ދުނިޔެ / އަގްސާ ތޫފާން

މިހާތަނަށް 86 ނޫސްވެރިން ޝަހީދުކޮށްލައިފި

އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުކޮށްލި ނޫސްވެރިންގެ އަދަދު ވަނީ 86 އަށް އަރައިފައި.

12 ޑިސެމްބަރ 2023 - 12:36

2 comments

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، އިޒްރޭލު ސިފައިން ގަސްދުގައި ހަމަލާތައް އަމާޒުކުރާ އެއް ބަޔަކީ އިޒްރޭލުގެ އުދުވާނުތައް ދުނިޔޭގެ ލޯތަކަށް ދައްކައިދޭ ނޫސްވެރިންނެވެ. މި ހަނގުރާމަ އަށް މިއަދަށް 67 ދުވަސް ވެގެން ދިޔަ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުކޮށްލި ނޫސްވެރިންގެ އަދަދު ވަނީ 86 އަށް އަރައިފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އެންމެ ފަހުން ޝަހީދުވި ނޫސްވެރިއަކީ، އިޒްރޭލުގެ އުދުވާނީ އަމަލުތަކުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުކުރަމުން ގެންދިޔަ، ފަލަސްތީނުގެ ފޮޓޯ ޖާނަލިސްޓް މުހައްމަދު އަބޫ ސަމްރާ އެވެ. އިޒްރޭލުގެ ސްނައިޕަރަކު ދިން ބަޑީގެ ހަމަލާއެއްގައި އޭނާ ޝަހީދުކޮށްލީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ޣައްޒާގެ ތެރެއިން ޝަހީދުކޮށްލި ނޫސްވެރިންގެ ގާތްގަނޑަކަށް 97 އިންސައްތަ ނޫސްވެރިންނަކީ ފަލަސްތީނުގެ ރައްޔިތުންނެވެ. އޭގެ ތެރެއިން ވެސް ގިނައީ އަލް ޖަޒީރާގެ އަރަބި އަދި އިނގިރޭސި ޗެނަލްގައި މަސައްކަތް ކުރާ ނޫސްވެރިންނާއި ކެމެރާމަނުންނާއި ޓެކްނީޝަނުންނެވެ.

ގަސްދުގައި ހަމަލާ ދީ ނޫސްވެރިން މެރުމުގެ އިތުރުން، ނޫސްވެރިންގެ އާއިލާތަކަށް ހަމަލާ ދިނުމަކީ ވެސް އިޒްރޭލު ސިފައިން ޣައްޒާގައި މިހާރު ހިންގަމުންދާ ފާޅުކަން ބޮޑު ޖަރީމާއެކެވެ. އެ ގޮތުން އެންމެ ފަހުން ޝަހީދުކޮށްލީ، އަލް ޖަޒީރާ އަރަބި ޗެނަލްގެ ނޫސްވެރިޔާ އަނަސް އައްޝަރީފްގެ އާއިލާ އެވެ.

އިޒްރޭލު ސިފައިން އިއްޔެ ދިން މިސައިލް ހަމަލާއެއްގައި، އަނަސްގެ ބައްޕަ ޖަމާލް އައްޝަރީފް، 65، ޝަހީދުކޮށްލީ އޭނާގެ ބަލި ހާލު ބޮޑުކަމުން ގެއިން ނުކުމެވެން ނެތިގެން އެކަނިމާއެކަނި ގޭގައި އޮއްވަ އެވެ. ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ފޭލިގެ އަވަށުގައި ހުންނަ އެ ގެއަށް އިޒްރޭލު ސިފައިން ދިން ހަމަލާގައި ޖަމާލު ޝަހީދުކޮށްލުމަށް ފަހު ވެސް، އެތައް އިރެއް ވަންދެން އެ ސަރަހައްދަށް އިޒްރޭލު ސިފައިން ހަމަލާތައް ދެމުން ދިއުމުގެ ސަބަބުން، ޖަމާލުގެ ހަށިގަނޑު އެ ގެއިން ނެރެވޭ ވަރުވީ، އޭނާ ޝަހީދުކޮށްލިތާ ހައެއްކަ ގަޑިއިރު ފަހުންނެވެ.

ނޫސްވެރިޔާ އަނަސް ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާތަކަށް މެދުކެނޑުމެއް ނައުމުން، ބައްޕަގެ ހަށިގަނޑު ގަބުރުސްތާނާ ހަމައަށް ވެސް ގެންދެވޭ ގޮތް ނުވުމުން، ބައްޕަ ވަޅުލީ އެ ސަރަހައްދުގައި ހުރި، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯރ ޕަލެސްޓައިން ރެފިއުޖީސް އިން ނިއާ އީސްޓް (އުންރުވާ) އިން ހިންގާ ސްކޫލެއްގެ ގޯތި ތެރޭގަ އެވެ.

އަނަސް ބުނި ގޮތުގައި އޭނާގެ މުސްކުޅި އަދި ބަލި ހާލުގައި އޮތް ބައްޕަ އަށް ހަމަލާދީ ޝަހީދުކޮށްލީ، ޣައްޒާގައި ހިނގަމުންދާ ކަންތައް ރިޕޯޓްކުރުން ހުއްޓައިލުމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން އޭނާ އަށް ތަކުރާރުކޮށް އިންޒާރު ކުރުމަށް ފަހު އެވެ. އޭނާ ބުނި ގޮތުގައި ބައްޕަ ޝަހީދުކޮށްލި ނަމަވެސް، އިޒްރޭލުގެ އުދުވާނީ އަމަލުތައް ދުނިޔޭގެ ލޯތަކަށް ދެއްކުމުގައި ސާބިތުކަމާ އެކުގައި ދެމިހުންނާނެ އެވެ.

އަނަސް ބުނި ގޮތުގައި އޭނާގެ ބައްޕަ އަށް ހަމަލާ ދިނީ، އިޒްރޭލު ސިފައިންގެ އިންޒާރުތަކާ ގުޅިގެން އޭނާގެ އާއިލާގެ އެހެން މީހުން ގެއިން ނުކުމެގެން އުންރުވާގެ ސްކޫލަށް ބަދަލުވި ފަހުންނެވެ. އަދި ބައްޕަ އަށް ހަމަލާ ދިނީ، ސްކޫލްގައި ތިބި އާއިލާގެ މީހުންނަށް ބޭނުންވާ ބައެއް އެއްޗެހި ބަލައި ސްކޫލުން ނުކުމެގެން ގޮސް ގެއަށް ވަން ވަގުތު އެވެ.

މިދިޔަ ބުދަ ދުވަހު އިޒްރޭލު ސިފައިން ދިން ހަމަލާތަކެއްގައި އަލް ޖަޒީރާ އަރަބި ޗެނަލްގެ އެހެން ނޫސްވެރިއެއް ކަމަށްވާ މުއުމިން އައްޝަރާފީގެ ބައްޕަ އާއި މަންމަ ވެސް ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި މުއުމިންގެ އެއްބަނޑުއެއްބަފާ ބަޔަކު ވެސް، ޖަބާލިޔާ ރެފިއުޖީ ފޭލިގެ އަވަށަށް ދިން އެ ހަމަލާގައި ޝަހީދުކޮށްލި އެވެ.

އޭގެ ދުވަސްކޮޅެއް ކުރިން، އިޒްރޭލު ސިފައިން ދިން ހަމަލާތަކެއްގައި އަލް ޖަޒީރާ އަރަބި ޗެނަލްގެ އެހެން ނޫސްވެރިއެއް ކަމަށްވާ މުހައްމަދު އަބުލްގުމްސާންގެ އާއިލާގެ 19 މީހަކު ވެސް ޝަހީދުކޮށްލި އެވެ. ޖަބާލިޔާ އަށް ދިން އެ ހަމަލާގައި މުހައްމަދުގެ އެއްބަނޑު އެއްބަފާ ދެ ދައްތައަކާއި މުހައްމަދުގެ ބައްޕަ ވެސް ޝަހީދުވި އެވެ.

ނޫސްވެރިންނަށް ހަމަލާ ދިނުމުގެ އިތުރުން، ނޫސްވެރިންގެ އާއިލާތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ވެސް މި ހަނގުރާމައިގައި އިޒްރޭލު ސިފައިން ހިންގާ އަނެއް ޖަރީމާ އެވެ. އޭގެ ތެރެއިން ވެސް، އަލްޖަޒީރާ އަރަބި ޗެނަލްގެ ނޫސްވެރިޔާ ވާއިލް އައްދަހްދޫހްގެ އާއިލާ އަށް ދިން ހަމަލާ ފާހަގަކޮށްލެވެ އެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސައިރާތު ރެފިއުޖީ ފޭލިވެ އަވަށަށް، އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގެ ދަންވަރު ދިން ބާރު ގަދަ މިސައިލް ހަމަލާއެއްގައި ދަހްދޫހްގެ އަންހެނުންނާއި، ހަ އަހަރުގެ އަންހެން ދަރިއަކާއި 16 އަހަރުގެ ފިރިހެން ދަރިއެއްގެ އިތުރުން، އުމުރުން އެންމެ 45 ދުވަސްވީ ކާފަ ދަރިއަކު ވެސް ޝަހީދުކޮށްލި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 67 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 18300 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7900 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5200 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 49700 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8900 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަހި

12 December 2023

ޔަހޫދީންގެ އެ ލާއިންސާނީހަމަލާތަކަށް ނިމުމެއްގެންނަވާ އެޔަހޫދީން ބަލިކުރައްވާފާންދޭ އާމީން

The name is already taken The name is available. Register?

ޖަލީލީ

12 December 2023

ކީކުރާނީ ދޯ ޑިމޮކުރަސީ އާއި އިންސާނީ ހައްގުތަކާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ އެމެރިކާ އިން ބޭނުން ބަޔަކަށް ބޭނުން މިންވަރަކަށް ދޭ އެއްޗެއް. މި ގޮތުން ފަލަސްތީނުގެ މުސްލިމުންގެ ލެޔަކީ އެމެރިކާއާއި ޔޫރަޕުން އަގެއްހުރި ކަމަށް ދެކޭ އެއްޗެއް ނޫން. އެހެންވީމަ އެމެރިކާއިން އިޒްރޭލަށް ދީފައި އެވަނީ ބޭނުންވަރަކަށް ފަލަސްތީނު މީހުން މެރުމުގެ ހުއްދަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454