އާބަންކޯއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި ސިޓީ ސްޕޯޓްސްގެ ޒުނުސޯވް، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ހަނދާނީ ލިޔުމާ ހަވާލުވަނީ.-- ފޮޓޯ: ވީއޭއެމް
24 ޑިސެމްބަރ 2023 - 10:22
ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޠޓްސް ކްލަބް ސިޓީ، ފުރަތަމަ ސެމީ އިން ބަލިވެ މުބާރާތުން ކެޓިއިރު، މިއަހަރު އަލަށް ވާދަކުރާ ސިޓީ ސްޕޯޓްސް ކްލަބް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ގުރޫޕް ސްޓޭޖް ނިމި، ސެމީ ފައިނަލްގެ މެޗުތައް ފެށީ އިއްޔެ އެވެ. ހަވީރު ކުޅުނު ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ރަނަރަޕް ވެމްކޯއާ ދެކޮޅަށް ކުޅެގެން، ޗެމްޕިއަން ސިޓީ ބަލިވީ ސީދާ ތިން ސެޓުންނެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓްތައް ވެމްކޯ ގެންދިޔައީ 25-22، 25-20، 25-19 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޑިއޭގޯ މެތިއުސް ކަވާލްކާންޓޭ ޑޮސް ސަންތޯސް އެވެ.
ސެމީގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑިއޭގޯ މެތިއުސް، ހަނދާނީ ލިޔުމާ ހަވާލުވަނީ.-- ފޮޓޯ: ވީއޭއެމް
މި ނަތީޖާއާ އެކު ޗެމްޕިއަން ސިޓީ މުބާރާތުން ކަޓާފައި ވާއިރު، ފައިނަލްގެ ޖާގަ ހޯދަން ވެމްކޯ ޖެހޭނީ، ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި، ސްޕޯޓްސް ކްލަބް ސިޓީ އަތުން ބަލިވި ކްލަބް އާބަންކޯ ބަލިކުރާށެވެ. ތިންވަނަ ސެމީގައި ވެމްކޯ އާއި އާބަންކޯ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 8:15 ގަ އެވެ.
އާބަންކޯ އާއި ސްޕޯޓްސް ކްލަބް ސިޓީ ވެސް އެސޯސިއޭޝަން ކަޕަށް ކޮލިފައި ވީ ޕްރިލިމިނަރީ ބުރު ކުޅެގެންނެވެ.
ދެވަނަ ސެމީގައި ރޭ ސިޓީ ސްޕޯޓްސް ކްލަބުން އާބަންކޯ ބަލިކުރީ 3-1 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓު ސިޓީން ގެންދިޔައީ 30-28 ޕޮއިންޓުންނެވެ. ދެވަނަ ސެޓުގައި 25-22 އިން އާބަންކޯ ކުރި ހޯދި ނަމަވެސް ސިޓީން ވަނީ ދެން ކުޅުނު ދެ ސެޓުގައި 25-15، 25-20 އިން ކުރި ހޯދައިގެން ފައިނަލްގެ ސީދާ ޖާގައެއް ހޯދައިފަ އެވެ.
އާބަންކޯއާ ދެކޮޅަށް ސިޓީން ކުޅުނު ސެމީފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީގެ ބިދޭސީ ކުޅުންތެރިޔާ އޮމާބެކް ޒުނުސޯވް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy