އިކޮނޮމިކް މިނިސްޓަރު، އަހުމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ޖެނުއަރީ 2024 - 13:42
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނުން އިތުރު ކުރުމަށް "ފަހި ފަތުރުވެރިކަމަށް އަންހެނުން" ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރު ކުރުމަށް މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
މިއަދު އިފުތިތާހުކުރި "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމްގެ ބޭނުމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރު ކުރުމަށް އެ ދާއިރާ އަށް ނުކުތުމަށް ބާރު އެޅުމެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ދަރިވަރުން ޝައުގުވެރިވާ ދާއިރާތައް ދަނެގަނެ އެ ދާއިރާއަކުން ކުރިއަށް ދިއުމަށް މައުލޫމާތުދީ، ފުރުސަތު ހޯދައިދޭނެ އެވެ.
އަހަރަކު ދެ ފަހަރަށް އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.
1. ޓޫރިޒަމް ދާއިރާއަށް އަހުލުވެރި ކުރުވުން.
2. ޓޫރިޒަމް ދާއިރާއަށް ނިކުތުމަށް މަގު ކޮށައިދިނުން.
3. ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް ސެޓްފިކެޓް ދިނުމާއި ފުރަތަމަ މަރުހަލާ [ޓޫރިޒަމް ދާއިރާއަށް އަހުލުވެރި ކުރުވުން] އަލުން ކުރިއަށް ގެންދިއުން.
އެ ޕްރޮގްރާމް ނިމުމުން ޓޫރިޒަމް ދާއިރާ އަށް އަންހެނުން ނުކުތުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެ ޕްރޮގްރާމްގައި ބައިވެރިވެވޭނީ ސެޓްފިކެޓް، ޑިޕްލޮމާ ފުރިހަމަ ކޮށްފައިވާ ދިވެހި އަންހެނުންނަށެވެ. ބައިވެރިވާން ބޭނުން ނަމަ [email protected] އަށް މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
"ފަހި ފަތުރުވެރިކަމަށް އަންހެނުން" ނަމުގައި ފެށި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިޮންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެ ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވެފައި ވާއިރު މިއީ އެންމެ ގިނަ ވަޒީފާގެ ފުރުސަތުތައް ފަހިވެފައިވާ ދާއިރާ ކަމަށެވެ.
މީގެ ދެ އަހަރު ކުރިއަށް ބަލާއިރު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އަންހެނުން މަދު ކަމަށާއި މިއަދު ފެށި ޕްރޮގްރާމުގައި އަންހެނުން އެ ދާއިރާގައި މަސައްކަތް ކުރުމަށް ދުރުރާސްތާގެ ޕްލޭނެއް ހަދާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު މި އިފްތިތާހު ކުރެވޭ "ފަހު ފަތުރުވެރިކަމަށް އަންހެނުން" މި ޕްރޮގްރާމް ފަރުމާ ކޮށްފައި ވަނީ މި ލަނޑުދަނޑިތައް [އަންހެނުންނަށް މި ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ހޯދައިދީ އަންހެނުން މި ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމަ ކުރުމަށް] ހާސިލް ކުރެވޭނެ ގޮތަށް، ދުރުރާސްތާ ޕްލޭނަކާ އެކު،" ފައިސަލް ވިދާޅުވި އެވެ.
"ފަހި ފަތުރުވެރިކަމަށް އަންހެނުން" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެ ޕްރޮގްރާމްގެ ތެރެއިން، ޓޫރިޒަމްގެ އެކި ދާއިރާތަކާއި ގެސްޓްހައުސް ތަކާއި ހޮޓާތަކާއި ޑައިވިން ފަދަ މަސައްކަތްތަކަށް ތަޖުރިބާކާރުންގެ ތަޖުރިބާ އާއި އެ މީހުން މަސައްކަތް ކުރާ ތަންތަނުގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިފަދަ ޕްރޮގްރާމެއް ހިންގުމުގެ އަމާޒަކީ ޒުވާނުން މިކަމުގެ ބޭނުން ހިފައި އަންހެނުން އެ ޕްރޮގްރާމްގެ ތެރެއިން މި ދާއިރާއަށް ނިކުތުމަށް އެހީތެރިވުން ކަމަށް ފައިސަލް ވިދާޅުވި އެވެ. މީގެ ސަބަބުން އަންހެނުން މި ދާއިރާ އަށް ނުކުތުމަށް އިތުރު ހިތްވަރަކަށް ވެ، ދާއިރާގައި މަސައްކަތް ކުރާ އަންހެނުން އިތުރުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ފައިސަލްގެ ވާހަކައިގައި ވިދާޅުވި އެވެ.
މީގެ ދެ އަހަރު ކުރީގެ ބޯހިމެނުމުން ދެއްކި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ރިސޯޓުތަކުގައި 52،483 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ދިވެހިންގެ ގޮތުގައި މަސައްކަތް ކުރަނީ 15،597 މުވައްޒަފުންނެވެ. ދިވެހިންގެ ތެރެއިން ޓޫތިޒަމް ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަކީ އެންމެ 891 މުވައްޒަފުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
18 January 2024
ޓުއަރިޒަމް ދާއިރާގަ މަސައްކަތް ކުރާމީހުނައް ތިން ހިސާބެއްގަ ގާކޮޅު ހެދިއަސް މައްސަލަ ހައްކުނުވާނެ
އާދާއިރާއެއްނޫން
18 January 2024
ތިއީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ފޮނިކަނޑަން ކުރާކަމެއް. މިރާއްޖޭގައި މިހާރު ޓޫރިޒަމް ދާއިރާއަކީ އަންހެނުން ވަޒީފާ އަދާނުކުރާ ދާއިރާއެއް ނޫން. މައްސަލައަކީ ދިވެހިންނަށް ފުރުސަތު ނުލިބުން.
ސަކީނާ
18 January 2024
ތަޭންކް ޔޫ ލޭޑީސް އެންޑް ޑެންޓަލް މޭން. ގިނަ އަންހެނުން ދާއިރާއިން ފެންނާނެ ކަމަށް އުއްމީދު ކުރަން.
ބުރުގާ
18 January 2024
މިހާތަނައް ދިވެހި ރާއްޖޭގަ ހުރި އެންމެ ކަނޑުކޮސް ޓޫރިޒަމް މިނިސްޓަރު. ޝުކުރިއްޔާ މުއިއްޒު. މިހާރު އިނގިއްޖެ ތިވިދާޅުވި ތައުލީމީ ފަންނީ ގާބިލު މީހުން. ޝުކުރިއްޔާ! ހުވަފެނުން ހޭލެވިއްޖެ! ވައްސަލާން!
އަޅިއަލީ
18 January 2024
އޭނަ ކަނޑުކޮށްކަމުން ކުރި ކަމެއް ބުނެބަލަ! ނުއަގޔގައި ރަށްތަކެއް އަދި ނުވިއްކާ! މިނިސްޓްރީ ކެ ކުދިންނަށް ގޯނާއެއް އަދި ނުކުރޭ! އަންހެން ވަޒީރުނަށް ގުޅައިގެން ފުރައްސާރައެއް ނުކުރޭ! މުހިއްމީ ބަސްމަދުވެ އަމަލު ގިނަވުން!
އަބުދުގެ އައްލޫ
18 January 2024
ރާއްޖޭގައި އެއްވެސް ކަމެއް ކުރެވޭނެތަ. ވަރިގިނަކަމުން ހައްދުންނައްޓާފައި އޮތްތަނެއް. ވަޒީފާގައިހުއްޓާ ކަޑުވާލައިގެން އިނދެ ކުދިންވީމަ ވަރިކޮށްފަ ކޮންމެވެސް އެހެން އަންހެނަކާ އިންނީ، ދެން އެކަނިވެރި މަޔަކަށްވެ ކުދިިންނުބެލި ބައްފަ ދަރިންގެ ހައްގުއަދާނުކޮށް އެކުދިން ބޮޑުވާއިރު މަންމަ ހުންނަނީ އެހުރިހާކަމަކާ ފިކުރުކޮށްކޮށް މެންޓަލްވެފަ. ދެންކިހިނެތްވާނީ. ފުރަތަމަ ރަގަޅު އާއިލީ ބިންގަލެއް ދޯ އެޅެންޖެހެނީ. އެކަމަށް އެހީތެރިކަން ފޯރުކޮށްދީބަލަ.
ސަމަދު.
18 January 2024
ރައްޔިތުންނަށް ތިހުރިހާ މުސީބާތެއްވެސް ޖެހެނީ މާލޭ ސަރުކާރުން ގެންގުޅޭ އެއްރަށް ދައުލަތް ސިޔާސަތުގެ ސަބަބުން.
ރަނގަޅު
19 January 2024
ދަރިން ތަރުބިއްޔަތު ކުރުމުގެ މަތިވެރި ޒިންމާ މައިގަނޑުކޮށް އަދާ ކުރަނީ އަންހެން ކަނބަލުން ކަމުގައި ވާއިރު ތިބުނި ކަހަލަ ކަންކަމަށް ރަނގަޅު ސެކިއުރިޓީއެއް އެމީހުންނަށް އޮތުން މުހިންމު. އަހަރެން ގަމާރީ ކަމަށް ވެދާނެ، އަކަމަކު އަބަދުވެސް ފެންނަނީ އަންހެނުން ބާރުވެރި ކުރުވުމަކީ އެމީހުން ވަޒީފާތަކަށް ނެރި ފިރިހެނުން ފަދައިން އަޅުމަސައްކަތް ކުރުވުން ކަމަށް ބުނާތަން. ދެން ދަރިން ބަލާ ތަރުބިއްޔަތު ކުރަނީ ކާކު؟
ސެކުސްތާން
18 January 2024
ފިރިހެނުންނާ އެއްހަމައަކަށް ގެންނަން ތިކަހަލަކަންކަން ރަގަޅު. މައްސަލައަކީ ކުރީސަރުކާރުގެ އިސްބޭފުޅަކު އެމީނިސްޓްރީގައި މަސައްކަތްކުރާ އަންހެނުންތަކަކަށް ގޯނާކޮށްގެން އެކަނބަލުން މައްސަލަޖެއްސުމުންވެސް ވީކަމެއްނެތް. އެކަނަބަލުންނަކަށް ޖަސްޓިސްއެއްނުލިބުނު. މައްސަލަ ރައްދުވާ ފަރާތް ޔޫކޭގަ އުޅެލާފަ މީހުން ހަނދާނޭތޭ ދުވަސްކޮށްލާފަ އިއިމާ އެކަން ނުވާކަމަކަށްވެ ނިމިއްޖެ. މިގޮތައް ކަންހިގާ ގައުމެއްގައި ކަނބަލުން ހަމަޖެހިގެން މަސައްކަތްކުރާނީ ކިހިނެތް
އުމަރުބެ
18 January 2024
ބަލަ ޕޯޑިޔަމް އަށް އަރާ ހަމަޔައް ވާހަކަ ދައްކަން ނޭގުނަސް މިނިސްޓަރުކަން ސަހާދެ ބޯހަލާކު އެތައް ގާބިލް ދަރިންތިއްބާ ސާބަހޭ މުއިޒޫ
ދިމިޝްގު
18 January 2024
ނުޖެހޭ އޭނާ ކޮންމެހެން މޮޅު ވާހަކަ ދެއްކުން ތެރިއަކަށް ވާކަށް. ބަލްނަތިބޭ އޭނާ އަށް މިނިސްޓްރީ ނުހިންގޭތޯ ރިސޯޓްތަކާއި ސިޓީހޮޓަލާއި ގެސްޓުން ހައުސް އިތުރުކޮށް ގެސްޓުން ނުގެނެވޭތޯ. ...
ސަލީމު އިދުރީސް
18 January 2024
ތިއާކީ ބަލައި ގަނެވޭނެ ކަމެއްނޫން އޭނަ ދޫނުފަރިތަ ވުންއެއީ އޭނަޔައް ކަމެއް ނުކުރެވޭނެ ކަމުގެ ހެއްކެނޫން މީހުންގެ އެފަދަ ކަންތަކާ ނުބެހޭ
ކަރީނާ
18 January 2024
ކޮން ގޮތަކަށް ބޯހިމަނާފަ. 891 އަންހެނުންނޭ، ޓުއަރިޒަމް ދާއިރާއަށް ހެޑް އޮފީސް، ޓރެވަލް އޭޖެންސީ ތަށް ކައުންޓު ނުކުރަނީތަ.
ދުރުމ18
18 January 2024
ސައީދު އަނެއްކާ އަނެއް ފޮނިކެނޑީ..ރާއްޖޭގެ ޓުރިޒަމް ސިނާއަތުން ދިވެހިންނަށް އޮތް ފުރުސަތު ވަރަށް ކުޑަ.. އިކޮނޮމިކް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރު ފިރިހެން ކުދިންނަށް ކޮށްދޭންވިކަމަކީ ރިޒޯޓްތަކުގެ ހުރި ސަޕްލައި އަދި މަސައްކަތްތަކާއި އާއިބެހޭ މައުލޫމާތު ލިބޭނެ ޕޯރޓަލްއެއް ތައްޔާރުކޮށް ތިޔަ އިންޑަސްޓްރީގައި ވިޔަފާރި ކުރާފަރާތްތަކާއި މަޝްވަރާކޮށްގެން ގާއިމްކޮށްދޭންވީ.. އެއިރުން ފުރުސަތު ފަހި ކޮށްދެވުނީކަމަށް ބަލައިގަންނަން ފަސޭހަވާނެ..