28 ޑިސެމްބަރ 2023 - 08:41
ރައްޔިތުންގެ މަޖިލީހާ މެދު ރައްޔިތުން އަބަދުމެ ކުރާ ޝަކުވާގައި ދެކޮޅު އޮވެ އެވެ. މަޖިލީހުގައި ތައުލީމީ ގާބިލު މީހުން ނުތިބޭ ކަމެވެ. ތައުލީމާއި ތަޖުރިބާގެ ޝަރުތުތަކެއް ކަނޑައަޅަން ގޮވާލާ ގޮވާލުމެވެ. އެހެން ބުނާ މީހުންނާ ދިމާއަށް އޭގެ އަނެއް ކޮޅުން ދޭ ރައްދަކީ، ތައުލީމީ ގާބިލު މީހުން މަޖިލީހަށް ކުރިމަތި ނުލަނީ ކީއްވެ ހެއްޔޭ އެވެ؟
އެ ސުވާލަށް އޮތް ޖަވާބުގެ ބޮޑު ބައެއް، ގާނޫނުގައި އޮތް ބާގަނޑަކުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ދާދި ފަހުން ވަނީ ދެއްވައިފަ އެވެ.
އަންނަ އަހަރު އޮންނަ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކުރިމަތިވަމުން އަންނަ ސުވާލަކަށް އެކްސްގައި ހަބީބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން އާންމު އިންތިހާބެއްގައި ވާދަކުރުމަށް ގަސްދުކުރާ، ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުން، އެ އިންތިހާބެއް ބާއްވާ ތާރީހުގެ ހަ މަސްދުވަސް ކުރިން އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭންޖެހޭ ކަމަށެވެ.
"އަދި މަގާމުން އިސްތިއުފާ ނުދީހުރެ، އިންތިހާބަކަށް ކުރިމަތިލައިފި ނަމަ، އެ މުވައްޒަފަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ސިވިލް ސާވިސް ގާނޫނު ބުނޭ،" ހަބީބް ވިދާޅުވި އެވެ.
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެ އިން ބަޔަކު ނުކުންނަނީ. --ފައިލް ފޮޓޯ: މިހާރު
އެކަމަކު އެ ބޭއިންސާފަށް ހައި ކޯޓުން ވަނީ ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ހޯދައިދީފަ އެވެ. އެ ކޯޓުން ކުރި ހުކުމެއްގައި ވަނީ ހަ މަސްދުވަސް ކުރިން ވަޒީފާއިން އިސްތިއުފާ ދޭން ޖެހުމަކީ އަސާސީ ހައްގަކަށް ދެވޭ އުނި ކަމެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
އޭގެ މާނައަކީ، ސިވިލް ސާވަންޓެއްގެ ވަޒީފާ ދެން ގެއްލޭނީ ނޫނީ އިސްތިއުފާ ދޭން ޖެހޭނީ، މަޖިލިސް އިންތިހާބެއްގައި ވާދަކުރަން އިލެކްޝަނަށް ފޯމު ހުށަހެޅުމާ ހަމައިން ކަމެވެ.
ނަމަވެސް، ހައި ކޯޓުގެ އެ ހުކުމް ވެސް ގާނޫނަކުން 30،000 އެއްހާ ސިވިލް ސާވަންޓުންނަށް ހާއްސަކޮށްފައި އޮތް ބޮޑު ތަފާތުކުރުމަށް ފުރިހަމަ ހައްލެއް ނާދެ އެވެ.
ސަބަބަކީ، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓެއް، އިންތިހާބުން ނާކާމިޔާބު ވެއްޖެ ނަމަ އޭނާ ހުރި ވަޒީފާ އަނބުރާ ލިބޭތީ އެވެ. އެކަމަކު މަޖިލިސް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވަންޓަކަށް އެ ހައްގެއް ނޯވެ އެވެ. އިންތިހާބުން ބަލިވެއްޖެ ނަމަ، އަނބުރާ ވަޒީފާއެއް ނުލިބެ އެވެ.
"ކިހާ ބޮޑު ތަފާތު ކުރުމެއްތޯ މިއީ. ކައުންސިލް އިންތިހާބު އަދި މަޖިލިސް އިންތިހާބަކީ ވެސް ހަމަ ގައުމީ އިންތިހާބު. އެކަމަކު ދެ އިންތިހާބެއްގައި އަމަލުކުރަން މި އޮންނަނީ ދެ ގޮތަކަށް،" ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ސިޔާސީ ކަންކަން އެތުރިފައިވާ ގޮތަށް ބަލާ އިރު، މަޖިލީހަކީ ސިޔާސީ ތަނެއްގެ ގޮތުގައި ކަނޑައަޅާނަމަ، ލޯކަލް ކައުންސިލުތައް ސިޔާސީ ނޫނޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި. --ފައިލް ފޮޓޯ: މިހާރު
އެކަމަކު އޭނާ ވެސް ފާހަގަކުރައްވާ ފަދައިން، އެ ގޮތަށް އެކަން އޮންނާތީ، މަޖިލީހުގައި ބައިތިއްބަން ރައްޔިތުން ބޭނުންވާ ފަދަ ތައުލީމީ ގާބިލު މީހުންގެ ތެރެއިން ގިނަ ބަޔަކު އެކަމާ ކުރިމަތިލާން ވެސް މި ޖެހެނީ އެ މީހެއްގެ މުޅި ކެރިއަރު ރިސްކު ކޮށްފަ އެވެ.
އޭގެ މިސާލު ހަބީބް ނެންގެވީ އަންނަ މަޖިލީހަށް ވާދަކުރަން ހިތު އަޅައިގެން ތިބި ދެ މީހަކު ކުރި އޭނާއަށް ކުރި ފޯނު ކޯލްތަކުންނެވެ.
"އަޅުގަނޑަށް ގުޅި ދެ އަންހެން ބޭފުޅުން. އެކަކަކީ 25 އަހަރު ސިވިލް ސާވިސަށް ހިދުމަތް ކުރައްވާ ބޭފުޅެއް. ދެން ގުޅި ޒުވާން ކުއްޖެއް، ސިވިލް ސާވިސްގައި އުޅޭތާ ހަތް އަހަރު ވެފައިވާ ކުއްޖެއް،" ހަބީބް ކިޔައިދެއްވި އެވެ.
"ގާނޫނުގަ އޮތް ގޮތް ކިޔައިދިނީމަ، ފުރަތަމަ ގުޅި މީހާ ބުނީ ދެން ތިމަންނަގެ 25 އަހަރުގެ ކެރިއަރު ރިސްކު ކުރަންވީހޭ؟ އިންތިހާބުން ބަލިވެއްޖެއްޔާ ތިމަންނަ ސުމަކުން ނޫންހޭ ފަށަންޖެހޭނީ. އަނެއް ކުއްޖާ ބުނީ ވަރަށް ވަރުންނޭ ތިމަންނަ ސަރުކާރުގެ ވަޒީފާއެއް މި ހޯދީ. ދެ މީހުން ވެސް ބުނީ ކުރިމައްޗެއް ނުލާނަމޭ އެހެންވީމަ. އެ ވަރުގެ ރިސްކެއް ނުނެގޭނެއޭ."
ހަބީބް ވިދާޅުވި ގޮތުގައި އަންހެނުންނާއި ޒުވާނުން މަޖިލީހަށް ވައްދަން ބޭނުންވާ އިރު، އޭގެ ތެރެއިން ގިނަ ބަޔަކު ތިބި ސިވިލް ސާވިސްއަށް އެ ދޮރު އޮތީ ގާތްގަނޑަކަށް ބަންދުވެފަ އެވެ. ހެޔޮ ނިޔަތުގައި ރައްޔިތުންނަށް ހިދުމަތް ކުރަން ހިތު ނިޔަތް ގަނެގެން ތިބި މީހުންގެ މުޅި ދިރިއުޅުމާއި ހަޔާތުގެ ބޮޑު ބައި ހޭދަކުރި ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮންނާތީ އެވެ.
"އާދައިގެ މީހާގެ ހިދުމަތުގެ އެއްވެސް އަގެއް ނެތީ ނޫންތޯ؟ އެކަމަކު މަޖިލިސް މެމްބަރަކު އެންމެ ދައުރެއް ފުރިހަމަ ކުރިޔަސް މުސާރަ އާއި އިންޝުއަރެންސާއި އެތައް އިނާޔަތްތަކެއް މުޅި އުމުރަށް އެބަ ލިބޭ. އެކަމަކު 25 އަހަރު ހިދުމަތްކުރާ ސިވިލް ސާވަންޓު މި ދާންޖެހެނީ ހުސް އަތާ ގެއަށް،" ހަބީބް ވިދާޅުވި އެވެ.
19 ވަނަ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ
މި ތަފާތުކުރުން ހައްލުކުރަން ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެކަމަކު އިލެކްޝަންސްއަކީ މިނިވަން މުއައްސަސާއެއް ވިޔަސް، ގާނޫނެއް އިސްލާހު ކުރަން ހުށަހެޅެނީ ބަންޑާރަ ނައިބު އޮފީހަށް ފޮނުވައިގެން ކަމަށްވާ އިރު، އޭނާ ވިދާޅުވި ގޮތުގައި އެއީ ވެސް ކުރަން ފަސޭހަ ކަމެއް ނޫނެވެ.
ސަބަބަކީ އިލެކްޝަންސްއިން ކިތަންމެ ބޭނުންވިޔަސް، ބަންޑާރަ ނައިބުގެ އޮފީހުން އިސްކަންދޭނީ އޭރަކު އޮންނަ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އަށް ކަމަށްވާތީ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނު އިސްލާހު ކުރުމުގެ އިތުރުން ސިޔާސީ ޕާޓީތައް މެދުވެރިކޮށް ވިޔަސް ނޫނީ ސަރުކާރުން ވިޔަސް، އިންތިހާބުތަކުގައި ވާދަކުރާ މީހުންނަށް ކޮންމެވެސް ކަހަލަ ގްރާންޓެއް ވިޔަސް ހަމަޖައްސައިދޭންޖެހެ އެވެ. އެހެންނޫނީ، އިންތިހާބީ މަގާމުތަކަށް އަންނާނީ މުއްސަނދިން ނޫނީ ކޮންމެވެސް މަހުޖަނެއްގެ ނުފޫޒު އޮތް މީހުންނެވެ.
ހަގީގަތަކީ މިކަން މި ގޮތަށް އޮތްހާ ދުވަހަކު، ރާއްޖޭގައި ތިބި ތައުލީމީ އަދި ގާބިލު މީހުން އެންމެ ގިނަ ބަޔަކު ތިބި ސިވިލް ސާވިސް އަށް މި އޮތީ ސިޔާސީ ދާއިރާއަށް ނުކުމެ ހިދުމަތެއް ކުރުމުގެ ފުރަތަމަ އޮޅި ވެސް ގިރާނުކުރެވޭހާ އުސްކޮށް ކަމެވެ. އެންމެ ކުޑަމިނުން މިކަން ހައްލުނުކޮށް، މަޖިލީހުގައި ތައުލީމީ މީހުން ނެތް ކަމުގެ ޝަކުވާ ކުރެވޭކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންތަކުރު
01 January 2024
މިރާއްޖޭގެ ގާބިލް ކަޑައަޅާނީ ކޮއްފަހުއްނަ ހުރިގާނޫނާޚިލާފުކަންތަކައްބަލާއިގެން އެހެންނޫނަސްތިގާނޫނުއަސާސީއަކީވަކިބަޔަކައް ހުޅުވޭގޮތައްދިވެހިރައްޔަތުންގައިގާއަޅުވާލައިގެން އުޅޭތަޅެއް އުއްމީދަކީމުއިއްޒުގެމިވެރިކަމުގާތިތަޅުގެތަޅުދަޑީ ގެދޫތައްހަމަހަމަކޮއްހުރިހާރައްޔަތުންއެއްވަޒަނަނަކުންމިނެކިރުމުގެފުރުސަތުލިބިގެންދާނެކަމައް
މީސްތަކުން
28 December 2023
މަ ނުދާނަން ތި މަޖިލީހައް މީހަކު ހޮވަން ވޯޓުލާކަށް. ހެސްކިޔާފަ މަސައްކަތްކުރާ މީހުންނަށް އޮތީ ހައްޕުޑު. 1 ގަޑިއިރު މަސައްކަތްކުރާ މީހުންނަށް އޮތީ ހައްދެންނެތް މުސާރަޔާ އިނާޔަތްތައް. މިގޮތައް މީހަކު ބެހެއްޓުމަށް އަހަރެން ބޭނުމެއްނޫން
ބަޑިސީދީ
28 December 2023
ސިވިލް ސާވިސް ގެ އިތުރުން އެމްއެންޑީއެފް އާއި ފުލުހުންނަށް ވެސް މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ޑިމޮކްރަސީއެއްގައި އޮންނަންވާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރޭ .
ލަދީ.
30 December 2023
ފަނޑިޔާރުންނަށާއި ރައީސުލް ޖުމްހޫރިއްޔާއަށް ލެވޭގޮތަށް އޮންނާކަށް ނުފެނޭތަ ޑިމޮކްރަސީގައި. ދައްކާ ވާަހަކަ.
ބަރުލަމާނީ ހިޔަޅު
28 December 2023
ރިޔާސީ ނިޒާމެއް މިއަށް ވުރެން ރަގަޅު ކުރަން އުޅޭ މީހުންގެ ބުއްދި ނެތީއެވެ
ކޮރަލް
28 December 2023
ސަރުކާރު ހިންގަނީ ޕާޓީ އަކުންނެވެ. ޕާޓީ ތަކުން މަޖްލީހަށް ކުރިމަތިލާ މީހުންގެ ތައުލީމީ ފެންވަރެއް ހުންނާ ކަށް ބޭނުމެއް ނުވެ އެވެ.
ހިމަ ހީވީ
28 December 2023
އާއްމު އުސޫލެއްގެ ގޮތުން އެއްބާވަތެއްގެ ކަންކަމުގައި ހުރިހަ ކަމެއް އެއްގޮތްވާން ޖެހޭނެ ކަމަށް ޤަބޫލުކުރެވޭ. ރަނގަނޅު ޑިމޮކްރަސީތަކުގައި ސިޔާސީ ކަންކަމުގައި އުޅޭ މީހުން އުޅޭނީ އެކަމުގައި، ސަރުކާރު އިދަރާތައް ހިންގާ، ސިޔާސީ ޕޯޑިއަމްތަކަށް އަރާ އަނެއް ދުވަހު ޓީޗަރުކަންކޮށް އުޅޭހެނެއް ހިޔެއްނުވޭ. އެމިހަކު ޚިޔާރުކުރަ ދާއިރާއެއްގައި ކުރިއަށް ދިއުން އޮންނަނި، ސިޔާސީ ވާންވީމާ ސިވިލް ސަރވިސްދޫކޮށް ސިޔާސީ ދާއިރާއަށްދަނީ. ދޮންމީހުންގެ އެގޮތް ނަކަލު ކުރަމާ.
ކިރު ސައި
28 December 2023
ހަބީބަށް ގުޅިދެމީހުންނަށް ބުނެލަން އޮތީ ތިހާ ފިނޑި ރިސްކްނަގަން ބޭނުން ނުވާބަޔަކަށް ރައްޔިތުންގެ ވޯޓް ހައްގެއް ނޫނޭ. މަޖްލިސް މެމްބަރުކަމަށް އެކަށީގެންވެސް ނުވެއޭ. ހަގީގަތުގަ ކިޔަވައިގެން އެއްޗެއް ދަސްވެފަ ހުރި ނަމަ ރިސްކް ނަގަން ކެރޭނެ އިޚްލާސްތެރިކަމާއިކު.
ގާބިލުކަމުގެ މިންގަނޑު
28 December 2023
ހެސްކިޔާފައި ބަހާނެ ފައިސާއާއި މުދާ ނެތިއްޔާ އެމީހަކީ ތިޔަ މަޖިލީހަށް ގާބިލު މީހެއް ނޫން. ހަކުރުދެންޏާ ބޮޑުބޭބެއެއް. އެ މީހަކު ވަރަށް ވަރަށް ގާބިލުވާނެ. މީ ރައްޔިތުންގެ ފަލްސަފާއަކީ. މަޖިލީހަށް ގާބިލުކަމުގެ މިންގަނޑު ކަނޑައަޅާނީ ރައްޔިތުން. ވޯޓުދޭން ތިބި މީހުން. އެމީހުން މިންގަނޑު ކަނޑައެޅީމާ އެއަކަށް ފާޑުކިޔޭނެ މީހަކު ނުހުންނާނެ. ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން.
ތުނޑުހަސަނު
28 December 2023
ރައްޔިތުންގެ ގިނަ މީހުން ކަނޑައަޅާފައި އޮތީ ގިނަ ފައިސާދޭ މީހާއަށް ވޯޓުދިނުން. މިންގަނޑަކީ ދޭ ފައިސާގެ މިންވަރު.
ހާމަ333
28 December 2023
އަދިވެސް ބަނޑަށް އެޅޭވަރު މަދީ?
މިރާއްޖޭގެ ގާބިލު، ނާގާބިލު މިންގަނޑު
28 December 2023
މަޖިލީހަށް ނާގާބިލު ދެ ވައްތަރެއްގެ މީހުންވޭ. އެއްވައްތަރަކީ އެމީހަކަށް ހޯދުނު ގޮތަކަށް ސެޓްފިކެޓޭ ނަމަކަށް ކިޔުނު ކަރުދާސްކޮޅެއް އަތުގައި އޮންނަ މީހާ. އަނެއްވައްތަރަކީ އެބުނާ ކަރުދާސްކޮޅެއް އޮތަސް ނެތަސް ދައުލަތުގައި އުޅެ ތަފާތު މަގާމުތައް އަދާކޮށް ބޮޑެތި ޚިދުމަތްތައްކޮށް ކާމިޔާބުތައް ހޯދާފައިވާ މީހާ. މަޖިލީހަށް ގާބިލު މީހަކީ ގިނައިން މުދަލާއި ފައިސާދީފައި އަދި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް، އަޗާތަޅަން ފޮނުވަން ކެރޭ މަކަރުވެރި ދޮގުވެރި މީހާ.