ކ. ފުނަދޫގައި މިހާރު ހުރި ފިއުލް ސްޓޯރޭޖު ނެގުމަށްފަހު، ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް އެތަން ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމުކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި. --ފޮޓޯ: މިހާރު
04 ޖެނުއަރީ 2024 - 23:06
ބޭރުގެ އެކިއެކި ފައިނޭންޝަލް ސެންޓަރުތައް ރާއްޖެއަށް ގެނައުމަށް މަގުފަހި ކުރުމުގެ ގޮތުން އެކަމަށް ހާއްސަ އޮތޯރިޓީއެއް ގެންނަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ތިން ގުނަ ބޮޑު ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އާދީއްތަ ދުވަހު އޮންނަ ކެބިނެޓު ބައްދަލުވުމުގައި، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި ހާއްސަ އިދާރާއެއް އުފެއްދުމަށް މަޝްވަރާކޮށް، ނިންމޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"މި އޮތޯރިޓީ ވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމުކުރުމުގެ މަގު މި ވަގުތަށް ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އެމްއެމްއޭގެ އިތުރުން ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން ވަނީ ފަށައިފަ އެވެ. އަދި އެކަމަށް ހާއްސަ ގާނޫނެއް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ދެންނެވި ގާނޫނު ފާސްކޮށްގެން އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމް ކުރުމަކީ އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަންތައްތައް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިރޭ އިފްތިތާހު ކުރެވުނު ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެއާޕޯޓުން 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށް މަޝްރޫއު ފުޅާ ކުރެވޭނެ ކަމަށް ސަރުކާރުން ބުންޏެވެ.
އޭރުން ގަޑިއަކު 4،000 ފަސިންޖަރުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ އެވެ. އެ މަޝްރޫއުގެ ދަށުން، ޑޮމެސްޓިކް ޓާމިނަލުން ހިދުމަތްދޭ ފަސިންޖަރުންގެ އަދަދު 2،000 އަށް އިތުރު ވެގެންދާއިރު، އެއާޕޯޓްގެ ފިއުލް ފާމް ވެސް 45،000 ލީޓަރުން އެއް ލައްކަ ލީޓަރާ ހަމައަށް މި މަޝްރޫއުގެ ދަށުން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.
ވެލާނާ އެއާޕޯޓު މަޝްރޫއު ތިން ގުނަ ބޮޑުކޮށް، އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް ވިދާޅުވީ މިހާރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއާ އެކު އެކީގައި އާ ތަސައްވަރުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި، އެ މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކުމާއި ސީ ޕްލޭން ޓާމިނަލް ބަދަލު ކުރުމާއި ކ. ފޮނަދޫގައި ހުރި ފިއުލް ސްޓޯރޭޖް ބަދަލުކުރުން ހިމެނޭނެ ކަމަށް އެ މަނިކުފާނު މިރޭ ވިދާޅުވި އެވެ.
ފޮނަދޫގައި ހުރި ފިއުލް ސްޓޯރޭޖު ނެގުމަށްފަހު، ރައީސް ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް އެތަން ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމުކުރައްވާނެ ކަމަށެވެ.
އެ ތަނަކީ [ފުނަދޫއަކީ] އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާއަކަށް ހެދުމަކީ އެކަމަށް ފުރުސަތު ހުޅުވާލެވި، އެގޮތަށް ފުނަދޫ، އެ ލޮކޭޝަން ޑިވެލޮޕް ކުރުމަކީ އަޅުގަނޑުމެންގެ ދެންމެ ފެނިގެންދިޔަ ތަސައްވުރުގައި ހިމެނޭ ގޮތް،" ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ފުނަދޫ ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށާއި ފައިނޭންޝަލް ސެންޓަރު ހެދުމަށް ބޭނުންވާ ކުންފުނި ހެދުމުގެ މަޝްވަރާ އަންނަ އާދިއްތަ ދުވަހު ކެބިނެޓުގައި ކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
06 January 2024
ބޭންކެއްގައި އެކައުންޓު ހުޅުވަން 7 ދުވަސް، ކުންފުންޏެއް ރަޖިސްޓްރީކުރަން 10 ދުވަސް، ކޮންމެ ކަމެއްގައި ފުރަންޖެހޭ ފޯމުތައް އެހާ ގިނަ، ޑިސިޕްލިންނެތް މަސައްކަތްތެރިން، ކޯޓަކަށް ހުށަހެޅޭ މައްސަލައެއް ދިހައަހަރުވާއިރުވެސް ޝަރުއީ މަރުހާލާގައި ނުނިމި، ކޯޕަރޭޓް ފްރޯޑް ދަންނަ ފުލުހަކުނެތް ގައުމެއްގައި ބޭރުގެ ބަޔަކު ފައިސާ ގެނެސްގެން މާލީއިދާރާތައް ހުޅުވާނެގޮތެއް ނުވިސްނޭ!. ފައިސާ ދޮވެ ސްކޭމް ހިންގަންއުޅޭ ބަޔަކު ތިކަންކޮށްފާނެ. ރިއަލިޓީނޭގޭ ސަރުކާރެއް
މާހިރު
06 January 2024
މުއިއްޒު އެއުޅުއްވަނީ މާފަހަތުގައެވެ. އަޅުގަނޑުނަމަ ފޮނަދޫން ހުޅުލެއާ މާލެއަށް ހަދާނީ ކަނޑުގެ އަޑިން އަދި ކޭބަލް ކާރުގައި ދަތުރު ކުރެވޭގޮތެވެ. އަދި ސީޕްލޭންގެ ބަދަލުގައި ވަކިރަށެއް ޚާއްސަ ކުރާނީ ޕްރައިވެޓް ޖެޓްތަކަށެވެ. ޕްރައިވެޓް ޖެޓްތަކުގައި އަންނާނީ އެންމެ މުއްސަނދިންކަމަށްވާއިރު އެންމެ ފެންވަރުރަނގަޅު ޚިދުމަތްތަކެއް ދޭންޖެހޭނީ އެބައިމީހުންނަށްތާއެވެ. ފޮނަދޫއަކީ މަތީފަންތީގެ ހޮޓަލެއް އަޅާލަންވެސް ވަރަށްފައްކާ ތަނެކެވެ.
މުރާކީސް
06 January 2024
އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު ހަދާ ރަށުގައި ވެލާނާގެ ވަރުގެ އިމާރާތެއް އެޅޭނެހެން ހީނުވޭ. ދެން ކިހިނެއް ތިތަން ސެންޓަރަކަށް ހަދާނީ.. ތިއީ ހަތަރު ތެޔޮތާގީ ބެހެއްޓީމަ ފުރިފަ އޮތް ރަށެއް. މުއިއްޒުވެސް ހަމަ ބަޔަކު އެއްޗެކޭ ބުނާއިރަށް ހަފްލާތަކަށް އަރާ އެވާހަކަ ނުދައްކާ ކޮންމެވެސް ވަރަކަށް ވިސްނާލާފަ އެކަހަަލަ ވާހަކަ ދައްކަންވެއްޖެނުން. ދުނިޔޭގެ ބޮޑެތި ބޭންކެއްގެ އިމާރާތަށްވުރެ ތި ރަށް މާ ކުޑަ.
އޮނަރަބްލް އަފީފު ދީދީ
05 January 2024
ކ.އަތޮޅު މާލެއަށްފަހު މުޤައްދަސްރަށްކޮޅުގެ ބަނޑުދަށުގައިއޮތް ގުއިފުނަދޫއަށް އަނެއްކާވެސް ދައުލަތުގެ ޙަޒާނާ ފެލައި ދިޔައަޅަންތިއުޅެނީ ރާއްޖޭގެ އެހެންތަނެއްގައި އިޤްތިސޯދީމަސައްކަތެއް ކޮށްފިނަމަ "ތިޔަ މުޤައްދަސް ރަށުގެމީހުނަށް އާމްދަނީހޯދާދޭން މަޖުބޫރީ ޙާލަތްމެދުވެރިކޮށް ތިރަށަށްގެންނެސްފައިވާ ކުލީއަޅުން" މަދުވެދާނެތީވެތޯ!؟ ދަންނަވަންތޯ ތިކަމެއް ނުވެސް ކުރެވޭނެ. ތީގެ ސަބަބުން ގައުމާއިމެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެދުން ނޫންކަމެއް ނުވާނެ.
ފަހުދު.
05 January 2024
ދިވެހިރާއްޖޭގެ ބައިނަލް އަގްވާމީ މާލީ ޙިދްމަތް ތަކާއި ބެހޭ ބައި ނުކީ ކީއްވެގެން ބާ؟
ފެންނަގޮތް
05 January 2024
ކަންކުރަން އެނގޭ މީހުން ކަންކުރާނެ... ކާންކުރަން ލިބި ކަން ނުކުރެވުނު މީހުން މޭކަރާނެ.. ކަންކުރުމުގައި އަމިއްލަ އެދުން ނެތިކޮށް، ގައުމު އިސްކޮށް، މަސައްކަށް އަވަސްކޮށް، ނަތީޖާ ނެރެ ފިއްޔާ ސިޔާސީ މީހުންގެ މަޅިން ނެއްޓި އަމިއްލަ ބުއްދިން ފިކުރުކުރާ ކޮންމެ މީހަކު ބަލައި ގަންނާނެ..
ކައުންސެލަރު.
05 January 2024
ބޭކާރު ޚަރަދު! މިކަން އިހަށް މަޑުޖައްސާލާފައި ރާއްޖެ ދަރާފައި އޮތް ދަރަނި ދެއްކުން މުޙިންމު
ނިލިސް
05 January 2024
މިހާރު ހުރި އިދާރާއަކުންވެސް ތިކަންކުރެވިދާނެ. ޓަންތަން ގިނަވުމަކީ ޚަރަދުތަކެއް އިތުރުވާނެ ކަމެެއް
ފައިނޭންޝަލް ސެންޓަރު
05 January 2024
އަހަރެން ހިތައްއަރާ ފައިނޭންޝަލް ސެންޓަރެއް ވަކިން އޮތް ކުޑަކުޑަ ރަށެއްގަ ގާއިމުކުރަން ޖެހެނީ ކީއްވެބާއޭ. މިހެން ހެދުމުން ބޭރުން އަންނަ އިންވެސްޓަރަކައް ފަސޭހަތަކެއްލިބޭބާވައޭ ނޫނީ އެމީހުން އެކަމައް އިންވެސްޓުކުރުމައް ޓެކްސްގެގޮތުންވިޔަސް ނޫނީ އެހެންގޮތަކައްވިޔަސް ބާރަކައްވޭބާވައޭ. މަށައްހީވަނީ ގުޅިފަ ހުރި ބޮޑެތި ބިންތަކެއް ހިއްކާއިރު އެތަންތަނުން އެކަމައް ބައެއްބާއްވާނަމަ މާފަސޭހަވެފަ ހިންގާބަޔަކައް ހަރަދުވެސް ކުޑަވާނެހެން.
އަލީމު
05 January 2024
ރާއްޖޭގެ ހާލަތު: ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވާއިރައް ކުރީ ސަރުކާރުން ހެދިހާ އެއްޗެއް ކެންސަލްކުރުމާ، ރައީސްމީހާ ގޭގަ އިދެގެން ޑޮލަރުމާރުކުރުމާ، ހުރިހާތަނެއް ކޮރަޕްޝަނުން ހައްދުފަހަނަޅާ ގޮއްސަ! ހީވޭ ވަރައް ބާރައް ބޭރުގެ ފައިނޭންޝަލް ސެންޓަރުތައް އަންނާނެހެން!!! އާރުތޫރު ބުރަދާސް: ވެލްކަމް ބެކް!!!