ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރިން ބޭއްވި އިވެންޓެއްގައި މިނިސްޓަރު ތޯރިގް އިބްރާހިމް: މާކިއުރީ ހިމެނޭ އާލާތްތައް ބޭނުންކުރުން ހުއްޓާލާ މުއާހަދާ އަށް އަމަލުކުރަން މަޖިލީހުގެ ލަފާ ހޯދަން ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
11 ޑިސެމްބަރ 2023 - 12:21
މާކިއުރީ ނުވަތަ ދިރޭރަހަ ހިމެނޭ އާލާތްތައް ބޭނުންކުރުން ހުއްޓާލުމަށް އދ. އިން އެކުލަވާލާފައިވާ މުއާހަދާ އަށް އަމަލުކުރަން ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދުމަށް ހުށަހެޅުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފި އެވެ.
ރައީސް އޮފީހުން އިއްޔެ ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ "މިނަމާޓާ ކޮންވެންޝަން އޮން މާކިއުރީ" ރާއްޖެއިން ތަސްދީގުކުރަން ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައި ވާތީ އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ހުށަހެޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
މި މުއާހަދާ ތަންފީޒުކުރުމުން އަމަލުކުރުން ލާޒިމުކުރާ ކަންކަމުގެ ތެރޭގައި، މާކިއުރީ ހިމެނޭ އާލާތްތައް ދެނެގަނެ، އެ ތަކެތި ފޭސް-އައުޓްކޮށް އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އާލާތްތައް ހޯދަން ޖެހެ އެވެ. އަދި އެ ތަކެތި ނައްތާލުމުގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ރައްކާތެރި މިންގަނޑުތަކަށް އަމަލުކުރުމަށް ބާރުއަޅާނެ އެވެ. އަދި މި މުއާހަދާ ތަންފީޒުކުރުމުން މީގެ މަސައްކަތްތަކަށް ރާއްޖެ އަށް މާލީ އެހީ ވެސް ހަމަޖައްސައިދޭނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ތޯރިގް އިބްރާހިމަށް މަގާމުގެ ލިޔުން ރައީސް ޑރ. މުއިއްޒު ހަވާލުކޮއްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
މާކިއުރީ ހިމެނޭ އާލަތްތަކުގެ ތެރޭގައި އެކި ކަހަލަ އިލެކްޓްރޯނިކް ސަމާނާއި ބެޓެރީ ހިމެނެ އެވެ. އަދި ބައެއް ކޮސްމެޓިކްސްގެ ބާވަތްތަކާއި ގަހަނާގައި ވެސް މާކިއުރީ ބޭނުންކޮށްފައި ހުރެ އެވެ. މާކިއުރީ އަކީ އިންސާނުންގެ ފުރާނަ އަށް އެކި ގޮތްގޮތުން ނުރައްކާތެރި މާއްދާއެއް އެކުލެވޭ އެއްޗެކެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި މުއާހަދާ ތަންފީޒުކުރުން ވާނީ ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް މާކިއުރީގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަރުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށެވެ.
"މިނަމާޓާ ކޮންވެންޝަން އޮން މާކިއުރީ" އަކީ ދިރޭރަހަ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން އިންސާނުންގެ ސިއްހަތާއި ތިމާވެށި ރައްކާތެރިކުރުމުގެ މަގުސަދުގައި އދ. ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމް، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް)ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މުއާހަދާއެކެވެ.
އެ މުއާހަދާ މިހާތަނަށް 147 ގައުމަކުން ތަސްދީގުކޮށްފައިވެ އެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ވެސް އަންނަނީ މި މުއާހަދާ ތަސްދީގުކުރުމަށް މަސައްކަތްކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަސޭޑް
12 December 2023
ތި މާކިއުރީ ހުންނަ ވެކްސިންތައްވެސް މަނާކުރޭ. ތުއްތުކުދިންނަށް ޖަހަންވާނީ އެނުހިމެނޭ ތަކެތި
ބަބޫ
11 December 2023
ރާއްޖޭހަ ހުންނަ ހަސަން މެރިން އިން އެ ވިއްކާ މާކިއުރީވެސް މަނާ ވާނެތޯ؟
ރަނގަޅު
11 December 2023
މިހާރު ރާއްޖޭގައި މީހުން ދޮންވާ ހާކާ ބޭސްތަކުގަ މާރކިއުރީ ހުރޭ އެކަމަކުވެސް އެ އުގުޅައިން މިހާރު ދޮންނުވާ މީހެއްނެތް. ކޮލާޖަން އަދި ގޯރީގާވެސް މި މާއްދާ ވަރަށް ގިނައިން ބޭނުންކޮއްފައި ހުރޭ.
އޮނަރަބްލް އަފީފު ދީދީ
11 December 2023
ނުހަނު ފަސޭހައިން ކުރެވެންހުރި އަދި އޭގެ ސަބަބުން ދައުލަތަށް މިކިޔަނުން ފައިސާ ސަލާމަތް ކުރެވޭ ކަންކަން ކުރާތަނެއް ނުފެނޭ. # ކީއްވެ އައްޑޫ ސެންޓްރަލް ޕަވަރ ހައުސް ބޭނުންކޮށްގެން ހުޅުމީދޫ އަވަށަށް ކަރަންޓް ގެންދިއުމަށް މެރިންގ ކޭބަލް އަޅަން މަސައްކަތް ނުކުރަންވީ!؟ ގައިމު މީގެ ސަބަބުން ހުޅުމީދުއަށް ތެޔޮ އުފުލާ ރައްކާ ކުރުމަށް ކުރާންޖެހޭ ޙަރަދާއި، ވަކިން ޖެނަރޭޓަރ ހިންގުމަށް ކުރާންޖެހޭ ޙަރަދު ސަލާމަތްވެ ކަރަންޓް އަގުހެޔޮކުރަން ފުރުސަތު ލިބޭނެ.
އޮނަރަބްލް އަފީފު ދީދީ
11 December 2023
ހުޅުމީދޫ އަވަށަށް ކަރަންޓް ގެންދިއުމަށްޓަކާ އައްޑޫ ސެންޓްރަލް ޕަވަރ ހައުސް އާއި ހުޅުމީދޫ ގުޅާލުމަށް އަޅާންޖެހޭ Submarine Power Cable އެޅުމަށް ކުރާންޖެހޭ ޙަރަދު އަބުރާ ހޯދުން އަވަސް ކުރުމަށްޓަކާ މި ނެޓްވާކްގެ ތެރެއަށް އައްޑޫ ޝަންގްރިލާޒް، ކެނަރީފް އަދި ސައުތުޕާމް ރިސޯޓް ހިމަނައި މުޅި އައްޑޫސިޓީގެ ކަރަންޓް އެއް ފުރާޅެއްގެ ދަށަށް ގެނެސް ހިންގުމުގެ ޙަރަދު ވަރަށްބޮޑަށް ތިރިކޮށް ލެވިދާނެ. އެހީ ހޯދައިގެން މިފަދަ ކަންކަން ނޫންތޯ ކުރާންވީ!؟
ވިލާތުބަށި
11 December 2023
ތިޔަ ވިދާޅުވި ރަށްރަށުގެ އާބާދީއަށް ބަލާފައި ތިޔަކަހަލަ ކޭބްލްއެއް ކޮމަރޝިއަލީ ފީޒިބްލްއެއް ނުވާނެ. ސަބަބުތައް ބައިވަރު. އަނެއް މައްސަލައަކީ ކޭބަލް އަށް ގެއްލުމެއް ލިބިއްޖެއްޔާ ކޭބަލްޝިޕްއެއް ގެނެސްގެން ރިޕެއަރކުރަން އާންމުކޮށް ދެތިން މަސްދުވަސް ނަގާނެތީ. އެއީ ކަރަންޓްނެތި ތިބެން ވަރަށް ގިނަ ދުވަސް.
ރަސްފަންނު ކަމަނަ.
11 December 2023
ޑީދީ ކަންބޮޑުވެ ނުލައްވާ. ރައީސް ޑރ މުއިއްޒުގެ އައްޑޫ ވައުދާއި އެއްގޮތަށް އައްޑޫގައި އަޅާދެއްވާ ހުޅުމީދޫ ބުރިޖްގެ މަސައްކަތްތައް ރާވާ ޕުލޭންކުރަމުންދަނީ މާލެއެކޭ އެއްގޮތަށް ބުރިޖާއިއެކުގައި ފެނާއި ކަރަންޓްވެސް އެއްކޮށް ވިއުގަ ގުލާލާގޮތަށް.
ފުރޭނި
11 December 2023
ރަނގަޅު.. ރާއްޖެއަށް އެތެރެކޮށްގެން ދަނޑުވެރިކަމުގައި ބޭނުންުކުރާ ނުރައްކާތެރި ވިހަ ކެމިކަލް ތަށް ހުއްޓުވޭނެ ގޮތެއްވެސް ވަރަށް މުހިންމު. މިހާރު ރާއްޖޭގައި ހައްދާ ގިނަ ތަރުކާރި މޭވާއަށް މިފަދަ ތަކެތި ޖަހައި ހުންނަނީ ވަރަށް ނުރައްކާތެރި ހިސާބަކަށް ގޮއްސައި. މިއީ އެއްވެސް ސަރުކާރަކުން ބަލާ ކަމެއް ނޫން.
އަހަންމާބެއްޔާ
11 December 2023
މާކިއުރީއެއް ނޫން... ދިރޭރަހަ
އަބުދުބެއްޔާ
11 December 2023
ކަލޯ އެއީ ފަރަންޖީ ބަހޭ