ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި އަލީ ޝުޖާއު: އޭނާ މިއަދު ވަނީ މި ދައުރުގައި މަސައްކަތްތައް ކުރައްވާނެ ގޮތުގެ ޕްލޭން މިއަދު ހިއްސާކުރައްވާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
31 ޑިސެމްބަރ 2023 - 17:55
ކުށްތަކާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގައި މި ދައުރުގައި ލިބޭ އެންމެ ބޮޑު ބާރަކީ އެ ކަމުގައި ޝާމިލްވާ ހުރިހާ އިދާރާއެއް އެއް ފުރާޅެއްގެ ދަށުން އެކުގައި މަސައްކަތް ކުރެވުން ކަމަށް އާ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ސީޕީގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ދައުރުގެ ޕްލޭން ހިއްސާކުރެއްވުމަށް ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ޝުޖާއު "މިހާރު"އަށް ވިދާޅުވީ، މީގެ ކުރިއާ ހިލާފަށް މިހާރު ހުރިހާ އިދާރާތަކެއް މަސައްކަތް ކުރަނީ އެކުގައި ކަމަށެވެ. އޭގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައި އެންޑީއޭއާއި ކަސްޓަމްސްގެ އިތުރުން އިމިގްރޭޝަން ފަދަ އިދާރާތައް މަސައްކަތް ކުރުމެވެ.
"ކުރިން ނަމަ ކޯޑިނޭޝަންގެ މައްސަލަ އެބައޮވޭ. މިހާރު އަޅުގަނޑުމެންނަށް އެބައޮތް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް، އުންމީދެއް ކުރީ ފަހަރަށް ވުރެ ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ ކަމުގެ،" ޝުޖާއު ވިދާޅުވި އެވެ.
މާލޭގައި ބޮޑުވެފައިވާ މަސްތުވާތަކެތީގެ މައްސަލައިން މިސާލު ނަންގަވައި ޝުޖާއު ވިދާޅުވީ، ޑްރަގު ވިއްކާ ތަންތަނާއި އެކަމުގެ ތެރޭގައި އުޅޭ މީހުން ވެސް ފުލުހުންނަށް ދެނެގަނެވޭ ކަމަށާއި އެ ކަމުގައި 1100 އެއްހާ މީހުން އުޅޭއިރު، ދެކޮޅު ޖެހޭ ގޮތެއްގައި މައްސަލަ ހައްލުކުރެވޭނީ އެންޑީއޭ ގުޅިގެން ކަމަށެވެ.
އަދި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއާ ގުޅިގެން އިތުރަށް މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީޕީ އަލީ ޝުޖާއު -- ފޮޓޯ: ނިޝާން އަލި/ މިހާރު
"ރީހިބިލިޓޭޓުކޮށް ފަރުވާ ދޭ ނިޒާމު އަޅުގަނޑުމެންނާ އެއްވަރަށް މަސައްކަތް ނުކުރާ ކަމަށް ވަންޏާ ނާންނާނެ ބަދަލެއް، މިފަހަރު އެހެންވީމާ ތަފާތު، ރަނގަޅު ނަތީޖާއެއް ނެރެވިދާނެ،" އޭނާ ވިދާޅުވި އެވެ.
ޝުޖާއުގެ ސީޕީ ކަމުގައި އެންމެ އިސްކަން ދެއްވާނެ އެއް ކަމަކަށް މިއަދުގެ ބްރީފިންގައި ފާހަގަކުރެއްވީ ބޭސިކް ޕޮލީސިންގެ ނިޒާމު ހަރުދަނާ ކޮށް ވީހާ ވެސް ގިނަ ފުލުހުން މަގުމައްޗަށް ނެރުމެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ނަތީޖާއެއްގެ ގޮތުން ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ މިންވަރާއި ޕެޓްރޯލް ކުރުން އިތުރުވެ، މަގުތައް އަމާން ވުމެވެ.
- މަސްތުވާތަކެއްޗާއި ކުށްކުރާ ގްރޫޕްތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރަން ވަށާޖެހޭ ގޮތެއްގައި މަސައްކަތްކުރުން.
- މީހުން ދިރިއުޅޭ ރަށްރަށަށް ސަފާރީތަކުގައި ބަނގުރާ އެތުރުކުރުން ހުއްޓުވުން.
- މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބިދޭސީން ހުއްޓުވައި އިމިގްރޭޝަންގެ އެހީގައި ފޮނުވާލުން.
- ގުރޫޕުތަކުން ރެކްރޫޓު ކުރާ ކުޑަކުދިން ރިހެބިލިޓޭޓުކުރުން.
- އިސްލާމްދީނަށް ފުރައްސާރަކުރާ މައްސަލަތައް ބެލުމަށް ހާއްސަ ސަމާލުކަމެއް ދިނުން.
- ސްޕާތަކުގެ ނަމުގައި ހިންގާ ފާހިޝް އަމަލުތަކުގެ ވިޔަފާރިތައް ހުއްޓުވައި ފިޔަވަޅު އެޅުން.
- ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުން.
- ޓެރަރިޒަމްގެ ނުރައްކަލަށް ފުލުހުންގެ ހުރިހާ ރިސޯސްތަކެއް ބޭނުންކޮށްގެން މަސައްކަތް ކުރުން.
- ސައިބާކްރައިމް، ފައިނޭންޝަލް ކްރައިމް އަދި ސްކޭމްތަކަށް ހާއްސަ ސަމާލުކަމެއް ދިނުން.
- ވެހިކަލް ގިނަވުމުގެ މައްސަލަ ހައްލުކުރުން.
ޝުޖާއު ވިދާޅުވީ ފުލުހުންގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހުރިހާ ރަށެއްގައި ވެސް ދިނުމަކީ އޭނާގެ އެއް އަމާޒު ކަމަށާއި ފަސް އަހަރު ނިމިގެން ދާއިރު، ކޮންމެ ރީޖަން އަކަށް ވެސް ރެކްރޫޓުކުރުމާއި އިންފްރާސްޓްރަކްޗާއަށް ބޭނުންވާ ބަޖެޓު ތައްޔާރުކުރެވޭނެ ކަމަށެވެ. އަދި، އަވައްޓެރި ފުލުހުންގެ ކޮންސެޕްޓު މުޅި ރާއްޖެއަށް ފަތުރާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި، ދިވެހިން ގިނައިން ދިރިއުޅޭ ގައުމުތަކުގައި ފުލުހުންގެ އިދާރާ ގާއިމްކޮށް ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބު
02 January 2024
މޮޅެތިވާހަކަ ދައްކާނެ ކަމެއްނެތް، އިސްޓިކާ ބޮނޑިއެއް ދީފަ މަގުމައްޗައް ނެރެލާ، އޭރުން ބަޖަޓައްވެސް ލުއިވެފަ ރައީސުމީހާވެސް ހިތްހަމަ ޖެހޭނެ!
ފެއަރ އެންޑް ލަވްލީ އަހަންމަދު
01 January 2024
މީނާގެ ވިސްނުންހުރީ މަންޒަރު ދައްކަން. ނަތީޖާ ހާސިލުކުރާކަށް ނޫން. މިހާރުވެސް މީނާއުާމެދު އެއްވެސް އުއްމީދެއް ނެތް.
ބަބޫ
31 December 2023
ޕްރިންސިޕަލް
ނުވިސްނާ
31 December 2023
ގައުމައް ރަނގަޅު ކަމެއް ކޮއްދެނީވިއްޔާ މިގައުމުގައި މިއުޅޭ ގޭންގު ތަކުގެ އާ ޑުރަގުގެ ވަބާއިން ދިވެހި ދަރިން ސަލާމާތް ކޮއްދީ. އެކަން ކޮއްދީފިނަމަ ތިބޭފުޅާއަކީ ދިވެހިރައްޔިތުންގެ ލޯބިލިބިފައި ވާ ބޭފުޅެއް ކަމުގައި އަބަދުގެ އަބަދައް ވާނެ.
މުސާރަކޮބާ
31 December 2023
ފުލުހުންގެ މުސާރަ ބޮޑު ނުކޮށް ތިއިން އެއްވެސް ކަމެއް ހާސިލެއް ނުވާނެ. ޖެނުއަރީ ގައި މުސާރަ ބޮޑުވާނެކަމަށް ވަރަށް ބޮޑު އުއްމީދެއްގައި ތިއްބައި، އެކަން ނުކޮށް އިތުރަށް މަސައްކަތް ކުރުވަން އުޅުނަސް ތިކަމެއް މިހާރަކު ނުވާނެ. މުވައްޒަފުންގެ މޯޓޮވޭޝަން ވަރަށް މުހިންމު.
އިބްރ
02 January 2024
ދައުލަތް ކުރިއަށްއޮތް 20އ އަށް ދަރުވާލާފަ ދިއުމުން މުސާރަ ބޮޑުކުރާނީ ކިހިނެތްތޯ؟
ޑޮކްޓާރ. ބަނާނާ
31 December 2023
މަނިކުފާނު އެންމެ އިސްކަމެއް ދޭން ޖެހޭ ކަންތައްތަކީ. 1. ގްރޫޕް ތަކުންހިންގާ ވަަލިޖެހުން މީހުން މެރުން ހުއްޓުވުން. 2. ޑްރަގް، ފާހިޝް އަމަލުހިންގާ ތަންތަން ބަންދުކުރުން 3. ގަވާއިދާއި ހިލާފު ބިދޭސިން ހައްޔަރުކުރުން 4. މަގުމަތި އެންމެނަަށް ރައްކާތެރި ތަނަކަށް ހެދުން މިކަން ކުރެވޭނީ ސްޓްރެޓެޖިކް ޕްްލޭނެއްގެ ތެެރެއިން ފުލުހުން ބާރުވެރިކުރުމާއި އެކު މައްސަލަތައް ތަންފީޒު ކުރުން އަވަސްކުރުމުން.
ޙެޑް ނުބައި ކުރުސީ
01 January 2024
ސްޓިކަރ ޖެހުމުގެ އިތުރުން މިހާރު ތިޔަ އޮފީހަށް ކޮންމެވެސް ބަދަލެއް އައްނާނެ ކަމަށް އުއްމީދު ކުރަން.
ވެންޕާސީ
31 December 2023
ވިސްނުން ރަގަޅު. ތިއަމާޒަށް ވާސިލް ވުމަކީ ވަރަށް ގާތް ކަމެއް. މިރާއްޖޭގެ ހަމަ އެކަނި މައްސަލައަކީ ކުއްވެރިންނަށް އަދަބު ނުދެވުން، ކުއްކުރާ މީހުން ރިހިބިލިޓޭޓް ކުރެވޭނެ ރަގަޅު ނިޒާމެއް ނެތުން. ކުދި ކުށްތައް ކުރަމުން ގޮސް ގޭންގް ސްޓާރަކަށް ހަމައަށް ބައެއް ޒުވާނުން ދާއިރު އެންމެ ފުރަތަމަ ކުރާ ކުށަށް ވެސް އަދަބެއް ނުދެވޭ. ގިނަ ޒުވާނުން ތިބީ ސިޔާސީ މީހުންގެ ޕަޕެޓުންގެ ގޮތުގައި ތާށިވެފައި.
ފޮނިފޮނިޓައްޕު ކުމާރު
31 December 2023
ނަތީޖާ ނެރެންނެރެންހުއްޓާ ހަމީދުވެސް އެއްލާލަންޖެހުނީ. ނަތީޖާނެރެންޏާ ލަސްކުރަންލަސްކުރަން ނުހުންނާތި. ހަމައެދާގޮތަށްގޮސް ޕާޓޭއިންތައް ހައްޔަރުކުރާންއުޅޭ.