ވިޔަފާރި / ވިޔަފާރި ޕްރޮމޯޝަން

އާރްއޭސީއެލްއަށް ތިން އަހަރު ފުރުން ފާހަގަކޮށްފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އަށް ތިން އަހަރު ފުރުން ފާހަގަކޮށް އިތުރު ލަނޑުދަނޑިތައް ހާސިލްކުރުމަށް އަމާޒު ހިފައިފި އެވެ.

މި ކުންފުންޏަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވައިފަ އެވެ. މި ހަފްލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ އަމާޒަކީ އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ އެއާޕޯޓްތަކުގެ ހިދުމަތްތައް ފުޅާކޮށް، ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެއާޕޯޓުތަކުގައި ގާއިމުކުރުން ކަމަށެވެ. ނަމާދުކުރާނެ ކޮޓަރި އާއި ފީޑިން ރޫމާއި ކެފޭ ފަދަ އަސާސީ ތަންތަން ނެތް އެއާޕޯޓުތަކުގައި އެ ތަންތަން ގާއިމުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާރްއޭސީއެލްގެ އެމްޑީ އަހުމަދު މުބީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: އާރްއޭސީއެލް

މުބީން ވިދާޅުވީ އާރްއޭސީއެލްއާ އެއާޕޯޓުތައް ހަވާލުކުރި އިރު ގިނަ އެއާޕޯޓްތައް ހުރީ ވަރަށް ފެންވަރު ދަށްކޮށް ކަމަށެވެ. އެ ފަދަ އެއާޕޯޓުތަކަކީ ސިވިލް އޭވިއޭޝަނުގެ މިންގަނޑުތަކަށް ފައްތައި، ސެކިއުރިޓީގެ ކަންތައްތައް އިތުރަށް ތަރައްގީކޮށް އިންހައުސް ޓްރެއިނިން ދެވޭނެ ފެންވަރުގެ މީހުން ބިނާކޮށް ދަތުރުކުރާ ފަރާތްތަކަށް ދެވޭ ހިދުމަތްތައް ތަރައްގީކޮށް ފުޅާކޮށްފައި ވަނީ އެ ކުންފުނީގެ މުވައްޒަފުން ކޮށްފައިވާ ހީވާގި މަސައްކަތުންކަން ފާހަގަކުރެއްވި އެވެ.

އާރްއޭސީއެލް އަކީ ރާއްޖޭގެ ހަތް އެއާޕޯޓު އޮޕަރޭޓުކުރަމުން އަންނަ ކުންފުންޏެކެވެ. އެ އެއާޕޯޓުން ހަ ޑޮމެސްޓިކް އެއާޕޯޓާއި އެއް އިންޓަނޭޝަނަލް އެއާޕޯޓު އަންނަނީ ހިންގަމުންނެވެ.

އާރްއޭސީއެލްއިން ބުނި ގޮތުގައި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ވަނީ ބޮޑެތި ކާމިޔާބީތަކެއް ލިބިފަ އެވެ. އޭގެ ތެރޭގައި ސިވިލްއޭވިއޭޝަންގެ މިންގަނޑުތަކަށް ހުރިހާ އެއާޕޯޓުތަކެއް ފައްތާ ސެޓްފިކެޓްތައް އާކުރުމާއި އެއާޕޯޓުތަކުގައި ބޭނުންކުރާ އެކްސްރޭ މެޝިންތަކުގެ މެއިންޓަނަންސް ރަގަޅުކޮށް ޑައުންޓައިމް ދަށްކުރުމަށްޓަކައި ރެޕިސްކޭން ބްރޭންޑް އޮތޮރައިޒޭޝަން ޕާޓްނާކަން ހޯދައި އެއާޕޯޓުތަކުގައި މައްސަލަޖެހިފައި ހުރި މެޝިންތައް ބަދަލުކުރުން ހިމެނެ އެވެ.

މީގެ އިތުރުން ސެކިއުރިޓީ މެޝިންތައް ބަލަހައްޓަން މުވައްޒަފުން ބޭރަށް ފޮނުވާ ތަމްރީނުކުރުމާއި ސިވިލް އޭވިއޭޝަންއިން ގަބޫލުކުރާ ފެންވަރުގެ 14 ޓްރެއިނަރުން ތަމްރީނުކުރުމާއި ކުންފުނީގެ ބެލުމުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުން ހިމެނެ އެވެ.

އެ ކުންފުނިން ފާހަގަކުރާ އިތުރު ކާމިޔާބީތަކުގެ ތެރޭގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އާއި ކުޅުދުއްފުށި އެއާޕޯޓުގެ ރަންވޭ ލައިޓްސް ގާއިމްކޮށް ރޭގަނޑު ފްލައިޓް އޮޕަރޭޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި 24 ގަޑިއިރު ހިދުމަތް ދޭން ފެށުން ހިމެނެ އެވެ. އަދި ރާއްޖޭގެ ފުރަތަމަ ފަޔަ ސިމިއުލޭޓަރު ހޯރަފުށީ އެއާޕޯޓުގައި ގާއިމްކުރުމުގެ މަސައްކަތާއި ހޯރަފުށި އެއާޕޯޓުގައި ރަންވޭ ލައިޓްތައް ހަރުކޮށް ޓެސްޓިން ފޭސް ފެށުމުގެ ޕްރޮޖެކްޓު ވެސް ކާމިޔާބީއެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.

އާރްއޭސީއެލްއިން ބުނީ އެ ކުންފުނީގެ އިތުރު މަސައްކަތްތަކެއް ވަރަށް އަވަހަށް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ކުޅުދުއްފުށި އެއާޕޯޓުގެ ޕަސެންޖާ ޓާމިނަލްގެ މަސައްކަތާއި ކުޅުދުއްފުށި އެއާޕޯޓް އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސްބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް އެ ކުންފުނިން ފާހަގަކުރެ އެވެ.

އާރްއޭސީއެލް އަކީ 100 ޕަސެންޓު ދިވެހި މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެކެވެ. މި ކުންފުނީގައި 500 އެއްހާ މުުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާރްއޭސީއެލްއަށް ތިން އަހަރު ފުރުނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން

17 January 2024

ތިޔަކުންފުނީގެ މާލީ ހިސާބާއި އަރަނި ދަަރަނި ޖަހާލުން ފެނޭ ހީވަނީ ސަބްސިޑީ ދީގެންހެން ހިންގަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454