ކުޅިވަރު / ވޮލީބޯލް އެސޯސިއޭޝަން ކަޕް

ވެމްކޯއިން ވޮލީބޯޅަ އެސޯސިއޭޝަން ކަޕް މިލްކު ކޮށްފި

ވެމްކޯ އިން އެސޯސިއޭޝަން ކަޕްގެ ތަށި އުފުލާލަނީ.-- ފޮޓޯ: ސިޑިބަރި

26 ޑިސެމްބަރ 2023 - 11:46

ޕޮލިސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް ކްލަބް ވެމްކޯ އިން ވިދިވިދިގެން ތިންވަނަ ފަހަރަށް ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މީގެ ކުރިން ބޭއްވި ދެ ފަހަރު ވެސް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ވެމްކޯ ހޯދީ ފައިނަލްގައި ޕޮލިސް ބަލިކޮށްފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ ވެސް ސީދާ ތިން ސެޓުންނެވެ. ސެޓްތައް ގެންގޮސްފައި ވަނީ 25-20، 25-16 އަދި 25-12 އިންނެވެ. އޭގެ ކުރިން ކޮވިޑާ ގުޅިގެން މުބާރާތްތައް މެދުކަނޑާ ލުމުގެ ކުރިން، 2019 ވަނަ އަހަރުގެ ފައިނަލުން މޮޅުވީ 3-1 ސެޓުންނެވެ. އެ އަހަރު ވެމްކޯ ފުރަތަމަ ފަހަރަށް ތަށި އުފުލާލީ ފައިނަލްގެ ސެޓްތައް 25-23، 17-25، 26-24 އަދި 27-25 އިންނެވެ.

މުބާރާތުގެ ރަނަރަޕް، ޕޮލިސް ކްލަބް. އެންމެ ފަހު ތިން ފަހަރު ވެސް ޕޮލިސް ކްލަބް ވަނީ ފައިނަލުން ބަލިވެފަ.-- ފޮޓޯ: ވީއޭއެމް

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ސެޓްތައް ވެމްކޯ ގެންދިޔައީ 25-21، 25-23 އަދި 25-17 އިންނެވެ. ފުރަތަމަ ދެ ސެޓްގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެވެ. ވެމްކޯ އިން މި ދެ ސެޓުގައި ވެސް ލީޑު ނަގަން ޖެހުނީ ފަހަތުން އަރައެވެ. ނަމަވެސް ތިންވަނަ ސެޓްގައި ޕޮލިހަށް ވަނީ ވެމްކޯގެ އެޓޭކްތައް ރިސީވް ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ބްރެޒިލް ކުޅުންތެރިޔާ ޖެސިކާ ސޯރެސް ޑަސް ނެވޭސް އެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އަލްމާ ސްޕޯޓްސް ކްލަބާއި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިއްޔެ ހަވީރު ބައްދަލުކުރަން އޮތް ނަމަވެސް، ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން މެޗު ދޫކޮށްލުމުން، މުހައްމަދު ނަދީމް ކޯޗު ކޮށްދިން އަލްމާ ސްޕޯޓްސް އަށް ވަނީ ތިންވަނަ ލިބިފަ އެވެ.

މުބާރާތުގެ ތިންވަނަ ހޯދި އަލްމާ ސްޕޯޓްސް.-- ފޮޓޯ: ވީއޭއެމް

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ޕޮލިސް ޓީމުގެ ހައްވާ ރާޝިދާ (ހައްވަ) އާއި ވެމްކޯގެ އައިޝަތު މާޖިދާ، އާމިނަތު އަރީޝާ، ހައްވާ ނާޒިމާ، ފާތިމަތު ޖޫޒާން ޒަރީރު އަދި އަލްމާ ސްޕޯޓްސްގެ ހައްވާ ސަހާ އާއި ނުހާ ވަހީދެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ހާލިދު މުޙައްމަދު (ހާލީ) އެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ މާޔާ ހުސެއިން ސޮލާހެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ މާޖިދާ އެވެ.

ޕޮލިސް ބަލިކުރަން ޖެހުމުން ހާލީ އަށް ތަފާތު އިހުސާސެއް

ވެމްކޯގެ ކޯޗު ހާލީ ބުނީ ޓީމުގެ ތަފާތަކީ "ކޮންފިޑެންސާ އެކު" ކަންކަން ކުރުން ކަމަށާއި މިއީ ވެމްކޯ އަށް އުފާވެރި ވަގުތުކޮޅެއް ކަމަށެވެ. ހަމަ އެއާ އެކު ފައިނަލްގައި ޕޮލިސް ކްލަބް ބަލިކުރަން ޖެހުމަކީ އޭނާ އަށް އުނދަގޫ އިހުސާސެއް ކުރުވި ކަމެއް ކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

"ވެމްކޯ އަށް ވަރަށް އުފާވެރި އެކަމަކު އަޅުގަނޑަށް ވަރަށް ހިތާމަވެރި. ޕޮލިސް ކުލަބާ އެކު އަޅުގަނޑު މި ކާމިޔާބީ ހޯދާފައި ފަހުން އެ ފުރުސަތު ނުލިބި އެހެން ކުލަބަކާ އެކު ނުކުމެ, އެ ކުލަބު ބަލިކުރަން ޖެހުމަކީ އަޅުގަނޑަށް ހިތައް ދަތިކަމެއް ލިބޭ ކަމެއް،" ހާލީ ބުންޏެވެ.

ޕޮލިސް ޓީމުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ބުނީ ވެމްކޯ ޓީމުން ކުޅުންތެރިންގެ ތަޖުރިބާ ވަރަށް ބޮޑަށް ފެނުނު ކަމަށެވެ. ޕޮލިސް ޓީމުގައި ވެސް އެ ފެންވަރުގައި ކުޅެވޭނެ ކުޅުންތެރިން ތިބި ކަމަށާއި ނަމަވެސް "އުންމީދު ކުރި ވަރަށް ބައެއް ކަންކަން ނުކުރެވި ދިޔައީ" ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންގެ ފަރާތުން ހިތްހަމަ ޖެހޭ ފަދަ ކުޅުމެއް ފެނުނު ކަމަށް ޗެސް އޭނާ ބުންޏެވެ.

"އިދިކޮޅު ޓީމު ތަޖުރިބާ ގިނަ. އެއްކޮށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފަ ތިބި ކުޅުންތެރިން، ގައުމީ ޓީމް ނޫން ކުޅުންތެރިއަކު ނުފެނޭ. ނަމަވެސް ޕޮލިސް ޓީމުގަ ޒުވާން އާ ކުޅުންތެރިން ގެ ޕާފޯމަންސާ މެދު ވަރަށް ހިތްހަމަ ޖެހޭ،" ފައްލޯ ބުންޏެވެ.

"ތިންވަނަ ސެޓް އަޅުގަނޑުމެން ފެށީ ޗޭންޖެއް ގެނެސްގެން. އޭރު ގެނައި ޗޭންޖް ވޯކް ނުކުރީ. ހާއްސަކޮށް ލިބޭ ކައުންޓާ އެޓޭކް ތަކުގަ."

ގައުމީ މުބާރާތް މާދަމާ ފަށާނެ

މިއަހަރުގެ އެސޯސިއޭޝަން ކަޕްގައި 12 ޓީމު ވާދަ ކޮށްފައި ވާއިރު، މުބާރާތް ކުރިއަށް ދިޔައީ ޓީމުތައް ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ދެ ޓީމު ވަނީ މިއަހަރުގެ ގައުމީ މުބާރާތަށް ކޮލިފައި ވެފަ އެވެ.

ގައުމީ މުބާރާތް ކުޅޭ ހަ ޓީމަކީ، ފައިނަލްގައި ވާދަކުރި ވެމްކޯ އާއި ޕޮލިސް ކްލަބްގެ އިތުރުން، އަލްމާ ސްޕޯޓްސް ކްލަބާއި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އަދި ކުއާޓާގައި ވާދަކުރި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާއި އަސްދިގާ ސްޕޯޓްސް ކްލަބެވެ.

މިއަހަރުގެ ގައުމީ މުބާރާތުގެ އަންހެން ޑިވިޝަން މާދަމާ ފަށާނެ އެވެ. މުބާރާތުގެ ހަ ޓީމު ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ. ގުރޫޕް 1 ގައި އޮތީ ވެމްކޯ އާއި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އަދި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނެވެ. ޕޮލިހާއި އަލްމާ އަދި އއަސްދިގާ ހިމެނެނީ ގުރޫޕް 2 ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454