ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝުކޫރު ވާހަކަ ދައްކަވަނީ: ކެމްޕެއިނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ނައިބް، ހުސެން މުހައްމަދު ލަތީފު މިއަދު ވަނީ ހުޅުމާލެ ވަޑައިގެންފައި.--
06 ޖެނުއަރީ 2024 - 18:01
މާލޭގެ މޭޔަރުގެ މަގާމު އޭނާ އަދާކުރައްވާ ގޮތް ބަލަން އިންތިހާބު ކޮށްދިނުމަށާއި އެ ހާލަތުގައި ރައްޔިތުން މާޔޫސްކޮށް ނުލައްވާނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި އެ މަގާމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު، ހުޅުމާލެ 2 ގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި އާޒިމާ ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލޭގެ މޭޔަރުގެ ގޮނޑި އަދި ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު އެ ޕާޓީ އަށް ލިބިގެން ނޫނީ ރައްޔިތުން ބޭނުންވާ ކަންކަން ކާމިޔާބު ނުވާނެ ކަމަށެވެ.
މޭޔަރުގެ މަގާމަށް އޭނާ އިންތިހާބު ކޮށްފި ނަމަ ރައްޔިތުން ބޭނުންވާ ކަންކަމުން ތަފާތު ފެންނާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ. ދިރިއުޅުމުގެ ފެންވަރު އަދި އެންމެންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އާޒިމާ ދެއްވި އެވެ.
"މި މަސައްކަތުގައި އަޅުގަނޑުމެން ޓެސްޓު ކޮށްލަވާ. އަޅުގަނޑުމެންނެއް ޑރ. މުހައްމަދު މުއިއްޒާ އެކު މި ތިއްބެވި ޓީމެއް، ތި ބޭފުޅުން މާޔޫސްއެއް ނުކުރާނަން. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން،" އާޒިމާ ވިދާޅުވި އެވެ.
ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝުކޫރުގެ ކެމްޕެއިނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ނައިބް، ހުސެން މުހައްމަދު ލަތީފު ހުޅުމާލެ ވަޑައިގެން އެ ސަރަހައްދުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ހުޅުމާލެ 2 އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ތަނެއް ކަމަށާއި އެކަށީގެންވާ އަބާދީއަކަށް ދިރިއުޅުމަށް ދޭން ޖެހޭ ވަސީލަތްތައް ގާއިމް ވެފައި ނެތް ކަމަށް އާޒިމާ ވިދާޅުވި އެވެ.
"ފޭސް ދެއަކީ ކުރީގެ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައި އޮތް ތަނެއް. އަޅުގަނޑު މިއީ ވަރަށް ކްރިޓިސައިޒް ނުކުރާ މީހެއް، ތަންތަނަށް މިހެން އަރައި. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަން އޮތް ވާހަކައެއް ވީމާ މި ދަންނަވާލީ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ގިނަ ސަރުކާރުތަކުގައި މަސައްކަތް ކޮށްފައިވާ މީހަކަށް ވާތީ ވަރަށް ޔަގީން ކަމާ އެކު ދަންވަނަން ކެރިދާނެ، ކުރިއަށް މި އޮތް މޭޔަރު އިންތިހާބާއި މަޖިލިސް އިންތިހާބު ނެގިގެން ނޫނީ އެ މަސައްކަތް [ރައްޔިތުން ބޭނުންވާ ކަންކަން] ފުރިހަމަ ވެގެން ނުދާނެ."
އާޒިމާ ވިދާޅުވި ގޮތުގައި، ޕީއެންސީން ނުކުމެ ތިބީ ރައީސް ޑރ. މުއިއްޒުގެ "ވިޝަން" ކާމިޔާބު ކުުރުމަށެވެ. އެހެންވެ، މޭޔަރުގެ މަގާމަށް ދެން ވާދަ ކުރައްވާ ތިން ކެންޑިޑޭޓުންނަށް ވުރެ އޭނާގެ އަޒުމް ވެސް ވަރުގަދަ ކަމަށާއި ހިދުމަތްތެރި ބަޔަކު ގައުމާއި ހަވާލުވުމުން އަންނަ ބަދަލު ރައްޔިތުންނަށް ދައްކައިދޭނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝުއައިބް
07 January 2024
ރައީސްގެ ނިންމުމާ އެއްގޮތަށް ތަރައްޤީ ގެނެވޭނެ މޭޔަރ އެއް ހޮވުމަށް އާޒިމާ އަށް ވޯޓް ދޭން އެބަޖެހޭ.
ޒޭނާ ޒާހިރް
07 January 2024
އާޒިމް އަކީ އޮޕްޝަނެއްނޫން. އާޒިމާ އަށް ފުރުސަތު ދޭންޖެހޭނެ.
މިވަރެއްނެތް
07 January 2024
ކަމަނާ ތިކުރިމަތިލައްވަނީ ވެރިރަށް މާލޭގެ މޭޔަރުކަމަށް. ގައުމުގެ އާބާދީގެ ތިންބައިކުޅަ ދެބައިގެ ވަޒަންވެރި ރަށް. މިއަކީ އަޖަމުބަލަން މީހުން ހޮވަންޖެހޭ ތަނެއް ނޫން. މިތަނަށް އަންނަނީ ގަދަ ޓްރެކްރިކޯޑު އޮންނަން ބައެއް. ކަމަނާގެ ހަޔާތުގެ ހޯދި ކާމިޔާބީއެއް ނުވަތަ ކުރިކަމެއް ދައްކާލަބަލަ. އެއިރުން ވޯޓުދެވިދާނެ
ފަހީމް
07 January 2024
ބޭންކުން ޓެސްޓު ކޮއްފި. ޏަތީޖާ ރަގަޅެއްނޫން.
ނާޑުވާ
07 January 2024
ތިޔައީ ޓެސްޓެޑް އެންޑް ފެއިލްޑް ޕްރޮޑަކަޓެއް.
ހުސެން މުހައްމަދު
07 January 2024
ޔަގީން ކުރައްވާ. މިފަހަރު ރައީސް މުއިއްޒްގެ ހައްގުގައިވެސް ހޮވާނީ އާޒިމާ
އަޒްމީން މުހައްމަދު
07 January 2024
ސާފް އެއްކަމެއް އެބައިން. އެއީ އާޒިމް ވާނީ ސަރުކާރަށް ޖެއްސުން ކުރާ މީހަކަށް. އެކަމަކު އާޒިމާ ވާނީ ސަރުކާރަށް އެއްބާރަލުން ދޭނެ މީހަކަށް.
ސުނެއިނާ
07 January 2024
ބޭނުންވަނީ ސަރުކާރުން ކުރާ ތަރައްގީއަށް ހުރަސް ނާާޅާނެ މީހެއް. އެހެންވީމާ ހޮވާނީ ސަރުކާރުގެ ކެނޑިޑޭޓް.
އަހްމަދު އިހްސާން
07 January 2024
މިފަހަރު އަހަރުމެން އަނެއްކާވެސް ހޮވާނީ ކަން ކުރެވޭނެ ނަތީޖާ ނެރެވޭނެ ކެނޑިޑޭޓް. އެއީ އާޒިމާ. ނޮޓް އާޒިމް
ސޫދާ އަލީ
07 January 2024
އިންޝާﷲ މިފަހަރު ކަމަނާ ހޮވޭނެ.