ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް މި ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށައިފި ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ސިލްސިލާކޮށް ގެނެސްދޭ "އަހާ" ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައި ތޯރިގް ވިދާޅުވީ ކަޅު ބާޒާރުުގައި ޑޮލަރުގެ އަގު ދަށަށް ދާކަން މިހާރު ފާހަގަކުރެވެން ފަށައިފި ކަމަށެވެ.
އެ ބަދަލު ފެންނަން ފެށީ ޓޫރިޒަމްގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީން ބައެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ގާނޫނުން ލާޒިމްކުރުމުން ކަމަށާއި، އެހެންވެ ކުރިއަށް އޮތް ތަނުގައި މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ބްލެކްމާކެޓުގައި ވެސް ޑޮލަރު އަގުތަައް ދަށަށް ދާކަން، އެއީ މިހާރު ޝައްކެތް ވެސް ނެތް، އެންމެނަށް އެނގޭ ކަމެއް: ތޯރިގް، ޓޫރިޒަމް މިނިސްޓަރު
"މިހާރު ބްލެކްމާކެޓުގައި ވެސް ޑޮލަރު އަގުތަައް ދަށަށް ދާކަން، އެއީ މިހާރު ޝައްކެެއް ވެސް ނެތް އެންމެނަށް އެނގޭ ކަމެއް،" ތޯރިގް ވިދާޅުވި އެވެ.
މި މައްސަލައަށް ހައްލެއް ލިބޭކަން އެނގޭ އަނެއް ކަމަކީ އަންނަ ރޯދަމަހު ރާއްޖެއިން އުމްރާއަށް ދާ މީހުންގެ ޑެބިޓު ކާޑުގެ ޑޮލަރު ލިމިޓަށް 1،500 ޑޮލަރު އިތުރުކޮށްދޭން ނިންމައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި އެކަން އިއުލާން ކުރައްވާފައިވުން ކަމަށް ތޯރިގް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް، މިހާރު ރަސްމީ ރޭޓުގައި އެމްއެމްއޭ އިން ވިއްކާ 500 ޑޮލަރުގެ ބަދަލުގައި ޖުމްލަ 1،000 ޑޮލަރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ވިއްކަން ފަށާނެކަން ވެސް ރައީސް އިއުލާން ކުރެއްވީ އެ ޔަގީންކަން އޮތުމުން ކަމަށް ތޯރިގް ވިދާޅުވި އެވެ.
"އެހެންވީމަ މިއީ މި އަންނަ ބަދަލުތަކަކީ. ރާއްޖޭގައި ޑޮލަރު ސާކިއުލޭޓު ކުރަން ފެށުނީމަ ރައްޔިތުންނަށް ލިބޭ ފައިދާ،" ތޯރިގު ވިިދާޅުވި އެވެ.
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީ އަށް ބިނާކޮށް، މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން ވަނީ ހާމަކޮށްފަ އެވެ.
ޑޮލަރުގެ މައްސަލައާ ގުޅޭ ގޮތުން "އަހާ" ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވާހަކަ ދެއްކެވި އެވެ.
ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލާގައި ވަރަށް ގިނަ ދަތިތަކާ ރައީސް މުއިއްޒު ކުރިމަތިލެއްވި ކަމަށެވެ. ނަމަވެސް، ޓޫރިޒަމް ދާއިރާގެ ފުރިހަމަ އެއްބާރުލުމާ އެކު، މިހާރު އެ މައްސަލަ ހައްލުވާން ފަށައިފި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެ ދަނީ އެ މައްސަލަ ހައްލުވަމުން،" ސައީދު ވިދާޅުވި އެވެ.
"އިންޑަސްޓްރީން ވެސް، ވިޔަފާރިވެރިން ވެސް ސަރުކާރާ އެކު ދައްކަން ޖެހޭ ވާހަކަތައް ހުންނާނެ. އަޑުއަހަން ޖެހޭ ވާހަކަތައް ވެސް ހުންނާނެ. އެކަމަށް ސަރުކާރުން އެ ފުރުސަތު ދޭ."