ރާއްޖެ އިން މިދިޔަ އަހަރު ހައްޖަށް ދިޔަ ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.---ފޮޓޯ: މިހާރު
26 ޖެނުއަރީ 2024 - 14:24
ރާއްޖެ އިން މީހުން ހައްޖަށް ގެންދަން އިތުރު 1،000 ކޯޓާ ލިބިއްޖެ ނަމަ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގައި މިހާރު އޮތް ދިގު ކިއޫ ކުޑަކުރަން އަމިއްލަ ޖަމާއަތްތަކަށް އެ ކޯޓާ ދޫކުރާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިން ހައްޖަށް ގެންދަން ސައޫދީ ސަރުކާރުން މިހާރު އަހަރަކު ދޫކުރަނީ 1،000 ކޯޓާ އެވެ. އެކަމަކު، އިތުރު 1،000 ކޯޓާ ހަމަޖައްސައިދިނުމަށް މި ސަރުކާރުން ވަނީ ސައޫދީ ސަރުކާރުގައި އެދިފަ އެވެ.
ވަޒީރުންނާ ކޮންމެ ސުވާލެއް ކުރެވޭ ގޮތަށް ރޭ ބޭއްވި ޕަބްލިކް ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ހައްޖު ކޯޓާއާ ގުޅޭ ހުރިހާ ކަމެއް ނުވަތަ ދިވެހިން ހައްޖަށް ގެންދިއުމުގެ ކަންކަން ރަސްމީކޮށް ކުރާނީ ހައްޖު ކޯޕަރޭޝަނުން ކަމަށެވެ.
އިތުރަށް ހައްޖު ކޯޓާ ލިބިއްޖެ ނަމަ ހައްޖު ކޯޕަރޭޝަންގެ ދިގު ލިސްޓުގައި ތިބި މީހުން ހައްޖަށް ގެންދިއުމަށްޓަކައި އަމިިއްލަ ގުރޫޕުތަކާ ހަވާލު ކޮށްގެން އެ ވެސް މެނޭޖުކުރާނީ ހައްޖު ކޯޕަރޭޝަނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާނައަކީ އެ ތަނުގައި [ހައްޖު ކޯޕަރޭޝަންގެ] އޮތް ކިއު ނިމުމަކަށް އަންނާނީ އޭރުން. އެ ތަނުގެ ލިސްޓުގައި ތިބި މީހުން ހައްޖަށް ގެންދަން އެހެން ގުރޫޕުތަކަށް ވެސް ފުރުސަތު ދޭނީ އެ މީހުން [ހައްޖު ކޯޕަރޭޝަނުން] ކަނޑައަޅާ އަގެއްގައޭ،" ޑރ. ޝަހީމް ވިދާޅުވި އެވެ.
"ގުރޫޕުތަކުން ބޭނުންހާ އަގެއް ނަގައިގެން ކޯޓާ ވިއްކުމުގެ ސިޔާސަތެއް ދެން ނުދާނެއޭ. މާނައަކީ ހައްޖު ކޯޕަރޭޝަންގެ ކިއޫގައި ތިބި މީހުންނަށޭ އެ ފުރުސަތު ވެސް ލިބޭނީ ގުރޫޕުތައް މެދުވެރިކޮށް، ކޯޕަރޭޝަނުން އެ ކަނޑައަޅާ އަގެއްގައި."
ރޭ ބޭއްވި ޕަބްލިކް ފޯރަމްގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. ޝަހީމް ސުވާލަކަށް ޖަވާބު ދެއްވާއިރު، ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަޑުއައްސަވަނީ. ---ފޮޓޯ: ނިޝާން އަލީ| މިހާރު
މިނިސްޓަރު ދެއްވި ޔަގީން ކަމަކީ އިތުރު ކޯޓާ ލިބިއްޖެ ނަމަ އެ ނޫން ގޮތަކަށް ކަންކަން ކުރިއަށް ނުގެންދާނެ ކަމެވެ.
މި މަހުގެ ކުރީކޮޅު ޑރ. ޝަހީމް ސައޫދީ އަށް ކުރެއްވި ރަސްމީ ދަތުރުގައި ވަނީ އިތުރު 1،000 ކޯޓާ ހޯދުމަށް އެ ގައުމުގެ ހައްޖާއި އުމްރާއާ ގުޅޭ މިނިސްޓަރާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ.
"ދެން އެ މަނިކުފާނު ދެއްވި ޖަވާބާއި މި ކަންކަމުގެ ވާހަކައަކީ މި ފަދަ ފޯރަމެއްގައި ދެއްކުން އެންމެ ޕްރޮފެޝަނަލް ވާހަކައަކަށް ނުވާނެ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މި ކަމަށް ހައްލެއް ހޯދުމަށްޓަކައި މި ވަނީ ހުރިހާ މަސައްކަތެއް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހިންނަށް އިތުރު ކޯޓާ ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވަ އެވެ. އަދި ރައީސްގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ވެސް ވަރަށް ގިނަ މަސައްކަތްތައް އެ ކަމަށްޓަކައި ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުންމީދަކީ، ދުއާއަކީ އެ ކަމަށް އުފާވެރި ހައްލެއް ލިބިގެން ދިއުން އިންޝާﷲ،" ޑރ. ޝަހީމް ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައިސް ވަނީ ހައްޖު ކޯޓާ އެއްކޮށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ބަދަލުކޮށްފަ އެވެ. އެއީ އަމިއްލަ ޖަމާއަތްތަކުގެ ހަރަދުގައި މީހުން ހައްޖަށް ގެންދިއުމަށްޓަކައި ބޮޑު އަގު ނަގާތީ އެކަން ހުއްޓުވުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓ ޓޕ
27 January 2024
ދިވެހި ޅެމުން ފަރުވާ ހޯދަން ޖެހިފާވާ ކަމަށް ފެންނަނީ
ލެބޯޓަރީ ސިމާދު
27 January 2024
ބަލަ ޝަހީމްއަށް އިތުރު އެއްހާސް ކޯޓާ ސަޢުދީ ސަރުކާރުން ހޯދާ ނުލެވުނެވެ. އެކަމަކު ވެރިކަމަށް އަންނަން ކެމްޕޭން ކުރިއިރު ޝަހީމް ދެއްކި ވާހަކައިން ހީވަނީ ތިމަންނާ މެންގެ ސަރުކާރެއްގައި ސަޢުދީގެ ބައިތުލްމާލުގެ ތަޅުދަނޑިވެސް އޮންނާނީ އިސްލާމިކު މިނިސްޓްރީގައި ހެންނެވެ. މިކަހަލަ ކިތަށް މަކަރުތޯ ހެެއްދެވީ؟ އީއްޔެއަކީ މިއަދަކީ ވިސާލިބުމުގެ ތަފާތެއް ނެތެވެ.
ޑރ.ސަދޫމު
27 January 2024
ރާގާއި ޅެންވެސް ބަދަލުވެ ފަރިއްސަކަށްވެ ނިމުނީ. އެހެންނުންވާނީ މިނިސްޓަރު ޝަހީމުގެ ޤިބުލަ ގްރޫޕެއްވެސް އޮވޭ ވިއްޔާ! ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ކިއުގަ 5 އަހަރު. އަމިއްލަ ގްރޫޕްތަކަށް ފައިސާ ދައްކާފަ ހަމަ އެއަހަރު ދާންވީ. މީ ކޮންކަހަލަ އިންސާފެއް
ށަވިޔަނި
27 January 2024
ޢަހަރެންގެ މަންމައާއި ބައްޕަ ފައިސާ ދައްކައިގެން އުޅޭތާ މިވީ 6 އަހަރެވެ. ގެއާއި ގެހިގެން ހުންނަ އައިސާ ދައްތަފެ ދެމަފިރިން ފައިސާ ދެއްކި އަހަރު ފުރުސަތު ހޯދިއެވެ. ޢަނެއްކާ ދެވަނަ ފަހަރަށް ދާން ތައްޔާރުވަނީއެވެ. މަގޭ މަންމައާއި ބައްޕަ ފުރަތަމަ ހައްޖެވެ. ޢައިސާ ދައްތައަށްވުރެން އުމުރުވެސް ދޮއްޓެވެ. ތަފާތަކީ އައިސާ ދައްތަ އަކީ ސިޔާސީ ހަރަކާތްތެރިއަކަށް ވުމުބް މެންބަރާ ގާތްގުޅުމެއް އޮތުމެވެ.
އެޗް އެމް
26 January 2024
ބަސްމަގު ބަދަލުވީ. ރަގަޅު. ކޮންމެ ކަމެއްގަވެސް ވިޔަފާރީގެ އުސޫލު ތަކަން ބަރޯސާން ވުން ނޫންގޮތެއް ނޯވޭ. ގަވާއިދު ތަންފީޒު ނުކުރެވޭ މާހައުލެއްގަ ގަވާއިދުހަދާފަ ނެރުމަކުން ބޭނުންވާ ނަތީޖާ ނުނެރެވޭނެ.
ދުނި
26 January 2024
ރަގަޅުނިންމުމެއް
އަލީ
26 January 2024
ގުރޫޕްތަކަށް ފުރުސަތު ނުދީ އެދިފައިވާމީހުންގެ އުމުރުގެ ތަރުތީބުން މަތިން ތިރިއަށް ފަރުޟު ހައްޖު އަދާކުރުމުގެ ފުރުސަތުދީ ސީދާ ހައްޖު ކޯޕަރޭޝަނުން ތިކަންކޮށް ނިންމާލަން ފެންނީ, މިދިޔަ އަހަރުވެސް ތިޔަ ގުރޫޕްތަކުން ކޮންމެ މީހެއްގެ އަތުން އިތުރު އެއް ލައްކައާއި ގާތައް ފައިސާ ނެގިކަމަށްވަނީ. ރަނގަޅީ ހައްޖު ކޯޕަރޭޝަނުން ދެފުއް ފެންނަގޮތަށް ތިކަންކޮށް ނިންމާލުން
ޙައްޖުވާޖިބުވާމީހާ
26 January 2024
ޙައްޖަށް ދިއުމަށް ފުރުސަތު ދިނުމުގައި ހައްޖުވާޖިބުވެފައިވާ ދިރިތިބީންނަށް އިސްކަންދިނުން މުހިންމީ
ޢަދުލު
26 January 2024
މީގެ ކުރިންވެސް ތިޔަ ގޮތައް އަގުކަނޑައެޅި. އެކަމު ގްރޫޕުތަކުން ނެގީ އެމީހުން ބޭނުންއަގެއް. އަދިވެސް އެކަންހިނގާނީ އެގޮތަށް ގްރޫޕްތަކަށް ފައިސާ ދައްކާ ގޮތަށް އޮތިއްޔާ. ތިޔަމަގުން ތިކަން ހިނގާނީ ހައްޖުކޯޕަރޭޝަނަށް ފައިސާދައްކާގޮތަށް ބޭއްވިއްޔާ
އޭނގެ
26 January 2024
ލާރި ދައްކަން ވީ ކޯޕަރޭޝަނަށް. އެެހެރުން އޯކޭ