ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުޒާމް، ހަނދާނީ ލިޔުމާ ހަވާލުވަނީ.-- ފޮޓޯ: ވީއޭއެމް
25 ޑިސެމްބަރ 2023 - 11:23
ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލްގެ ފަހު މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު ކްލަބް އާބަންކޯ ބަލިކޮށް ކްލަބް ވެމްކޯ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އާބަންކޯއާ ދެކޮޅަށް ރޭ ކުޅުނު ސެމީ ފައިނަލް މެޗު، ވެމްކޯ ކާމިޔާބު ކުރީ އަލީ ހުޒާމް (ހުޒާންޓޭ) ގެ މޮޅު ކުޅުމާ އެކު 3-2 ސެޓުންނެވެ.
ފުރަތަމަ ސެޓު 25-21 އިން ގެންދިޔައީ ވެމްކޯ އެވެ. ދެވަނަ ސެޓުގައި 25-19 އިން އާބަންކޯ ކުރި ހޯދި ނަމަވެސް ވެމްކޯ ވަނީ ޖެހިގެން ކުޅުނު ސެޓުގައި 27-25 އިން ކުރި ހޯދައިފަ އެވެ. އާބަންކޯ އިން ހަތަރުވަނަ ސެޓު 25-21 އިން ގެންގޮސް އުންމީދެއް ހޯދި އެވެ. ނަމަވެސް ވެމްކޯ ވަނީ 15-12 އިން ފަހު ސެޓް ގެންގޮސް މެޗު ކާމިޔާބު ކޮށްފަ އެވެ.
މުބާރާތުގެ ތިންވަނަ ހޯދި އާބަންކޯ ޓީމް.-- ފޮޓޯ: ވީއޭއެމް
މި ނަތީޖާއާ އެކު މިއަހަރު އަލަށް ވާދަކުރި އާބަންކޯ އަށް ވަނީ މުބާރާތުގެ ތިންވަނަ ލިބިފަ އެވެ.
ފުރަތަމަ ސެމީގައި އާބަންކޯ ބަލިވީ ސިޓީ ސްޕޯޓްސް ކްލަބް އަތުންނެވެ. އާބަންކޯ އާއި ސިޓީ ސްޕޯޓްސް ވެސް މުބާރާތަށް ކޮލިފައިވީ ޕްރިލިމިނަރީ ބުރު ކުޅެގެންނެވެ. އަދި ދެ ޓީމު ސެމީ އިން ފުރުސަތު ހޯދީ ވާދަކުރި ގުރޫޕްގެ އެއްވަނަ ޓީމުތަކުގެ ގޮތުގަ އެވެ.
ފުރަތަމަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީ ބަލިކުރި ވެމްކޯ، މުބާރާތުގެ ފައިނަލްގައި ނުކުންނާނީ ސިޓީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ 8:15 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy