ރައީސް ޑރ. މުއިއްޒު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ.
30 ޖެނުއަރީ 2024 - 14:22
އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
އާ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަންނަވަން މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާއިރު، އާ މެމްބަރުން އިންތިހާބު ކުރާނެ މުއްދަތު ނެތުމުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާތައް ނުހިމަނައި މެމްބަރުންގެ އަދަދު ގުނާ ގޮތަށެވެ. އެއާ އެކު މަޖިލީހުގެ މި ދައުރުގެ ޖުމްލަ މެންބަރުންގެ އަދަދު 87 އިން 80 އަށް ދަށްވެ އެވެ. އޭރަށް މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް ގިނާ މިންވަރު ވެސް ވަނީ ބަދަލުވެފަ އެވެ.
އެ ބަދަލާ އެކު، މިހާރު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން އެކަނި ރައީސް މަގާމުން ވަކިކުރެވޭނެ އެވެ. އެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 57 މެންބަރުން މަޖިލީހުގައި އެބަ ތިއްބެވެ.
އެނގިފައިވާ ގޮތުގައި މަޖިލިސް މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެނައި އިސްލާހު ބާތިލު ކުރަން އެޓާނީ ޖެނަރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން އިއްޔެ ވަނީ ރައީސް ޑރ. މުއިއްޒު ވަކިކުރުމަށް އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން ފާސްކޮށްފަ އެވެ.
ޖުމްލަ މެންބަރުން ގުނާ އަދަދަށް ބަދަލު ގެނެސްފައިވާ އިރު ރައީސާއި ނައިބު ރައީސް ވަކިކުރެވޭ މަރުހަލާތައް އަވަސް ކުރަން ވެސް މަޖިލީހުގެ ގަވައިދަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
އެ އިސްލާހުތައް ހުށަހެޅީ މިހާރު އެމްޑީޕީ އާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސް އިންނެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވައި މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނާ ގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް މަޖިލީހަށް ގަރާރެއް ލިބިއްޖެ ނަމަ ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، އެ ދުވަހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.
އާ އިސްލާހާ އެކު، ކުރިން ދެ ގަޑިއިރަށް ކަނޑައަޅާފައި އޮތް އެ މައްސަލައިގެ ބަހުސް ތިން ގަޑިއިރަށް ވަނީ އިތުރު ކޮށްފަ އެވެ.
ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް 30 މިނެޓު ލިބިވަޑައިގަންނަވާއިރު، ކުރެވޭ ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް ތިން ވަކީލުން ގެންދެވޭނެ ކަމަށް އިސްލާހުގައި ވެ އެވެ. ކޮމިޓީގައި މައްސަލަ ކުރިއަށް ގެންދާއިރު ވެސް ހާޒިރުވެވަޑައިގެން ޖަވާބުދާރީވާން ފުރުސަތު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުހަމް މުހައްމަދު
31 January 2024
ބަގާވާތާ މަވެސް ދެކޮޅު.
ސޫދާ އިބްރާހިމް
31 January 2024
އެމްޑީޕީން ބޭނުންހާ އެއްޗެއް ހެދިގެން ނުވާނެ. މިކަން ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވަންޖެހޭ.
ޝުހުދާ އަލީ
31 January 2024
އިންޝާﷲ އެމްޑީޕީން ކުރާ ބަގާވާތް ފެއިލްވާނެ.
އިބާދަތު އަލީ
31 January 2024
ވަރަށް ރަނގަޅު ކަމެއް. މަގޭ ތާއިދު މިކަމަށް.
މުހައްމަދު އިސްމާއިލް
31 January 2024
މިކަން ޖެހޭނެ ބަދަލްކުރަން. ޝައްކެއްނެތް،
ރެޑް
31 January 2024
ގައުމުގެ ވެރިއަކު އިންތިހާބު ކުރިތާ އަދި ދުވަސްކޮޅެއް ނުވޭ. އާ މަޖިލީހެއް އިންތިހާބު ކުރުމަށް އިލަކްށަނުން އެއޮތީ އިއުލާންކޮށްފަ. ޕުރައިމަރީތައް ބާއްވާ ކޭންޕޭންތައް އެދަނީ ކުރިއަށް. މިހިނގަމުންދަނީ އިންތިގާލީ މަރުހަކާގެ ދުވަސްކޮޅު. ވީމާ ނިމެމުންދާ މަޖިލީހުގެ ނާޖާއިޒު ބޭނުންކޮށްގެން ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ބައާވާތެއް ކުރުމުގެ ފުރުސަތެއް ނުދެވޭނެ. ޢެނުވާނެ ސައްހް ކަމަކަށް. ހަޑި ހާވަން ނޫޅޭ.
ހެޔޮ ބަދަލު
30 January 2024
އިންތިހާބު ބާއްވާނީ ކީއްކުރަންބާ؟އެބުނާ އިއްޒަތްތެރި މެންބަރުން ވޯޓް ލައިގެން ވެރިއަކު ހޮވާ ތި ގޮތަށް ވެރިމީހާ ވަކިިކުރެވެންޔާ.. ވޯޓް ލީ ރައްޔިތުންގެ ހައްގަށް ވުރެ ދެތިން މެންބަރުންގެ އަމިއްލަ ފައިދާ އަށް އިސް ކުރެވެނީތި. ހެޔޮ ބަދަލު ފެނި ރައްޔިތުން ގެ ވިސްނުމާ ފިކުރު ރަނގަޅު މަގަށް އެޅިދާނެ ތީ ތެޅިބާލަނީތި.
ޒިންމާއަދާކުރޭ
30 January 2024
ހަބަރު ލިޔާއިރު ތަންކޮޅެއް ޒިންމާދާރުވެ ބަލަ. އިސްލާހު ގެނައީ އެމްޑީޕީ މެމްބަރުންނަކަށް ނޫން. އެޕާޓީގައި ތިބީ 40 އެެއްހާ މެމްބަރުން. އެމީހުންނަށް ރައީސް އަޒުލު ނުކުރެވޭނެ. މިގޮތަށް މިލިޔަނީ ރައްޔިތުންނަށް އޮޅުވާލައިގެން ނަފްރަތު އުފެއްދުމަށްތަ! ގެނައި އިސްލާހަކީ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ޖުމްލަ މެމްބަރުންގެ އަދަދު ބަލާގޮތަށް ހެދުން.
ޕިކްސް
30 January 2024
ރައީސް ވަކިކުރެވެންވާނީ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކު. ގޮނޑިއެއް ހުސްވެއްޖެނަމަ ކުރަންވީ ކަމަކީ އެގޮޑިއަށް މީހަކު އައްޔަންކުރުން އެއީ ކިތަންމެ ކުރު މުއްދަތަކަށްވިޔަސް.
އަލިބެ....
30 January 2024
މުޢިއްޒު ހޮވުނީ ހުރިހާ މީހުންގެ ވޯޓަކުން ނޫން. އެހެންވީމާ ޤާނޫނާ ޚިލާފު.
ތުރާކުނޭ
30 January 2024
ބަލަ ކަންމަތީ ބައްދަލު ވުމަކުން ނިންމޭ ކަމެއް ނޫން ވެރިކަމަކީ ، މިފަދަ ބޮޑު ކަމެއް ނިއްމާ އިރު ކޮބާތޯ ، ހުސްވެފައިވާ ދާއިރާތަކުގެ ރައްޔިތުންގެ މަންދޫބުންގެ ވޯޓު ، އެހެން ނޫނަސް ވެރިކަމުގެ ހިތިރަހަ އަދިވެސް ފިލާ ނުދޭ ، ހަމަ ތިބެން ޖެހޭނީ 5 އަހަރު ތިހެން ތެޅި ތެޅި
މުއިއްޒުއައުޓު
30 January 2024
އެރައްޔިތުން ދޫކޮށް މަގުމަތި ކޮށްލިމީހާ އެޒިންމާ ނަގަންޖެހޭނީ،، މިނިސްޓަރުގެ ދަހިވެތިކަމުގަ އެތައްރައއްޔިތުންގެ ހަގުތަށް އުލުބައިންދާލިއިރު ކަހެރުވަކޭވެސް ހިތަށްނޭރި،،
ފިލި މަޖިލިސް މެމްބަރުން
30 January 2024
ވޯޓަކާޖެހުނީމަ ކުޑަ ރަށްތައްމަތިން މިސަރުކާރު ހަނދާންވަނީ، ތަރައްގީ މިގެންނަނީ މުޅިން އެހެންތަނަކަށް، އެވެސް އެމްޑީޕީން ރާއްޖޭގެ ރަށްތަކުގައި ހިނގަމުންއައި ތަރައްގީގެ މަސަކަތްހުއްޓާލާފައި. ތިގޮނޑިތަކުގައި ތިބީ ރައްޔިތުންނަށް ހެޔޮއދިގެނެއްނޫން، އަމިއްލައެދުމުގައި. ރައްޔިތުން ދޫކޮށް އެމީހުން ފިލައިފި.