އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ: ވަޒީރުންނަށް ރުހުން ނުދިނީ ވަކި ބަޔަކު ރުއްސަން ކަމަށް އޭނާ ވިދާޅުވި.
29 ޖެނުއަރީ 2024 - 18:07
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ތިން ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދޭން ނިންމީ އެ ބޭފުޅުން ނާގާބިލްވެގެން ނޫން ކަމަށާއި ވަކި ބަޔަކު ރުއްސަން ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ވިދާޅުވެއްޖެ އެވެ.
ކެބިނެޓަށް ރުހުން ހޯދަން ފޮނުވިތާ ތިން މަސްވެފައި ވަނިކޮށް، މަޖިލީހުން މިއަދު ރުހުން ނުދޭން ނިންމީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ. އިކޮނޮމިކް މިނިސްޓަރު މުުހައްމަދު ސައީދަށް ވެސް ރުހުން ނުދޭން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފައި ވިޔަސް ދެ ވޯޓު އިތުރަށް ލިބިވަޑައިގެން ހަނި ގޮތަކަށް އޭނާއަށް ވެސް ރުހުން ލިބުނެވެ.
ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމި ނަމަވެސް ސަބަބެއް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ކެބިނެޓުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރެއްވޭނެ ކަމުގެ އިތުބާރު އޮތް ވަޒީރުންތަކަކަށް ރުހުން ނުދިން މައްސަލާގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް އަށް ޕީޕީއެމް/ޕީއެންސީން ވަނީ ތުހުމަތުތަކެއްކޮށްފަ އެވެ.
ވޯޓަށް ފަހު ޕީޕީއެމް/ ޕީއެންސީ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ މަޖިލީހުން ރުހުން ނުދިން ބޭފުޅުންނަކީ ވެސް އެ ދާއިރާތަކުން އެކަމަށް އެންމެ ގާބިލު ބޭފުޅުން ކަމަށެވެ. އެކަމަކު ރުހުން ނުދޭން ނިންމި ސަބަބު ވެސް ދެއްކިފައި ނުވާ ކަމަށް ވިދާޅުވެ ސަލީމް ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ތަކުރާރުކޮށް އެ ބޭފުޅުންނާ ވާހަކަ ދެއްކިން. މަޝްވަރާ ވެސް ކުރިން މަޖިލިސް މެމްބަރުންނާ. އެ ބޭފުޅުން ވިދާޅުވީ ވަކި ސަބަބެއް ނެތޭ. ހަމަ ވަކި ފަރާތަކުން އެންގީތީ ތިމަންނަމެން އެގޮތަށް މި ވޯޓު ދެނީއޭ،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ވަކި ބަޔަކު" އަންގައިގެން ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރަން ޖެހޭ އުސޫލެއް ނޫން ކަމަށެވެ. މެމްބަރުންނަކީ ވަކި ބައެއްގެ އެންގުމަށް އަމަލުކުރަން ޖެހޭ ބައެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެ މީހުންނަކީ ގައުމާއި ގައުމުގެ މަސްލަހަތަށްޓަކައި، މުޅި ގައުމުގެ މަސްލަހަތަށްޓަކައި މަސައްކަތްކުރަން ޖެހޭ ބައެެއް. އެހެންވީމަ ވަކި މީހަކު ފޯނު ކޯލަކުން އަންގާ ގޮތަކަށް ވަކި ބޭފުޅަކަށް ރުހުން ނުދިނުމަކީ މެމްބަރުން ކަންކުރަންވާނެ ގޮތެއް ނޫން،" ސަލީމް ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް ފޯނު ކުރައްވައި އަމަލުކުރަންވާ ގޮތް އަންގަވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވަޒީރުންނަށް ރުހުން ދޭން އެމްޑީޕީގެ ހުރިހާ މެމްބަރުން ބޭނުން ވިޔަސް އެކަން އެގޮތަށް ނުކުރެއްވުނީ ރުހުން ނުދޭން އެމަނިކުފާނު އެންގެވުމުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
ވަކި ބަޔަކު އަންގާ ގޮތަކަށް މަސައްކަތްކުރާ ނަމަ، މަޖިލީހަކީ ވަކި ބާރެއްގެ ގޮތުގައި އޮންނަ ތަނެއްގެ ގޮތުގައި ދެމެހެއްޓޭނީ ކިހިނެއްތޯ ސުވާލު އުފައްދަވައި، ސަލީމް ވިދާޅުވީ ޑރ. ޝަހީމަކީ ރާއްޖޭގައި އިސްލާމީ ތައުލީމު އުނގެނިވަޑައިގެން އެ ދާއިރާގައި އެންމެ މަޝްހޫރު އެއް ބޭފުޅާ ކަމަށެވެ. އަދި އުޝާމަކީ ވެސް ބަންޑާރަ ނައިބުގެ އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން ކުރިން މަސައްކަތްކުރެއްވި ތަޖުރިބާކާރު ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.
"ހައިދަރަށް އިންޓަވިއުއެއްގައި ގޯތިތަކާ ގުޅިގެން އެއް ދުވަހު ވިދާޅުވި އެއްޗަކާ ގުޅިގެން. އެކަމަކު ރަޖިސްޓްރީތައް ހަވާލުކޮށް އަދިވެސް ހަމަ އެ މަސައްކަތޭ އެ ބޭފުޅާ ވެސް އެ ކުރައްވަނީ. އަޅުގަނޑު ގަބޫލުކުރަނީ އެއީ އެއްވެސް ސަބަބެއް ނޫން ކަމަށް،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަޒީރުންނަށް ރުހުން ނުދޭނެ ކަަމަށް ލިސްޓެއް އާއްމުކޮށް ބޭއްވި މަޖިލީހުގެ ޖަލްސާއަށް އެ ބޭފުޅުން ހުރަސް އެޅީ އެމްޑީޕީން ގިނަ އަދަދެއްގެ މެމްބަރުން ޕީއެންސީއަށް ބަދަލުވުމުން ވެސް ކޮމިޓީތަކަށް އެ ބަދަލު ގެނެސްފައިނުވާތީ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން މިއައި ހުރިހާ އެންމެން ކޮމިޓީތަކުން ބޭރުކޮށްލި. ބޭރުކޮށްލާފައި މަޖިލިސްގެ ރައީސް ނިންމެވީ އެ ކޮމިޓީތައް ކުރިއަށް ގެންދަން. އަޅުގަނޑުމެން ދެންނެވިން އެގޮތަށް އެ ކޮމިޓީތައް ކުރިއަށް ނުގެންދެވޭނެއޭ،" އަލުން ކޮމިޓީތައް އެކުލަވާނުލައި ބައްދަލުވުންތައް ކުރިއަށްދާތީ އެކަމުގެ ނުރުހުން ފާޅުކުރައްވައި ރެޑްވޭވް ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ މެމްބަރުންތަކެއް ޑިމޮކްރެޓްސްއަށް ބަދަލުވުމާ އެކު ހުރިހާ ކޮމިޓީތަކެއް އަލުން އެކުލަވާލި ކަމަށެވެ. އެކަމަކު އެކަމުގެ މަޝްވަރާއަށް އެދުމުން ވެސް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ ފަރާތުން އެއްބާރުލުން ދެއްވާފައިނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
"މިދިޔަ ދެ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މިދިމާވި ކަންތައްތަކުގައި މަޖިލީހުގެ ރައީސަށް މަޝްވަރާކުރުމަށް ވާނީ ގިނަ މަސައްކަތްތަކެއް ކޮށްފައި. އެހެންވެ އަޅުގަނޑުމެންނަށް މަޖުބޫރުވީ މަޖިލިސް ހުއްޓުވަން،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރަށް ރިޔާސީ އިންތިހާބުގައި ރައްޔިތުން ނޫނެކޭ ބުނެ، އާ ސަރުކާރަކަށް ފުރުސަތު ދިނުމުން ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރަންޖެހެ އެވެ. ވެރިކަން ގެއްލުމުގެ ހިތްދަތިކަމުން މިހާރު އަރައިގަންނަން ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިދާޔާތު
30 January 2024
ދިވެހިން ހޮވި ސަރުކާރަށް ފުރުސަތު ދޭން ޖެހޭނެ. އަހަރެމެން އެމްޑީޕީ ސަރުކާރު ބޭރުކުރީ ތި މީޙުންނަށް ތާއިދު ނެތީމަ، އޭގެ މާނައަކީ މަޖިލީހުގަ ތިބި އެމްޑިޕީ މެންބަރުންނަށްވެސް ތާއިދެއް ނެތޭ
އަސްލު އަބިން
30 January 2024
ދެން މަޖިލީސްއަށް ހޮވާފައެތިބީ ލަންކާ ރައްޔަތުން ވޯޓްދީގެންތާ
ޅިޔަނި އަލީ
30 January 2024
އެމްޑިޕީ މެންބަރުންނަށް ފުއްޕާފަ އުޅެވޭނީ އަންނަ މަހާ ހަމައަށް. ހުރިހާ އެމްޑީޕީ މެންބަރުން ބޭރު ކޮށްލާނަން
އައްބާސް
30 January 2024
ރިޔާސީ އިންތިހާބުން ބަލިވުމުގެ ހިތިކަން އަދިވެސް ހަމަ ނުފިލަނީ
އައްލާމު
30 January 2024
ޝާހީމަށް ރުހުން ނުދިނީ އެމްޑީޕީ މީޙުން ބޭންވާ ދީނީ މިނިވަންކަން މި ރާއްޖޭގައި ނުދޭނެތީވެ
މަމްނޫން
30 January 2024
ހަމަ ރަނގަޅަށް ހިނގަ ހިނގާއޮތް ވެރިކަމެއް ބަލިކަށިކޮށްލަން ވެގެން ބަޔަކު އަޑީގަ ތިބެގެން ކުރާ ވަރަށް ފިޑި އަމަލެއް ތީ. އިރާދަކުރެއްވިއްޔާ މި ވެރިކަމަށް އެއްވެސް ލޮޅުމެއް ނޭރުވޭނެ، އެރުވިޔަކަ ނުވެސް ދޭނަން
އަނީސް
30 January 2024
އެމްޑީޕީ މެންބަރުން ވޯޓުނުދިނީ އިންޑިއާގެ އޯޑާރަކަށް
ލާއިން
30 January 2024
އެންމެ ގާބިލު މިނިސްޓަރުންނަ ރުހުން ނުދޭން އުޅުނީވެސް. ރުހުން ނުދިން ވަޒީރުންގެ ފެންވަރާމެދު އެމީހުން ސުވާލެއް ނުއުފައްދަވާ. މޯޑީގެ ދަށުވެފަ އޮތް ގުރޫޕެއް އެއީ
މުޖާހިދް
30 January 2024
އިންޑިޔާ އަޑީގަ ތިބެގެން އަބްދުﷲ ޝާހިދު މެން ލައްވާ ކުރުވާ ކަމެއް ތީ. ކިތަންމެ ފޮނެއް އެރުވިޔަސް އިންޑިޔާގެ ސިފައިން މިގައުމުން ބާލާނެ. ރައީސް މުއިއްޒު އިންޑިޔާ ކުރިމަތީގަ ކުޑަކަކޫ ނުޖަހާނެ.
ސުފްޔާން
30 January 2024
އިންޑިޔާގެ ބަލާވެރިކަން އަދިވެސް ނުނިމޭ. މިކަން އެންމެ ފުރިހަމަޔަށް ނިމޭނީ މިފަހަރުގެ މަޖިލިސް އިންތިހާބު ބޮޑުތަނުން ނަގައިގެން. އެނޫންގޮތަކުން ނެތް މިވެރިން ކިބައިން ސަލާމަތްވެވޭކަށް
ޝައުކަތް
30 January 2024
ހަމަ ސީދާ ހަސަދައެއް، ކޮންހާ ހަޑިއެއް ހާވާހަކަށް، ރީޗަށް ރުހުންދިނީމަ ނިމުނީއެއްނުން.