(ކ-ވ) ބަންސާލީ، ވިކީ، އާލިއާ އަދި ރަންބީރް.
26 ޖެނުއަރީ 2024 - 06:02
ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ސީލާ ބަންސާލީގެ އާ ފިލްމު އިއްޔެ އިއުލާންކޮށްފި އެވެ.
ބަންސާލީ ޕްރޮޑަކްޝަނުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފިލްމުގެ ނަމާއި ކާސްޓު އިއުލާންކޮށްފަ އެވެ. އެ ފިލްމުގެ ނަމަކީ "ލަވް އެންޑް ވޯ" އެވެ. އަދި އެ ފިލްމުގެ ކާސްޓުގައި ހިމެނެނީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ކުޅަދާނަ އެކްޓަރު ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް އަދި ވިކީ ކައުޝަލް އެވެ.
އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރު ޑިސެމްބަރުގަ އެވެ.
މިއީ ބަންސާލީގެ ފިލްމަކުން އާލިއާ އަދި ރަންބީރް ވެސް ފެންނާނެ ދެވަނަ ފަހަރެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމު "ގަންގޫބާއީ ކަތިއަވާޑީ"ގައި ލީޑު ރޯލު ކުޅުނީ އާލިއާ އެވެ. އަދި އޭނާ 2007 ވަނަ އަހަރު ގެނެސްދިން "ސާވަރިޔާ" އަކީ ރަންބީރް ކަޕޫރް ފިލްމީ ދާއިރާއަށް ތައާރަފުވި ފިލްމެވެ.
"ގަންގޫބާއީ ކަތިއަވާޑީ" އަށް ފަހު ބަންސާލީ ވަނީ "ބައިޖޫ ބާވްރާ" ކިޔާ ފިލްމެއް ވެސް 2019 ވަނަ އަހަރު އިއުލާންކޮށްފަ އެވެ. ނަމަވެސް، ފަހުން އެ ފިލްމާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ބަންސާލީ އަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރެކެވެ. އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ދޭވްދާސް" އާއި "ރާމް ލީލާ" އާއި "ޕަދުމާވަތީ" ކަހަލަ ފިލްމުތައް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy