ހދ. ކޭލަކުނު: އިކޯ ޓޫރިޒަމްގެ ރަށެއްގެ ގޮތުގައި ކޭލަކުނަކީ ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު
08 ޖެނުއަރީ 2024 - 12:15
"ޓްރޫ ފޮރެސްޓް" ނުވަތަ ފޮރެސްޓެއްގައި ހުންނަ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ރާއްޖޭގެ ހަމައެކަނި ރަށް ކަމަށްވާ ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމް ތައާރަފް ކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ކޭލަކުނަކީ އިކޯ ޓޫރިޒަމްގެ ރަށެއްގެ ގޮތުގައި ތަރައްގީކުރަން ކަނޑައަޅައި އެ ރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
ކޭލަކުނުގެ ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަށް އެ ރަށް ތަރައްގީ ކުރެވޭނެ ގޮތްތައް ދެނެގަތުމަށްޓަކައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ކަމާ ގުޅޭ އެހެނިހެން ފަރާތްތަކާ ގުޅިގެން އިތުރު ތަފުސީލީ ސްޓަޑީއެއް ހެދުމަށް ވެސް އެ ކައުންސިލުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށް އަމާޒުކޮށްގެން ތިމާވެއްޓާ ރައްޓެހި ޒަމާނީ ފެންވަރުގެ ވިޒިޓާ ސެންޓަރެއް ހެދުމަށާއި އެ ރަށުގެ ތާރީހާއި އެ ރަށުގައި ހުރި ތާރީހީ ތަންތަނާއި އެ ރަށުގެ ވަށައިގެންވާ ދިރުންތަކުގެ މައުލޫމާތު ފުރިހަމަ އަށް ދެވޭނެ އިންތިޒާމު ހަމަޖައްސަން ވެސް ވިޒިޓާ އިކޮނޮމީ ކައުންސިލުން ނިންމި އެވެ.
"އެ ރަށުގެ ފަރުތަކާއި މުރަކަތައް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް މި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފްލޯޓިން ރޫމްތަކެއް އެޅޭނެ ގޮތްތަކެއް އޮތްތޯ ބަލަން ދިރާސާކުރަން ވެސް ނިންމާފައިވޭ،" އޭނާ ވިދާޅުވި އެވެ.
ހދ. ކޭލަކުނު: އިކޯ ޓޫރިޒަމްގެ ރަށެއްގެ ގޮތުގައި ކޭލަކުނަކީ ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު
މީހުން ދިރިނޫޅޭ ކޭލަކުނަކީ އާދަޔާ ހިލާފު ސިފަތަކެއް ލިބިފައިވާ ރީތި ރަށެކެވެ. އެ ސަބަބަށްޓަކާ ޓޫރިޒަމް މިނިސްޓްރީން ވަނީ ހިމާޔަތްކޮށްފައިވާ ރަށްތަކުގެ ލިސްޓަށް އެ ރަށުގެ ނަން 2017 ވަނަ އަހަރު އިތުރުކޮށްފަ އެވެ.
އެ ރަށުގައި ރިސޯޓެއް ހަދަން 2017 ވަނަ އަހަރު ވެސް ހުޅުވާލި އެވެ. ނަމަވެސް، ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރުމުން އޭރުގެ ސަރުކާރުން ވަނީ އެ ހިޔާލު ދޫކޮށްލާފަ އެވެ.
ހދ.ގެ ވެރިކަން ކުރާ ރަށް، ކުޅުދުއްފުއްޓާ ވަރަށް ކައިރީގައި އޮންނަ ކޭލަކުނަށް ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ އެ ރަށުގައި އޮންނަ ބިޔަ ޖަންގަލީގެ ފޮޓޯތައް އާންމުވުމާ އެކު އެވެ. އެ ރަށުގެ ބޮޑު ބަޔަކީ ޗަސްބިމެވެ. އެ ޗަސް ބިމުގައި ރާއްޖޭގެ އެހެން ތަންތަނުން ނުފެންނަ ގަސްތަކާއި ކުޅިފާޗަކަ ބިމުގައި ހެދޭ އެކި ވައްތަރުގެ ގަސްތައް ހުރެ އެވެ. އޭގެ ތެެރޭގައި އެތައް ޒަމާނެއްވީ ބިޔަ ގަސްތައް ހިމެނެ އެވެ.
އެ ރަށަކީ ކުރިން ދަނޑުވެރިކަން ވެސް ކުރި އަދި އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން ދަރު ކެނޑުމާއި ކާށި ހޮވުން ފަދަ ބޭނުންތަކުގައި ގޮސް އުޅުނު ރަށެކެވެ.
ކޭލަކުނުގެ ތާރީހާ ގުޅޭ "ކޭލަކުނު ތަޅާލި ވިއްސާރައިގެ" ވާހަކައަކީ އާންމުކޮށް އިވޭ ވާހަކައެކެވެ. މީލާދީ ގޮތުން 1820 ގައި ކުރި އެ ގަދަ ވިއްސާރާގައި އެ ރަށް ސުންނާފަތިވެ، އެ ރަށުގައި ދިރިއުޅުނު މީހުން ރަށުން ފައިބައިގެން ދިޔައީ ކަމަށް ތާރީހީ ފޮތްތަކުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްސިއްޔާ
10 January 2024
"އެ ރަށުގެ ފަރުތަކާއި މުރަކަތައް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް މި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފްލޯޓިން ރޫމްތަކެއް އެޅޭނެ ގޮތްތަކެއް އޮތްތޯ ބަލަން ދިރާސާކުރަން ވެސް ނިންމާފައިވޭ" އެވަރުގެ ފަޅެއް އޮތް ރަށެއްނޫން އެއީ. އެރަށް އެންމެ ރަނގަޅުވާނީ ހަމަ ޑޭވިޒިޓަށް ބޭއްވިއްޔާ. ރިސޯޓް ހަދަންވިއްޔާ ޖެހިހެން އޮތް ކުޑަ މުރައިދޫވެސް އެއޮތީ. ދެން ކުޑަ މުރައިދޫ އާއި ނާގޯއްޓަށް އަންނަ ފަތުރުވެރިންނަށް ކޭލަކުނު ޕްރޮމޯޓް ކުރެވިދާނެތާ.
ކޮސް
09 January 2024
އަނެއްކާ އަނެއް ގޯސް ހަދަން މިއުޅެނީ. މިތަން ހަލާކުވާނީ. ތިތަނަށް ދާ ފަތުރުވެރިން މޫދަށް އެރޭއިރު " އިކޯ" ކުރިއަށްލާފައިހުންނަ ލޯށަން ނޫންގުޅާގޮތް ހަދަން ކެރޭނެބާ. ނުކެރޭނެ. މުރަކަތައް ހަލާކުވުމުގެ މުއިއްޒުވުން ނޫންގޮތެއްނެތް .
ޖައިޝަމް
08 January 2024
ގުދުރަތީގޮތުން އުފެދިފައިވާ ގޮތަށް ބާއްވަދީބަލަ. ކޮންމެ ތަނެއްގަ ރިސޯޓް ހަދަން ޖެހޭތަ ކޮންމެހެން.
ސަލީމު އިދުރީސް
08 January 2024
ފުރަތަމަ އީކޯ ޓުރިޒަމް ދަސްކުރަންޖެހޭ ކޭލަކުނުގަ ކުރެވޭނީ އީކޯޓުޒަމްގެ އެއްމެ މަތީދަރަޖަ! އެގޮތުން މަދިރިގިނަ ރަށުގަ މަދިރި ނައްތާލަން ބޭނުކުރާ ކެމިކަލު ބޭނުން ކުރެވޭނެތޯ ފެން ބޭނުކުރާ ފާހާނަ ބޭނުނުން ނުކުރެވޭނެ ތައްޓާ އެއްޗެތި ދޮންނަ ފެންމޫދާ ބިމައް ނުފޮނުވޭނެ
ހިޔާލީކޮމެންޓް
08 January 2024
ތިރަށަކީ ރާއްޖޭގެ ތިމާވެށީގެ ޖަމިއްޔާއަކުން ވަރަށް ގިނައިން ސްޓަޑީ ހަދާފައިވާތަނެއް. އެމީހުން ހިޔާލު ހިއްސާކޮށްލުން ރަނގަޅުވާނެކަމަށްފެނޭ. މީކޮމެންޓެއް.
މައިޓް އިސްމައިލްބެ
08 January 2024
އަނެތްކާވެސް ކުޅުދުއްފުށީ ރައްޔިތުން ގުބޯ ހެއްދުމަށް ދައްކާވާހަކަތައް / ކުޅުދުއްފުށި އިހްތިސާސް ތެރެއަށް އެރަށް ނެގުމުން ތިބުނާ ތޫރިޒަމެއްވެސް ގެނެވޭނީ / އެހެން އަތޮޅުރައްޔިތުންނަށް މައުމޫނު ޒަމާނުއްސުރެން ގުބޯ ހައްދަނީ ހުރިހާ ކަމެއްކުރަނީ ދެކުނަށް