ދުނިޔެ / އައިސީޖޭ

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށަނީ

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ބެލި މައްސަލައެއްގެ ހުކުމް އިއްވަނީ. -- ފޮޓޯ: އައިސީޖޭ

10 ޖެނުއަރީ 2024 - 06:02

އިޒްރޭލުން ދޭ ހަމަލާތަކަކީ ޣައްޒާއިން ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަަމަލުތަކެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް އދ.ގެ އެންމެ މަތީ ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދެކުނު އެފްރިކާއިން ހުށަހެޅި 84 ސަފުހާގެ ބަޔާނުގައި އިޒްރޭލުން ޣައްޒާގައި ހިންގާ އަސްކަރީ ހުރިހާ ހަރަކާތްތަކެއް ވަގުތުން ހުއްޓާލުމުގެ އަމުރެއް ނެރެދިނުމަށް ވަނީ އެދިފަ އެވެ.

އެ ހުށަހެޅުމުގައި ބުނެފައިވަނީ އިޒްރޭލުން ޣައްޒާއަށް ދީފައިވާ، ދެމުން ގެންދާ އަދި އަދި ދީފާނެ ކަމަށް ބެލެވޭ ހަމަލާތަކުން މިއީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބެލެވޭ ކަމަށާއި އެކަމުގެ ނުރައްކާ ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ. އިޒްރޭލުން މި ކަމުގައި ރުޅިވެރިކަމާ އެކު ރައްދު ދީފައިވެ އެވެ.

އިޒްރޭލާއި ދެކުނު އެފްރިކާ އަކީ ވެސް 1948 ވަނަ އަހަރު އެކުލަވާލި ޔޫއެން ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިންނެވެ. އެހެންވެ، މި މުއާހަދާގެ އެއްވެސް މާއްދާއަކާ، މި މުއާހަދާގެ ބައިވެރިޔަކު ހިލާފުވާ ނަމަ ދައުވާކުރުމުގެ ބާރު އަނެއް ގައުމަކަށް ލިބެ އެވެ.

ދެކުނު އެފްރިކާގެ ހުށަހެޅުމާ ދެކޮޅަށް އިޒްރޭލުގެ އެކުވެރި އެމެރިކާއިން ވެސް ވަނީ ދެކޮޅު ހަދައި، އެއީ އަސާސެއް އަދި ބޭނުމެއް ނެތް ހުށަހެޅުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އިޒްރޭލު ސަރުކާރުގެ ތަރުޖަމާނު އައިލޮން ލެވީ ވިދާޅުވީ ނަސްލުތަކުގެ އެއްބައިވަންތަކަމުގެ ޗެމްޕިއަންގެ ގޮތުގައި ބުނާ ދެކުނު އެފްރިކާ މިހާރު މަސައްކަތްކުރަނީ ޔަހޫދީންނާ ދެކޮޅު ރޭސިސްޓުންނަށް ހިލޭ ވަކާލާތުކޮށްދޭ ބައެއްގެ ގޮތުގައި ކަމަށެވެ.

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި އިމާރާތްތަކެއް ބިމާ ހަމަކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ

"ދެކުނު އެފްރިކާއަށް ބުނަން ބޭނުމީ، ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގަނީ އަހަރެމެންނެއް ނޫނޭ. ހަމާސް އިންނޭ،" އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވިދާޅުވި އެވެ.

އައިސީޖޭގެ "ގްރޭޓް ހޯލް އޮފް ޖަސްޓިސް" ގައި ދެ ގައުމުގެ އޮފިޝަލުން މި މައްސަލައިގައި ކުރިމަތިލާއިރު މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމާސް އިން ދޭން ފެށި ހަމަލާތަކުގެ ބަދަލު ހިފަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ވަނީ 22،700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.

ދޭދޭ ގައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި އައިސީޖޭ އިން ނިންމާ ނިންމުންތަކަށް އަމަލުކުރުން ލާޒިމް ވިޔަސް އެކަން ތަންފީޒުކުރުމުގައި އައިސީޖޭގެ ބާރު ކުޑަ އެވެ. އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން އައިސީޖޭ އިން އަމުރުކުރި ކަމުގައި ވިޔަސް އިޒްރޭލުން މިހާތަނަށް އަމަލުތައް ބަހައްޓާ ގޮތަށް ބަލާއިރު އިޒްރޭލުން އަމުރަށް ތަބާވާނެ ކަމަކަށް ނުބެލެވެ އެވެ.

މާޗް، 2022 ގައި ރަޝިޔާއިން ޔުކްރެއިންގެ ހަމަލާތައް ހުއްޓާލަން ވެސް އައިސީޖޭ އިން އަމުރުކުރި އެވެ. އެކަމަކު އަދިވެސް ހަމަލާތައް ދަނީ ކުރިއަށެވެ. --އޭއެފްޕީ

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 17%
icon inlove icon inlove 17%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454