ދުންޔާ އާއި އަނާރާ: ދެ ބޭފުޅުންނަށް ވެސް ޕްރައިމަރީ ކާމިޔާބެއް ނުކުރެވުނު
27 ޖެނުއަރީ 2024 - 23:29
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި މިއަދު ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފި އެވެ.
އަންނަ މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ދުންޔާ ވާދަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ދަރިކަނބަލުން ދުންޔާއާ ވާދަކުރައްވައި، ހުޅުމާލެ ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރު ކުރެއްވީ ޝަނީޒް ހާޝިމް (ޝާންކޮ) އެވެ. އޭނާ އަށް 240 ވޯޓު ލިބިވަޑައިގެންނެވިއިރު، ދުންޔާ އަށް ހޯއްދެވުނީ އެންމެ 70 ވޯޓެވެ.
އެ ދާއިރާ އިން ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ ރަހުމަތުﷲ އަޝްރަފަށެވެ. އޭނާ އަށް 102 ވޯޓު ލިބުނެވެ.
މި ސަރުކާރުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންގެ ވެސް ދައްތަ ދުންޔާގެ ކެމްޕެއިނަށް ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް ބޭފުޅުން ވަޑައިގަތެވެ. މިއީ ދުންޔާ އިންތިހާބެއްގައި ވާދަކުރެއްވި ފުރަތަމަ ފަހަރެވެ.
ދުންޔާ މައުމޫން، ފިރިކަލުންނާ އެކު: ޕްރައިމަރީ ކާމިޔާބެއް ނުކުރެވުނު - ފޮޓޯ: ނިޝާން އަލީ / މިހާރު
ޕްރައިމަރީގައި ހުރާ ދާއިރާ އަށް ވާދަކުރެެއްވި ކުރީގެ މެންބަރު އަނާރާ ނައީމަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، އޭނާއާ ވާދަކުރައްވައި އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އަބްދުުﷲ ވާރިޝް އެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މަކުނުދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އަނާރާ މިހާރު ހިނގަމުންދާ މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރެއްވި އެވެ. އެ ކަމަކު އެ އިންތިހާބުގައި ވެސް ވީ ބައްޔެވެ.
މިއަދުގެ ޕްރައިމަރީން އަނާރާ ބަލިވި ނަމަވެސް އޭނާގެ ފިރިކަލުން އާދަމް ޝަފީގު ވަނީ މަކުނުދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފަ އެވެ.
މިއަދު އޮތް ޕްރައިމަރީގައި ކުރީގެ ގިނަ މެންބަރުންތަކެއް ޓިކެޓް ކާމިޔާބު ކުރެއްވިއިރު، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދަށް (ލޯޔަރު ވައްޑެ) ވެސް ފެއިލް ވީ އެވެ. އެ ޓިކެޓް ކަށަވަރު ކުރެއްވީ ވަރަށް ފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އިބްރާހިމް ނަސީމެވެ.
ނާކާމިޔާބުވި އެހެން ބޭފުޅުންނަށް ބަލާއިރު އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އަށް ވެސް ޓިކެޓް ކާމިޔާބެއް ނުވި އެވެ. އެ ދާއިރާގެ ޓިކެޓް ހާސިލްކުރީ އަހުމަދު ނަސީރެވެ.
އަށާރަ ވަނަ މަޖިލީހުގައި ދާންދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އައްސަދު ޝަރީފަށް ވެސް ޓިކެޓް ނުލިބުނުއިރު އެ ދާއިރާ ކާމިޔާބު ކުރެއްވީ މުހައްމަދު ފަޒީލެވެ.
މުހަންމާ: އޭނާ އަށް ޕްރައިމަރީ ކާމިޔާބެއް ނުކުރެވުނު
މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ދިއްގަރު ދާއިރާގެ ގޮނޑި އެ ދާއިރާގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ކަށަވަރު ކުރައްވައިފަ އެވެ.
ވިލިމާލެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލެވެ. އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ 18 ވަނަ މަޖިލީހުގައި އެ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާޙިމް ފަލާހެވެ. ދިއްދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހޯއްދެވި އެވެ.
މާފަންނު ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހޯއްދެވިއިރު މާފަންނު މެދު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދެވެ. ތިނަދޫ އުތުރު ދާއިރާގެ ޓިކެޓް ހޯއްދެވީ އެ ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. މިލަންދޫ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ.
މި އިންތިހާބުގައި ޒުވާނުން ގިނަ ކެންޑިޑޭޓުންތަކެއް ވެސް ޓިކެޓް ކަށަވަރުކޮށްފައިވެ އެވެ. ހެންވޭރު އުތުރު ދާއިރާގެ ޓިކެޓް ކާމިޔާބު ހޯއްދެވީ މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އައިފަން އެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެ ސިޓީގެ ކައުންސިލްގެ މެންބަރު މުހައްމަދު ދާއޫދެވެ.
ޕީޕީއެމުން ބުނީ، 73 ދާއިރާއެއްގެ ވޯޓުލުން މިއަދު ކުރިއަށް ގެންދިޔަ ކަމަށާއި އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރި ކަމަށެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ. މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަާަަަެާާާިަައާންޓީ
30 January 2024
ވަރަށްވެސް ތެދު ބަސްކޮޅެއް
ކަޑަބޮއް ސައީދު
28 January 2024
މައުމޫނިޒަމް އަކީ މިގައުމުން ނައްތާލެވިފައިވާ އެއްޗެއް. އަނެއްކާ އަނބުރާ ގެއްނަން މަސައްކަތް ނުކުރޭ.
ގޯނި
28 January 2024
އަހަރެން ބަލަން ބޭނުމީ ޔާމީނުގެ ތާއީދުއޮތް ކިތައް ބޭފުޅުންނަށް ޓިކެޓް ލިބުނުތޯ ބަލާށެވެ. އަދި އަދުރޭގެ ކިތައް ބޭފުޅުންނަށްތޯއާއި މުއިއްޒުގެ ކިތައް ބޭފުޅުންތޯ. ތީގެ ތެރެއިން އެގަހުކޭލެއް މިގަހުކޭލެއް އަދި ވައްކެއް ނުވެޔެވެ.
ޖާބެ.
28 January 2024
ކުނި ސާފުވެއްޖެއް ދޯ
އަލް އުސްތާޒު
28 January 2024
ގަބޫލުކުރިއަސް ނުކުރިއަސް ޕޕމ އަކީ ޑިމޮކްރަސީއަށް ނަމޫނާ ޕާޓީއެއް. ޔާމިން 2018 ގެ އިންތިޚާބުގަ ޕޕމ ހަލާކު ކޮއްލީ. ދަސްކުރަންވީ ޕުރައިމަރީން ބަލިވިޔަސް ދެކޮޅުވެރި ނުވެ ޕާޓީގައި ދެމި ތިބެން
ދދގގގގ
28 January 2024
ޤާސިމްގެ އަންހެނުން ނަހުލާއަށް ވީ ކިހިނެއް؟
ސައިޚް
28 January 2024
ކޮންމެ ކަމެއްގަ ދޮގާ، މަކަރު، މީހުން ހޯދައިގެން ގެންގޮސްވޯޓުލެއްވީބާ.؟ ހަތްދިހަ ހާސް މީހުން.؟ ތަންކޮޅެއް ބޮޑުވަރުމީ. އެއްވެސް ކަމެއްގަ ތެދުވެރިވާން ނޭންގޭ، މަކަރާ ހީލަތް ކޮންމެ ކަމެއްގަ. މިވަރުބައަކު ވެރިކަމުގަ ބައިތިއްބަން ހެޔޮވާނެތަ.؟
ރަށު މުދިމު
28 January 2024
ކިހިނެއްބާ މިވަނީ ގައުމުގެ އެންމެ ގަދަރު އުފުލިގެން ވާ އާއިލާ ޔައް މިވަނީ ކިހިނެއް ތޯ. ދިވެހިން ގެ ލޯބި ހޯދަންވެސް ނޭނގުނީ ތޯ: މިކަމާ އެބަޖެހޭ ފުންކޮއް ވިސްނާލަން. އަޅުގަނޑައް މިކަން ވިސްނޭ ގޮތަކީ އިހުލާސްތެރިކަން ނެތީމަ ވާގޮތް ކަން ނޭގޭ. ޕާޓީ ބަދަލު ކުރާލެއް އަވަސް ވުމާ ތިބޭ އެއް ފިކުރެއް ގަ ތިބެން ނޭގުން ކަމައް ބޮޑައް ވިސްނެނީ. ވައި ކުޑައިގަ ފުންމާލިޔަސް ދިވެހިން އެކަން ބަލައި ނުގަންނަ ކަން މި ފެންނަނީ.
ޕްރައިމަރީ
28 January 2024
އެ ގައުމެއްގެ ރައްޔިތުން ތިބި ގޮތަކަށް އެ ގައުމެއްގެ ކަންކަން އޮންނާނީ. އިލްމާއި ހިލްމު ހުރި ގާބިލު މީހުންނަށް ނާކާމިޔާބުވުމާއި، ނާގާބިލު މީހުންނަށް ކާމިޔާބު ވުމަކީ ގައުމެއް ހަލާކުވުމާ ދިމާއަށް ދިއުުމުގެ އަލާމާތެއް. އިލްމާއި ހިލްމާއި އަޚުލާގާއި ސުލޫކު ހުރި މީހުން މިއަދު ރައްޔިތުން ބޭނުމެއް ނުވޭ. މިއަދު ރައްޔިތުން ބޭނުންވަނީ މަރުމޯލަކަށް ވިޔަސް އެމީހުން ބުނާހައިގޮތަކަށް ބުނާހައި ކަމެއް ހަރާމެއް ހަލާލެއް ބޭލުމެއް ނެތި ކޮށްދޭން ވައުދުވާ މީހާ.
ދެެރަ
28 January 2024
މަޖިލިސް 1 ދައުރު ފުރިހަމަ ކުރިއަސް މުޅިޢުމުރަށް، ކޮންމެ މަހަކު 25000 ރުފިޔާ ލިބެމުން ދޭ. ދެން ކޮން 2 ވަނަ ދައުރެއް ހޯދަން އުޅެނީ، ދެމަފިރިން ވިއްޔާ ކަމަކާ ނުލާ މަހަކު 50000 ލިބޭނެކޮންމެ މަހަކު، އެހެން ދާއިރާއެއްގަ މުޅިޢުމުރު ހުސްކުރިއަސް ގެއަށް އަންނަން މި ޖެހެނީ ހުސްއަތާ.
މުޅިން ގޯސް
28 January 2024
1 ދައުރު ފުރިހަމަ ކުރުމުން މެމްބަރެއްގެ ދައުރުގައި ލިބޭ މުސާރައިގެ %30 އަދި 2 ދައުރު ނަމަ %45، މި ލިބެނީ މެމްބަރު ކަމުން ވަކިވެ، އުމުރުން 55 އަހަރުވުމުން
އަސްލުވެސް.
28 January 2024
މިއީ ޤައުމީ ބޮޑު މައްސަލައެއް. އެކަމަކު މިވާހަކަ ދައްކާނެބަޔަކު ނެތް. ދައުލަތުގެ ބަޖެޓް އިނދަޖެހިފައި އޮތަސް ،މިމީހުންގެ ވާރުތަ މިވަނީ ސަރުކާރުގެ ބޮލުގައި އެޅިފައި. ރައްޔިތުން މިޖެހެނީ ތާއަބަދަށް މިމީހުންނަށް ޚަރަދުކުރަން އަމިއްލައަށް ނުކައި ނުބޮއިތިބެނަމަވެސް