29 ޖެނުއަރީ 2024 - 07:39
ވެސްޓް ބްރޮމްވިޗް (ޖެނުއަރީ 29) - ބްލެކް ކަންޓްރީ ޑާބީގެ ނަމުން އިންގްލެންޑްގައި މަޝްހޫރު ވެފައިވާ، ވެސްޓް ބްރޮމާއި ވުލްވުސް، އިނގިރޭސި އެފްއޭ ކަޕް މެޗުގައި ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހައިޖާނެއް ހިންގައިފި އެވެ.
އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ސަޕޯޓަރުން ހިންގި ބޮޑު ހަމަނުޖެހުމާ ގުޅިގެން މެޗު މެދުކަނޑާލަން ޖެހުނެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރެވުނީ ފަސް މީހުން ހައްޔަރު ކުރުމަށް ފަހު އެވެ.
ބްރޮމްވިޗްގެ ހޯތޯންޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވެސްޓް ބްރޮމްގެ ކުޅުންތެރިންގެ އާއިލާތަކުގެ ބައެއް މެންބަރުން ތިބި ހަލްފޯޑްސް ލޭން ސްޓޭންޑްގެ ކަނެއްގައި ކުރިމަތިލުންތައް ފެށުނެވެ. އެ ސަރަހައްދުގައި ވުލްވްސްގެ ބައެއް ސަޕޯޓަރުން ވެސް ބްރޮމްގެ ސަޕޯޓަރުން ކަމަށް ހެދިގެން ތިއްބެވެ. އެއީ ވުލްވްސްގެ ސަޕޯޓަރުންކަން އެނގުނީ މެޗުގެ 78 ވަނަ މިނެޓުގައި މެތިއުސް ކުނާ ވުލްވްސްގެ ދެވަނަ ލަނޑު ޖެހުމުން، އެ ސަޕޯޓަރުން އުފާފާޅު ކުރުމުންނެވެ.
މައްސަލަ ފެންމަތިވީ އެހާ ހިސާބުންނެވެ. އަލިފާން ބޯޅަ އުކަން ފެށުމުން ވެސްޓް ބްރޮމްގެ ޑިފެންޑަރު ކައިލް ބާޓްލީ މެޗު ބަލަން ތިބި އޭނާގެ އާއިލާގެ ހިމާޔަތުގައި ދުއްވައިގަތެވެ. އޭނާގެ ދަރިފުޅު އަތަށް ނަގައިގެން ދަނޑުގެ އެތެރެއަށް ދެމިގަނެވުނު ކަމުން ހާނިކައެއް ނުލިބި ސަލާމަތް ކުރެވުނެވެ.
ދަނޑުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި އެހެން ފުލުހުންނަށް އެހީތެރިވާން ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ދަނޑަށް ގެނެސް ހަމަނުޖެހުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރި އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް 400 ވަރަކަށް ފުލުހުން ހަރަކާތްތެރިވި އެވެ.
ހަމަނުޖެހުމުގައި ސަޕޯޓަރެއްގެ ގައިން ލޭ އޮހޮރުނެވެ. ޒަހަމްވި އެހެން ސަޕޯޓަރަކު ނެރެން ޖެހުނީ އަށިގަނޑަށް ލައިގެންނެވެ.
ގާތްގަނޑަކަށް 39 މިނެޓަށް މެޗު މެދުކަނޑަލަން ޖެހުނެވެ. ފުލުހުން ވަނީ މެޗު ފެށުމުގެ ކުރިން ވެސް އެކަކު ހައްޔަރުކޮށްފަ އެވެ. އަލުން މެޗު ފެށީ 78 ވަނަ މިނެޓުންނެވެ. ފުރަތަމަ ހާފުގައި ޕެޑްރޯ ނެޓޯ ޖެހި ލަނޑުން ވުލްވްސްއިން ލީޑް ނެގި އެވެ. އެ ޓީމުން 2-0 ން މޮޅުވި އެ މެޗަކީ 28 އަހަރަށް ފަހު ހޯތޯންޒްގައި ވުލްވްސް އަށް ވެސްޓް ބްރޮމްގެ މައްޗަށް ހޯދުނު ފުރަތަމަ މޮޅެވެ. އެ މޮޅާ އެކު އެ ޓީމު ވަނީ އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް ދަތުރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy