޓްލޭޑީއަށް ބޭނުންވާ ގޮތަށް، ފިޓުވާ ގޮތަށް، މިއިން ދުވަހަކު ވެސް ސިވިލް ސާވިސް ކޮމިޝަނުން އަމަލު ނުކުރާ ގޮތަކަށް މަގާމެއް އުފައްދައި އެ ވަޒީފާ އަދާކުރެވޭނެ ގޮތަށް އެ މާހައުލު ބައްޓަންކޮށް އެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަނުން ކުރަމުން ދާތީ [މައްސަލަ ހުށަހެޅީ]،" ޔައުގޫބް ވިދާޅުވި އެވެ.
ޔައުގޫބްގެ މައްސަލައާ ގުޅިގެން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، އެ އުސޫލުގެ ސަބަބުން ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް ގެއްލި، ނިކަމެތި ކަމެއް ލިބިފައިވާ ކަމަށެވެ.
ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވެސް ވިދާޅުވީ، އެ ކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކުރީ އަންނަ ހޯމަ ދުވަހު، ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ.
ސާޖިދާ އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ޓެކްނިކަލް މުހިއްމު މަސައްކަތްތަކެއް އެތަނުގައި ކުރައްވަމުން ގެންދެވި ސާޖިދާއަކީ ރާއްޖޭގައި އެ ދާއިރާ އިން ކިޔަވާ ވިދާޅުވެ ހުންނެވި ބޭފުޅެކެވެ.
އެހެންވެ، އެ ދާއިރާއަށް ހިދުމަތް ކުރައްވަން އެކަމަނާ ބޭނުންފުޅުވާތީ، ފަސްޓްލޭޑީގެ ޒިންމާތަކާ އެކު އެމްއެފްޑީއޭގައި މަސައްކަތް ކުރެއްވުމަށް އެ ކޮމިޝަނަށް ހުށަހެޅުއްވި އެވެ. އެއާއެކު، ސީއެސްސީން ވަނީ އެ އޮތޯރިޓީގައި މަސައްކަތް ކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އަންގައިފަ އެވެ.
ފަސްޓް ލޭޑީ ސާޖިދާ: ވަޒީފާގައި ދެމިހުންވަން އެދިވަޑައިގަތީ މުސާރަ ވެސް ނުނަންގަވާ ގޮތަށް. އެކަމަކު ސިވިލް ސާވިސްގެ ވަޒީފާގައި މުސާރަ ނުލިބޭ ގޮތަށް އެގްރިމެންޓެއް ނުހެދޭ. -- ފޮޓޯ: ރައީސް އޮފީސް
އެކަމަކު ސިވިލް ސާވިސްގެ ގަވައިދުގައިވާ ގޮތުން، އެއްފަހަރާ ރަސްމީ ދެ ޒިންމާ ނެގުމަކީ ފަސޭހަކަމެއް ނޫނެވެ. އެގޮތުން، ރަސްމީކޮށް ހަ ގަޑިއިރު ފުރިހަމަކުރަންޖެހޭއިރު، ބްރޭކްގެ ގޮތުގައި ލިބެނީ ކުޑަ ވަގުތުކޮޅެކެވެ. ނަމަވެސް، ފަސްޓްލޭޑީގެ ހައިސިއްޔަތުން، އެކަމަނާ ބޭރުގެ އެކި ޖަމިއްޔާ ޖަމާއަތްތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރަސްމީ ދަތުރުފުޅުތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަންޖެހޭތީ، އެ ގަވައިދުތައް އޮތްގޮތުން އެ ޒިންމާތައް އަދާކުރައްވަން ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާނެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ނިންމީ، މި ފަސް އަހަރު ނޯ ޕޭ ގައި ހުންނަވައިގެން ކޮންސަލްޓެންސީ ދެއްވޭ ގޮތަށް ވަޒީފާގައި ދެމިހުންނޭވެނެ ކަމަށެވެ. މަހެއްގެ ތެރޭގައި 40 ގަޑިއިރުގެ ކޮންޓްރިބިއުޝަނެއް ދެއްވަން ފަސްޓް ލޭޑީ އެދިވަޑައިގަންނަވާއިރު، އެ ކަމަށް މުސާރައެއް އެކަމަނާ ބޭނުންފުޅެއް ނުވެ އެވެ.
އެކަމަކު، މުސާރަ ނުލިބޭ ގޮތަށް އެފަދަ އެގްރިމެންޓެއް ނުހެދޭނެތީ ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ މަސައްކަތަށް ނުކުންނަ ދުވަސްތަކަށް މުސާރަ ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞަލަންތިބޭ
09 December 2023
މިއަންނަ މަޖިލިސް އިންތިހާބުން އިނގޭނެ ތި މެމްބަރުން ނަށް ދާއިރާތަކުގެ މީހުން ކޮންފޑެންސް އޮތްވަރު ، ތީ ރައްޔިތހންގެ މެމްބަރުންނެއްނޫން ، އެމްޑީޕީ މަޖިލިސްމެމްބަރުންތީ،
ހުސްވާހަކަ
09 December 2023
މިއަންނަ ދައުރުގެ ތާއީދު ބޭނުންވާނީ މިއަންނަ ދައުރަށް. މިދައުރުގައި އެތިބީ މިދައުރަށް އިތުބާރު ދީފައި. އެއީ އަދި ހަމަ މެމްބަރުން!! ތާއީދަކީ އަދި މަގާމަކީވެސް ބަދަލުވާ އެއްޗެއް. ވެރިންނަށް ފުރައްސާރަ ނުކުރޭ!
ސިރާތު
08 December 2023
ގާނޫނަށް ހަޖޫ ނުޖަހާ. އެކަމަނާ އެ ހުންނެވީ އުސޫލުގެ ތެރެއިން. ތިހެން ކޮންމެ އެއްޗެއް ވެސް ކީދާނެ. ސާޖިދާއަކީ އެ ދާއިރާއިން ހަމައެކަނި ކިޔަވައިގެންހުރި ކަމަނާ
ޖީޒާ ޒާހިރު
08 December 2023
އެ ދާއިރާއިން ކިޔަވާފަ ހުރި އެހެން މީހަކު ނެތް. މިއަދު މުއިއްޒު އަންހެނުންނަށް ވީތީ ތިހެން ނުހެދުމަށް ގޮވާލަން
ޖިޔާމް
08 December 2023
އެކަމަނާއަކީ އެ ދާއިރާއިން ހަމައެކަނި މަތީ ތައުލީމް ހާސިލްކުރި މީހާ. އެހެންވީމަ އަދި މުއިއްޒު އަންހެނުންވީތީ އެ ހިދުމަތުން އެކަމަނާ މަހުރޫމްވާކަށް ނެތް
ރާހިލް
08 December 2023
ފަސްޓް ލޭޑީއަށް ވީތީ އެކަމަނާއަށް ތިކަމުން މަހުރޫމް ވެގެން ނުވާނެ. ސިވިލް ސާވިސް ގަވާއިދުވެސް ތަންދޭ
ސަލީމްބެ
08 December 2023
ގާނޫނުގެ ބޭރުން ކަމެއް ކުރިނަމަ ރަނގަޅު އެމްޑީޕީ މީހުން ތިވާހަކަ ދައްކަން. ގާނޫނީ ހުރަހެއް ނެތް އެކަމަނާއަށް ތި ވަޒީފާ އަދާނުކުރެވޭނެ
ކުރުކޮށް
08 December 2023
ސިޔާސީ މަގާމަކަށް ބަދަލްވެ ބަލަ
ސަރުކާނު
07 December 2023
ރޮޒޭނާ މެނަށް ތެޅޭނީ އަނގަ. ޖޭވަނީ ހަމަ.
އިހުސާން
07 December 2023
މުއިއްޒު ވިދާޅުވި މިސަރުކާރު ކޮރަޕްޓްނުވެ ހިންގާނަމޭ. ކޮރަޕްޓެއް ނުވެވޭނު.
ާިހުސާނާ
09 December 2023
ކަރަޕްޓް ވެފަކޮބާ ، މުސާރަ ނުނަގާތީ ތަކަރަޕްޓްވީ ، ޔައުގޫބު އަމިއްލަ މައްސަލަ ހުޝައެޅިނަމަ މަޖިލިސް މެމްބަރަކަށް ހުރެ ދައުލަތުގެ އެހެން މުއައްސަސާއެއްގެ ވަޒީފާ ގަބޫލުކުރުމާ އަދާކިރީމަ،
އަލީމާން
07 December 2023
ބަލަ މީގެކުރިން މަހާރާނީންގެ ގޮތުގައި ތިބީ ދުވަހެއްގެކޮޅުން ވަޒީފާއެއް އަދާނުކުރިޔަސް ފުދިގެން އުޅުނު މަހުޖަނުންގެ އާއިލަތަކުގެ އަންހެނުން.. ހަޤީގަތުގައި މިވީގޮތަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތަންކޮޅެއް އާދައިގެ އާއިލާއެއްްގެ އާދައިގެ އާއްމު ދިރިއުޅުމެއް އުޅެމުންދިޔަ އަންހެނަކު ފަސްޓް ލޭޑީއަކަށްވީ.. އެހެންވީމާ އެންމެނަށް ހީވެގެން މިއުޅެނީ ފަސްޓްލޭޑީ ވަޒީފާ އަދާކޮށްގެން ނުވާނޭ..
ބަރުބަރިި
07 December 2023
ދެން ފަސްޓް ލޭޑީއަށް އެލިބޭ އެލެވެންސޯ؟
ޞަލަަކު
08 December 2023
އާދައިގެ އާއްމު ދިރިއުޅުމެއް އުޅެމުންދިޔަ ފަސްޓް ލޭޑީ އުޅުއްވަނީ ދިމްޔާތު ކިޔާ ގަނޑުވަރެއްގައި އެވެ.
ބާރާބަރު
09 December 2023
ފަސްޓުލޭޑީގެ އެލަވަންސް ޔައުގޫބަށް ލިބޭގޮތްވީމަ ހުރިހާކަމެއް އޯކޭ ވީ