މި އަހަރު ރާއްޖެއަށް އައި 1.8 މިލިއަން ވަނަ ޓޫރިސްޓަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަރުހަބާ ކިޔަނީ. --ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
31 ޑިސެމްބަރ 2023 - 14:22
އާ މާކެޓުތަކަށް އަމާޒުކޮށްގެން ޓޫރިޒަމް ޕްރޮމޯޝަންތައް ހިންގައިގެން، މާދަމާ ފަށާ އާ އަހަރު ދެ މިލިއަން ޓޫރިސްޓުން ގެންނަން ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފައިފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ، ރަޝިއާ-ޔޫކްރޭންގެ އިތުރުން އިޒްރޭލް-ހަމާސް ހަނގުރާމައިގެ ސަބަބުން ޗުއްޓީ އަށް ދަތުރުކުރަން ގިނަ ބަޔަކު ފަސްޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ޓޫރިސްޓުން އަންނަ މާކެޓުތަކުގެ އިތުރުން އާ މާކެޓުތަކަށް އަމާޒުކޮށް އެމްއެމްޕީއާރުސީއާ ގުޅިގެން ޓޫރިޒަމް ޕްރޮމޯޝަންގެ ހަރަކާތްތައް ހިންގަން އަންނަނީ މަޝްވަރާތައް ކޮށް، ޕްލޭން ކުރަމުންނެވެ.
"އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ އެމްއެމްޕީއާރުސީގައި ވަރަށް ގާބިލް މެނޭޖިން ޑިރެކްޓަރެއް އެ ހުންނެވީ. އަދި މުޅި ޓީމާ އެކީގައި، ޓޫރިޒަމް މިނިސްޓްރީއާ އެކީގައި އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުރެވޭ މަސައްކަތުން ހަމަ [ޓޫރިސްޓުންގެ އަދަދު] ދެ މިލިއަނަށް ވުރެ އިތުުރުވުމަކީ ވެސް ގާތްކަމެއް،" ފައިސަލް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ފައިސަލް، އެމްއެމްޕީއާރުސީގެ އާ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު އާ ބައްދަލުކުރައްވަނީ. --ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން، ޓޫރިޒަމަށް ހާއްސަ ކައުންސިލެއް އުފައްދައި ރާއްޖޭގެ ޓޫރިޒަމް ޑައިވާސިފައި ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަން އޭނާ ހާމަކުރެއްވި އެވެ.
އެކަމަށްޓަކައި މިނިސްޓްރީން ތަފްސީލެއް ކަރުދާހެއް އެކުލަވާލައި، އޭގެ ދަށުން އީކޯ ޓޫރިޒަމާއި ހެރިޓޭޖް ޓޫރިޒަމް ފަދަ ކަންކަން ތައާރަފު ކުރަން މަޝްވަރާ ކޮށްފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓުގައި ޓާގެޓު ކުރި 1.8 ޓޫރިސްޓުންގެ އަދަދު ވަނީ ހާސިލުވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން ދެ ލައްކަ ޓޫރިސްޓުން އައި އިރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއިން ވަނީ 199،000 ޓޫރިސްޓުން އައިސްފަ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާއިން މި އަހަރުގެ މިހާތަނަށް 183،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މި މަހު ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން އެވްރެޖުކޮށް 7.4 ދުވަސް ހޭދަކުރެ އެވެ. މިއީ މިދިޔަ ނޮވެމްބަރު މަހަށް ވުރެ ދަށް އަދަދެކެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ވުރެ ހަ ޕަސެންޓު ދަށް އަދަދެކެވެ. މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު އުޅުނީ 8 ދުވަހުގަ އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ޓޫރިސްޓުން އެވްރެޖުކޮށް އަށް ދުވަހު ހޭދަކުރެ އެވެ. ނަމަވެސް މިއަހަރު އެވްރެޖުކޮށް ހޭދަކުރަނީ 7.6 ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
31 December 2023
މިއަހަރު މިހާތަނަށް 1.9 މިލިޔަން ޓުއަރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފި. މިއަންނަ އަހަރަށް 2 މިލިޔަން ޓާރގެޓް ކުރީމާ އެވީ ކޯއްޗަކަށް؟ އެންމެ 0.1 މިލިޔަން އިތުރުވާނީ. އެއީ ދުވާލަކަށް 274 މީހުންގެ އިތުރުވުމެއް. ތިޔަ ޓާރގެޓް ހާސިލުކުރަން އެއްވެސް ކަމެއް ނުކުރިޔަސް ވާނެ. އިބޫ ވެސް 2022 އިން 2023 އަށް 300،000 ޓޫރިސްޓުން އިތުރުކުރި. އިބޫގެ 1 އަހަރުގެ ޓާރގެޓްގެ 1/3 ވީމާ ހާދަ ސުލޮލޭ! އިބޫ ސްލޯ. ޑރ. މުޢިއްޒު އިބޫގެ 1/3 ސްޕީޑް!
ބޮކި
31 December 2023
ލޭޑިސް އެންޑް ޑެންޓަލްމޭން.....
ނަސްރާ
31 December 2023
ޗައިނާ އާއި ބަންގާޅު މާރކެޓް ހުޅުވެއްޖެ، ދެން ތިކަން މާރީތިކޮށްވެސް ހާސިލް ވާނެ.
ރަސްބޮޓް
31 December 2023
ފަންކްށަނަލް ސަކްސީޑް މޮޑެލްގެ ދަށުން ތިކަން ކާމިޔާބު ކުރެވޭނެ!
އިސްމާލު2.0
31 December 2023
މަރުމޯލު. ބަޖެޓުގައި ކުރީ ސަރުކާރުންވެސް އޮތް 2 މިލިއަން ފަހަނަ އަޅައި ދާނެ ކަމަށް ބުނެފައި. ރައުންޑް ޑައުން ކޮށްފައި ދަށްކޮށް އަދަދު ބުނީމާ، ތިޔައީ އަމާޒެއް ނޫން.
ޑޮލަރު
31 December 2023
ތިކަމުން އާއްމު ރައްޔިތަކަށް ޑޮލަރެއް ލިބޭނެބާ!!