ވެސްޓް ހޭމްގެ ކްރެސްވެލް (ކ) ކައިރިން ޔުނައިޓެޑްގެ އިބްރަހިމޮވިޗް ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
11 ފެބުރުއަރީ 2017 - 09:38
މެންޗެސްޓާ (ފެބްރުއަރީ 11) - ޒަލަޓާން އިބްރަހިމޮވިޗް މެންޗެސްޓާ ޔުނައިޓެޑުގައި އިތުުރު އެއް ސީޒަން މަޑުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މި ސީޒަން ފެށުމުގެ ކުރިން ޕީއެސްޖީ ދޫކޮށް އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗް ޔުނައިޓެޑަށް ބަދަލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އިތުރު އެއް އަހަރު އިބްރަހިމޮވިޗް ޔުނައިޓެޑުގައި ބެހެއްޓުމުގެ އިތުތިޔާރު ޔުނައިޓެޑަށް އޮވެ އެވެ.
މޮރީނިއޯ ބުނީ އިބްރަހިމޮވިޗަށް އިތުރު އެއް އަހަރު އެންމެ މަތީ ފަންތީގައި ކުޅެވޭނެ ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި އިބްރަހިމޮވިޗަށް އިތުރު އެއް އަހަރު އެންމެ މަތީ ފަންތީގައި ކުޅެވިދާނެ. އޭނާ ޔުނައިޓެޑާ ގުޅެއް އެއްބަސްވީ ވެސް ދެ އަހަރަށް. އެކަމަކު އެ ވަގުތު ދެ ފަރާތުގެ މަސްލަހަތަށް ވިސްނުމަށް ފަހު އެއް އަހަރަށް ކޮންޓްރެކްޓް ހެދީ،" މޮރީނިއޯ ބުންޏެވެ.
އިބްރަހިމޮވިޗް ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް 15 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވަޓްފޯޑާ ދެކޮޅަށް ނުކުންނައިރު، މޮރީނިއޯ ބުނީ ޔުނައިޓެޑު މި ވަގުތު އޮތް ފޯމަށް ބަލާއިރު އެ ޓީމަށް މި މެޗުން މޮޅުވުމުގެ އެޑްވާންޓޭޖް ބޮޑު ކަމަށެވެ.
"ޔުނައިޓެޑް މި ވަގުތު އޮތް ފޯމަށް ބަލާނަމަ އަހަރެމެންނަށް މި މެޗުން މޮޅުވެވޭނެ. އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހޭ ޕްރިމިއާ ލީގުގެ އެއްވެސް މެޗެއް ފަސޭހަ ކޮށްލައިފިނަމަ ލަނޑެއް ލިބުމުގެ ފުރުސަތު ވެސް އޮވޭ،" މޮރީނިއޯ ބުންޏެވެ.
މި ސީޒަނުގައި ވަޓްފޯޑް ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 3-1 އިންނެވެ. މިއީ ލީގުގައި ޔުނައިޓެޑް އަތުން ވަޓްފޯޑަށް ލިބުނު ހަމައެކަނި މޮޅެވެ.
ވަޓްފޯޑް ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި އާސެނަލާއި ބާންލީ ބަލިކޮށްފަ އެވެ. އެ ޓީމުގެ ކޯޗު ވޯލްޓަ މަޒާރީ ބުނީ ޔުނައިޓެޑު ދަނޑުގައި ވެސް އެ ޓީމުން ވިސްނާނީ ޑިފެންސްކުރަން ނޫން ކަމަށާއި މޮޅެއް ހޯދުމަށް ކަމަށެވެ.
ޔުނައިޓެޑު ދަނޑުގައި ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
11 February 2017
އޭނާމަޑުކުރީމައި ކޮންކަމެޢްތޯ ވަނީ ؟؟؟ މިހާރު ލީގްގައި އޮތީ ކިހާހިސާބެއްގައިތޯ ؟؟ ލީގްއަތުލެވޭނީ ދެން ހުރިޓީމްތަށް މުބާރާތުން ވަކިވެގެން ނޫންތޯ ؟؟ މޮރީނިޔޯއަކީ ވެސް ވަރަށް ފޮނި އަނގަތަޅާމީހެއް ،،، އޭނާގެވެސް ރަންޒަމާން ހިނގައްޖެ ،،،، މިހާރު އެދަނީ އޮއްސެމުން ކަމަށް ބެލެވެނީ ،،، ވަރަށްވެދުން